ދިވެހިން ނިދާފައި ތިއްބާ، ފޮނުވާލި "ސިޓީކޮޅު" ގައި މޮރިޝަސް އަށް ތާއީދު ކުރަން ނިންމެވީ ކީއްވެގެންކަން މުޅިން ސާފުނުވެ އޮއްވާ މިފަހަރު މިއޮތީ މެދުޒިޔާތަރަށް ބޮޑު ދިދަ ނަގާފައެވެ.

އެއީ އެއްބަޔަކަށް ހުރާފާތެކެވެ. އެކަން މަނާކޮށް ވަގުތުން ވަގުތަށް ދިދަ ބާލަން އަންގާ، އާންމު މުއާމަލާތަށް ބޭނުން ކުރާ ސޯޝަލްމީޑިއާގައި އެމީހުން ދަނީ ގޮވާލަމުންނެވެ. އެއީ އެކި އެކި ކަރަކަރައިން ދީނީ އިލްމު އުނގެނިގެން ވަޑައިގެން ރާއްޖޭގައި ފަތުވާ ދެއްވާ ބައެއް އިލްމުވެރިންނެވެ.

އެބޭފުޅުން ވިދާޅުވަނީ އެއީ ބިދުއައެއް، މުންކަރާތެއް ކަމަށާއި އެކަން ހުއްޓިފައި ވަނިކޮށް އަލުން ދިރުވާ އާލާކުރަނީ ފަހެ ކޮން ބޭނުމެއްގައި ތޯއެވެ.

މީގެ 30 އަކަށް އަހަރަށް ވުރެވެސް ކުރިން، މައުމޫންގެ ވެރިކަމުގައި އެ ޒިޔާރަތުގައި ހުރި ދިދަތައް ނެގިއެވެ. އެއަށްފަހު ދިދައެއް ނެތި އެހެނަސް، ރާއްޖޭގެ ލޭންޑްމާކެއްގެ ގޮތުގައި، ރާއްޖެ އަންނަ ފަތުރުވެރިންނާއި ޒިޔާރަތް ކުރާ މެހެމާނުންނަށް ދައްކާލާ ތަނެއްގެ ގޮތުގައި އެތަން މިއަދާ ހަމައަށްވެސް ހުރީ ވިދަވިދައެވެ. ނަމަވެސް އަޅާލުން ކުޑަވެ ނުވަތަ ބެލެހެއްޓުން ކުޑަވެ، އެތާނގެ މަގުފާރުން ވަދެވެން ހުންނަ ދޮރެއް ހަލާކުވެފައި ހުރި ވަގުތެއްގައި ގޯތި ތެރެއަށް ބިދޭސީން ވަދެ "ކޭމްޕް ޖަހާ" ހަދާތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ދާދިފަހުން އާންމު ވިއެވެ.

އެއަށްފަހު ދެން މި ފެނުނީ، ކުއްލިއަކަށް ބޮޑު ދިދަދެއް ނެގިތަނެވެ. ބޮޑު ދިދައާއެކު މެދު ސައިޒުގެ 10 ދިދަ އާއި ކުދި ސައިޒުގެ 24 ދިދަ ޖަހާފައި ހުއްޓައެވެ.

ވެރިކަމުގެ ދައުރު ފެށުނީއްސުރެ ފާޑުކިޔާ މީހުންގެ ދުލު ކުރިން ރެކިވަޑައިގެއްނެނެވޭ ފަހަރަށް ވުރެ ބެދޭ މަޅި ގިނަ ވަމުން އައިސް މި ފަހުން ކޮންމެ ކަމެއްގައި ސަރުކާރަށް މިހާރު އޮތީ ޑިފެންސަށް ކުޅުމެވެ.

އެއްކަމެއް ދެކަމެއް ނޫނެވެ. ފުލުފުލުގައި ރިހޭފައިމައްޗަށް ފޮއެ ވެއްޓެމުން ވެއްޓެމުން ދަނީއެވެ.

