ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތް ބަހައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ފައިސާ ބަހާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 2852 މީހުންގެ ބޮލަކަށް 5000 (ފަސްހާސް) ރުފިޔާގެ ރޭޓުން ޒަކާތް ބަހާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.
2021 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށްއޮތް ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކަށް ފައިސާ ޖަމާކުރަމުންދަނީ އެފަރާތްތަކުގެ އެކައުންޓުތަކަށެވެ.
އެގޮތުން ނިމިދިޔަ 2024 ވަނަ އަހަރު މާލެ އާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް ބޮލަކަށް 4000 ރުފިޔާ ބަހާފައި ވެއެވެ. އަދި 2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރެން ވާޖިބުވާ ނިސާބަށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ބަދަލު ގެނެސްފައެވެ.
މިގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ އިދާރާއިން އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށްފަހުގައި ކަމަށްވާތީ، 22 ޖަނަވަރީ 2025 އިން ފެށިގެން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، ރިހީގެ ގުރާމަކަށް 14.9 ރުފިޔާގެ ރޭޓުން 595 ގްރާމަށްވާ 8،800.05 ރުފިޔާއަށް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.