ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ހިދުމަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީ ހިދުމަތް ފެށުމަށް އެމަނިކުފާނު ވެވަޑައިގެން ވައުދުފުޅާ އެއްގޮތަށް މިއަދު ރ. އަތޮޅު ފެރީގެ ހިދުމަތް ފަށާފައިވާކަން އިއުލާނުކުރައްވާ ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގަައި ފެރީ ގެ ހިދުމަތް ފަށާނެ ކަމަށް ވެވަޑައިގެން ވައުދާ އެއްގޮތަށް އެ އަތޮޅުގެ ހިދުމަތް ވެސް ފެށިގެންދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.

އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މި އަހަރު ނިމުމުގެ ކުރިން ދެން ހުރިހާ އަތޮޅެއްގައި ވެސް އާރްޓީއެލްގެ ފެރީގެ ހިދުމަތް ފަށާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރިޔަށްދާ ކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.

ރ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށިގެން ދިއުމާ ގުޅިގެން އެ އަތޮޅުގެ ރައްޔިތުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ.

އާރްޓީއެލް ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތަކަކީ އެމްޓީސީސީން ކުރިން ބޭނުންކުރަމުން އައި ފެރީތަކުގެ ސްޕީޑަށްވުރެ 3 ގުނަ އަވަސް ފެރީތަކެކެވެ.