ޗާގޯސް މައްސަލައިގައި ސަރުކާރުން އުޅުނީ މޮރިޝަސްއަށް ވެސް ހެޔޮ، ރާއްޖެއަށްވެސް ހެޔޮ ގޮތެއް ހޯދާން ކަމަށް ސަރުކާރުން ކިތަންމެ ވަރަކަށް ބުނެދިނަސް، އެ ބުނުން ދިވެހިންގެ ބޮލަކަށް ނުވަދެއެވެ. ދިވެހިންގެ ބޮލަށް ނުވަންނަނީ، މޮރިޝަސް އަށް ޗާގޯސް ދީފައި އިންވަކި ކުރާ އިރު ރާއްޖެއަށް ބައެއް ނުގެއްލި އެކަން ވާނެ ގޮތެކެވެ.

ދެން އެކަމަކާއި އޭގެ ކުރިން ހުރި ކިތަންމެ ކަމެއްގެ ވާހަކަ އިއްޔެ އޮތް ބަޖެޓް ބަހުސްގެ ފަހު މަރުހަލާގައި މެންބަރުން އޮއްސާލީ ތަޅުމަށެވެ.

ރިޔާސީ ވައުދުފުޅުގެ ގޮތުގައި، ވެ ވަޑައިގެންނެވި ކިތަންމެ ވައުދެއް ނުފުއްދި ހުރީއެވެ. ބަޖެޓްގައި ޖެހިޔަސް ނުފަށާ މަޝްރޫއު ތަކާއި ފެށިޔަސް، ހުއްޓާލާ މަޝްތޫއުތަކާއި، ފަށަން ބަޖެޓް ކުރާ ފައިސާ ފަހުން އެހެން ކަމަކަށް ބޭނުން ކުރުމާއި، ބިޑް ކޮށް، ބިޑް ނަގާ، ރީ ބިޑް ކޮށް، އެވޯޑް ކޮށް، އަނެއްކާ މަޝްރޫއަށް ބަދަލުތަކެއް ގެންނަން ޖެހުން ފަދަ ކިތަންމެ ކިތަންމެ ކަމެއް މެންބަރުން ދިޔައީ ފާހަގަ ކުރައްވަމުންނެވެ. އޭގެ އިތުރުން އެ ބޭބޭފުޅުންގެ ދާއިރާތަކަށް ކަންކަން ނުވާ ވާހަކައާއި، އެކެއް ދެ ކުންފުންޏަކަށް ހުރިހާ މަސައްކަތެއް ހަވާލު ކުރުމުން، އާންމު ރައްޔިތުން ތިބީ ކުރާނެ މަސައްކަތެއް ނެތި ހުސް އަތާ ކަމަށާއި، އާންމު ވިޔަފާރި ތެރެއަށް ސަރުކާރުގެ ކުންފުނިތައް ވަދެ ފަށައިގަތީމައި ކަންމަތީފިހާރަތަކާއި މެދުފަންތީގެ ވިޔަފާރިތައް ހުލިވެއްޖެ ކަމުގެ ވާހަކަތަކެވެ. ދެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީން "ކާލި ލާރިގަނޑު" ހޯދަން އައިސް އެވެސް ނުހޯދި، މި ސަރުކާރުންވެސް "އިތުރަށް ކަމުން ކަމުން" ދާ ކަމުގެ ވާހަކަތަކެވެ.

ބަޖެޓް ބަހުސް އަޑުއަހާލަން އިން އިރު އަޅުގަނޑަށް ހައްތަހާވެސް އިވެމުން ދިޔައީ، އެކަމެއް ނުވޭ، މިކަމެއް ނުވޭ، ބަޖެޓް ކުރޭ، ލާރިއެއް ނުހުރޭ، އިތުރު ދައުރެއް ދޭނީ ކިހިނެއްތޯ އޭ އައްސަވާ މެންބަރުންގެ މާޔޫސް ކަމުގެ ރިހުމުގެ އަޑެވެ.

ބަހުސް ވާހަކަ ދިގު ނުކޮށް، ޗާގޯސްގެ ފަހަތަށް ޖެހިލާއިރު، ދެން ދިމާވީ، ޑްރަގް މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ދެކުނުގެ ރަށަކުން ހައްޔަރު ކުރި ޒުވާނަކު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލައެވެ. އެ ޒުވާނާ އަށް ފުރަތަމަ މަރުހަލާއިން ފެށިގެން އަޅާލައި ފަރުވާއެއް ދޭން ނޫޅެވުމުން މިއަދުވެސް އިދާރާތަކަށް މަޖުބޫރުވެފައި ވަނީ ސާބިތުކަން ދައްކާށެވެ.

