އަންނަ މަހުން ފެށިގެން ކާޑު މެޝިން ނުވަތަ ޕީއޯއެސް މެޝިނުން ކުރާ މުއާމަލާތްތަކުން ވަކި އަދަދެއް ކަނޑައަޅައި ތިމާވެއްޓަން ހޭދަކުރަން ބީއެމްއެލުން ނިންމައިފިއެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމެވެ.
ބީއެމްއެލުން މި ނިންމުން ހާމަކޮށް މިއަދު ބުނީ، "އީއެންވީ ޕޮސް"ގެ ނަމުގައި ފަށާ ޕްރޮގްރާމްގެ ދަށުން ބީއެމްއެލް ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރަން ހިންގާ މަސައްކަތަށް ހޭދަކުރާނެ ކަމަށެވެ.
އަންނަ ޖުލައި މަހުގައި ފަށާ މި ޕްރޮގްރާމަށް ކަސްޓަމަރުންނާއި ވިޔަފާރިތަކުން އިތުރު ހޭދައެއް ކުރަން ނުޖެހޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، "އީއެންވީ ޕޮސް" މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން އަހަރަކު 5.5 މިލިއަން ރުފިޔާ ވަރު ވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
"މިއީ އަޅުގަނޑުމެން އެއްފަހަރު ހިންގާލާ ކެމްޕޭނެއް ނޫން. މިއީ ތިޔަބޭފުޅުންގެ އެހީތެރިކަމާއެކު އީއެންވީ ޕޮސްގައި ކުރެވޭ ކޮންމެ މުއާމަލާތަކާ އެކު ހިނގަމުންދާނެ ދިގު މުއްދަތުގެ، ދެމެހެއްޓެނިވި މަސައްކަތެއް، އަޅުގަނޑު ހަމަ ކޮންމެ ފަރުދަކަށް، ކޮންމެ ވިޔަފާރިއަކަށް، އަދި ކޮންމެ މުޖުތަމައަކުން އެދެނީ ތިޔަބޭފުޅުން ދުވަހުން ދުވަހަށް ކުރާ ވިޔަފާރީގެ މުއާމަލާތްތައް ތިމާވެށި ރައްކާތެރިކުރުމުގެ ބާރަކަށް ބަދަލުކޮށްލަން،" އޭނާ ވިދާޅުވިއެވެ.
"އެއީ ކާބޯތަކެތި ގަތުން، ރެސްޓޯރަންޓަކަށް ފައިސާ ދެއްކުން، ނުވަތަ އެހެން ހިދުމަތަކަށް ފައިސާ ދެއްކުން ކަމުގައިވިޔަސް ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ފައިސާ ދެއްކުމަށް ހިޔާރުކުރެއްވުމަށް ދަންނަވަން،"
މި ޕްރޮގްރާމްގެ ދަށުން ލިބޭ ފައިސާ ބޭނުންކުރާނީ ކަމުގެ ތަޖުރިބާހުރި ޖަމިއްޔާތަކާއި ބައިވެރިންނާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ހިންގޭ މަޝްރޫއުތަކަށް ކަމަށާއި، އެ މަޝްރޫއުތަކުގެ ތެރޭގައި ރީސައިކަލްކުރުމާއި ކުނި މެނޭޖްކުރުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށް ބީއެމްއެލުން ބުންޏެވެ.