ޓެކްސް ބޮޑުކުރާ ބިލު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓަށް ނާހާ މިއަދު ވެސް މަޖިލިހުގެ ޖަލްސާ ނިންމާލައިފިއެވެ.
މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައި ވަނީ ޗާގޯސް ރަށްތަކުގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ސާފުކޮށްދިނުމަށް އެދިވަޑައިގެން ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ގަރާރު މަޖިލިހަށް ބަލައިގަތުމަށެވެ.
މެންބަރުން ވޯޓު ދެއްވާފައި ވަނީ އެ ގަރާރު ބަލައިނުގަތުމަށެވެ. ވޯޓު ދެއްވި މެންބަރުންގެ ތެރެއިން ގަރާރާ އެއްކޮޅަށް ވޯޓު ދެއްވާފައި ވަނީ 30 މެންބަރުންނެވެ. ގަރާރާ ދެކޮޅަށް 42 މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ.
ނާޒިމްގެ ގަރާރަށް ވޯޓަށް އެހި ވަގުތު، ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން ގެންދެވީ ރިޔާސަތުގެ ކުރިމަތީގައި އަޑުގަދަކުރައްވަމުންނެވެ. އަދި ޖަލްސާ ނިންމަވާލެއްވުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަޅުމުން ނުކުމެވަޑައިގަތް ވަގުތުގައި ވެސް ބައެއް މެންބަރުން އަޑުގަދަކުރައްވަމުން ގެންދެވިއެވެ.
އިއްޔެގެ ޖަލްސާ މެދުކަނޑާލާފަ އަލުން ފެށިއިރު، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހު ހިމެނޭ ބިލަށް ބަހުސްކުރުމަށް ފުރުސަތު ހުޅުވާލައްވައިފައެވެ. ނަމަވެސް އެއްވެސް މެންބަރަކު ބަހުސްކުރަން އެދިވަޑައިނުގަތުމުން ދެން އޮންނަ އުސޫލަކީ ވޯޓަށް އެހުމެވެ.
"އެއްވެސް އިއްޒަތްތެރި މެމްބަރަކު ފުރުސަތަކަށް އެދިވަޑައިގެންފައެއް ނެތް. އަދި މި ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ވެސް ނެތް،" ޖަލްސާ ނިންމަވާލައްވަމުން އަފީފް އެހެން ވިދާޅުވި އިރު ތަޅުމުގައި އިއްޔެ ތިއްބެވީ ތިންބައިކުޅަ އެއްބައި މެންބަރުންނެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ޓެކްސް ބޮޑުކުރާ ބިލަށް ބަހުސްކުރައްވައިފައެވެ. އަދި ޖަލްސާ ނިންމަވާލެއްވި އިރު، ކޯރަމް ހަމަވާ ވަރަށް މެންބަރުން ތިއްބެވިއެވެ.
މި ކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓް ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާ ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.