ދެން އައީ ޓެކްސް ބޮޑުކުރާ މައްސަލައެވެ. މުސާރަ ބޮޑުކޮށް ދިނުމާއެކު އެހެން ހުރި ކުދިކުދި ދަރަނިކޮޅުތަކާއި ކަންކަން ހަމައަކަށް އެޅެމުން ގޮސް މުވައްޒަަފުންގެ މޫނުމައްޗަށް ހަމަ ހިނިތުންވުން އައި ވަގުތު ސަރުކާރު މި އޮތީ ޓެކްސް ނަގަން ނިންމާފައެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރާ އިރު، މިގައުމުގައި ޓެކްސް ނުދައްކާ ވިޔަފާރިތަކުގެ އަދަދު އެއްކޮށްލީމައި މިލިއަނުން މިލިއަނުން އަރާ އިރު އެ ފައިސާ ހޯދަން ނޫޅެ ސަރުކާރުން "ރައްޔިތުން ފެލާން" ދިމާ ކުރުމުގެ ނުރުހުން ފެށިއްޖެއެވެ. ޓެކްސް ނަގާން ޖެހޭކަން ރައްޔިތުން ގަބޫލު ކުރިޔަސް، ރައްޔިތުންނަށްވެސް އެއްޗެއް ނުލިބި އިތުރަށް ފެލައިގެން ނުކުންނާނީ ލޮނދިކޮޅު ނޫން ދެން ކޮންއެއްޗެއްތޯ އާންމުން ސުވާލު ކުރެއެވެ.

ދެން ބޯމަތިވެގެން އައީ އިއްޔެރޭ ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގެ ޝަކުވާއެވެ. އެ ހާދިސާގައި 10 މީހަކު މަރުވެފައި ވާ އިރު، އެމީހުން ދިރިއުޅުނު ތަނުގެ ހާލަތު ބަލާލެވިފައި ނެތުމާއި، އަދި އެފަދައިން މާލެތެރޭގައި ހުރި ބިދޭސީން އުޅޭ ތަންތަނުގެ ހާލަތު ބަލައި، ފިޔަވަޅު އަޅާނެ އިދާރާއެއް ނެތި ސަރުކާރުން "ބޮޑު ވަރިހަމަ" ވެފައި އޮތުމުގެ ޝަކުވާއެވެ.

ފަހުކަމަކަށް މިއަދު މި އައީ، މެދުޒިޔާރަތަށް ނެގި ބޮޑު ދިދައެވެ. މިހާރު ފެންނާން އެހުރި މެދުޒިޔާތަކީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އާބާތުރަފިލުގައި ހެއްދެވި ތަނެވެ. އިހުގައި އެތަނަށް މީހުން ނަދުރު ބުނެ ހަދާ އުޅުނަސް 1957 އިން ފެށިގެން ނަދުރު ބުނުން އޮތީ މަނާކޮށްފައެވެ.

ދެން ރާއްޖޭގެ ތަރިކައާ ބެހޭ ވުޒާރާއަކީ މާ ގިނަ މަސައްކަތެއް ފެންނާން ނެތް ނުވަތަ އެންމެ ޕާފޯމަންސް ދަށް ވުޒާރާގެ ގޮތުގައި ފެންނަ އިރު މާލޭގެ އިހުގެ މެދުގައި ހުރި ބޮޑު ޒިޔާރަތަށް ބޮޑު ދިދަ ނެގީމައި ކޮންމެވެސް ކަމެއް ކުރެވުނީ ކަމަށް ދެކެނީ ތޯއްޗެކެވެ. އެހެންނާ ދެން އެތަނަށް ދިޔަ ނެގިޔަސް ނުނެގިޔަސް މީހުން ޒިޔާރަތް ކުރާނެއެވެ. ނަމަވެސް ރީތި ދިދަތަކާއި ކުލަތަކުން ޖަރީ ކުރީމައި ޝައުގުވެރިވާ މީހުން ގިނަވެފައި ފަހަރުގައި ހެރިޓޭޖް ކަންކަމަށް ހަރަދު ކުރާން އިތުރު ފައިސާއެއް ދައުލަތަށް ލިބިދާނެވެސް މެއެވެ.