ލާމަރުކަޒީ ނިޒާމަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ކުޑަކޮށް ކައުންސިލް މެންބަރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯދުމުގެ ގަރާރަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި މި ގަރާރު މިދިޔަ ހޯމަ ދުވަހު މަޖިލީހުން ފާސްކޮށްފައި ވާއިރު، އަންނަ ޖުލައި މަހުގެ 8 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް މި ގަރާރަށް ހިޔާލު ހުށަހެޅުމަށް މަޖިލީހުން ވަނީ ހުޅުވާލާފައެވެ.

ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ ކައުންސިލްގެ ހަތަރު އިންތިހާބެއް ބޭއްވި އެތަކެއް ހާސް ކައުންސިލަރުންނެއް އިންތިހާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލެއް ނުވަތަ ފަސޭހައެއް ފެންނަން ނެތް ކަމަށެވެ. އަދި މި ބަދަލާއެކު ރަށްތަކުގެ ތަރައްގީއަށް އައިި ބަދަލެއްވެސް ފެންނަން ނެތްކަމަށް މި ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

މިހާރު މިނިޒާމު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިޔާސީ ޕާޓީތަކުގެ އިސް ހަރަކާތްތެރީން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރީންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް ބަދަލުވެފައިވާކަމަށް މި ގަރާރުގައި ޝުޖާއުވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ކުރެވުނު ދިރާސާތަކުންވެސް، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކައުންސިރަލުންގެ އަދަދާމެދުކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ކުދިކުދި ރަށްތަކުގައިވެސް ފަސް ކައުންސިލަރުން ތިބެންޖެހުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އިސްލާހުތައް ބެނުންވާ ކަންކަންކަމަށެވެ.

ކޮންމެ ރަށަކަށް، މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް މުސާރައަށް ބޮޑު ހޭދައެއްކުރުމަކީ ކުރަންޖެހޭ ކަމެއްތޯ ސުވާލު އުފައްދަމުން ޝުޖާއުވަނީ މި ނިޒާމުގައި މިކަހަލަ ދެކޮޅު ނުޖެހޭ ކަންތައްތައް ހުރިކަން ފާހަގަކުރައްވާފައެވެ.