މަމްސް އެއިޑްގެ ކެއާ ލިސްޓުގައި 2024 ވަނަ އަހަރުން ރެޖިސްޓްރީ ކުރެވިފައިވާ އާއިލާތަކުގެ ތެރެއިން ދަތިހާލަތުގައި ދުވަސްތަށް ހޭދަކުރަމުންދާ، އަދި ގެވެށި އަނިޔާ ތަހައްމަލުކޮށް މުޖުތަމައުގެ އެހީއަށް ބޭނުންވެފައިވާ، އިތުރު އާއިލާއެއްގެ ހާލަތު ބަދަލުކުރުމުގެ މަސައްކަތް މަމްސް އެއިޑްއިން ފަށައިފިއެވެ.

އަންހެނުން ހާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ މަމްސް އެއިޑްއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހާލުގައި އުޅެމުންދާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މުޖްތަމައުގެ އެކި ފަރާތްތަކުގެ އެހީތެރިކަމާއި އެކު މަމްސް އެއިޑް އިން ކުރިއަށް ގެންދާ ޕްރޮގްރާމްގައި މިފަހަރުގެ އާއިލާއަކީ 5 ކުދިންނާއެކު ދިރިއުޅެމުން އަންނަ ހަމްދާ (އަސްލު ނަމެއްނޫން)އެވެ.

ހަމްދާއަކީ ކުޑައިރުން ފެށިގެންވެސް އާއިލާގެ މާބޮޑު އެހީތެރިކަމަކާއި ނުލާ ބޮޑުވަމުން އައި ކުއްޖެކެވެ. ހަމްދާގެ އުމުރުން އެންމެ 10 އަހަރުގައި މައިންބަފައިންގެ ކައިވެނި ރޫޅި،މަންމަ އާއި ބައްޕަގެ ފުރިހަމަ ލޯތްބާއި އަޅާލުން ނުލިބި ދިރިއުޅުމުގައި އަނިޔާތަކާއި ކުރިމަތިލާން ޖެހުނެވެ. ގޭތެރެއިން އާއިލާ މީހެއްގެ ފަރާތުން ހަމްދާއަށް ޅައުމުރުގައި ޖިންސީ ގޯނާއާއި ކުރިމަތިލާން ޖެހުނު އިރު އޭނާ އަށް ލިބެންޖެހޭ ރައްކާތެރިކަން އޭނާގެ ބަލަދުވެރިންގެ ފަރާތުން ނުލިބުމުން، ގޭތެރޭގެ ވާހަކަތައް ރައްޓެހިންނާއި ހިއްސާކޮށް، ގިނަވަގުތު އެމީހުންނާއެކު ބޭރުގައި ހޭދަކުރަން ފެށުނެވެ. އެމީހުން ކުރާ ކަންތައްތަކަކީ ރަނގަޅު ކަންކަން ކަމުގައި ގަބޫލު ކުރެވި، ހަމްދާގެ އުޅުންވެސް ބަދަލުވާން ފަށުމާއެކު އޭނާގެ ކިޔެވުމަށްވެސް ހުރަސް އެޅެން ފެށިއެވެ.

ހަމްދާ ދިރިއުޅެމުން އަންނަ ގެ / ފޮޓޯ: މަމްސް އެއިޑް

އުމުރުން 18 އަހަރުވުމާއި އެކު އޭރު ހަމްދާ ރައްޓެހިވެގެން އުޅުނު ޒިއާއާއި ކައިވެނި ކޮށް، އޭނާގެ ރަށަށް ބަދަލުވިއެވެ. ހަމްދާއަށް މިހާދުވަހު ނުލިބުނު ލޯތްބާއި އަޅާލުން މި ކައިވެނިން ލިބުމާއެކު ކައިވެނީގެ ކުރީކޮޅު ޒިއާގެ ފަރާތުން ހަމްދާއަށް ބޭނުންވާ ލޯބި ލިބުނެވެ. އެހެންނަމަވެސް ދުވަހަކަށްވުރެ ދުވަހެއް ދެ މީހުންގެ ދެމެދުގައި ޖެހޭ މައްސަލަތައް އިތުރުވެ އާމްދަނީ ހޯދަން މަސައްކަތެއް ނުކޮށް ޒިއާ ގޭގައި އޮންނަ ދުވަސްތައް ގިނަވެ، ކައިރި ގޭގެއިން އެތިކޮޅު ހޯދައިގެން ގެނެސް ކާ ދުވަސްތައް އިތުރުވާންފެށިއެވެ. ފިރިމީހާގެ އުޅުމެއް ނެތި، ބީރައްޓެހި ރަށެއްގައި ހަމްދާ އެކަނިވެ، ގެއިން ނުކުންނަން ނުކެރި ގޭގައި ބަންދުވިއެވެ.

ދުވަސްތަށް ހޭދަވަމުން ގޮސް ހަމްދާއަށް ގާތްގާތުގައި 4 ކުދިން ލިބުނެވެ. ފިރިއެއްގެ އެހީތެރިކަމާއި ނުލާ ސަލާން ޖަހައިގެންނާއި ހެޔޮ އެދޭ މީހަކު ދިއްކޮށްލާ މަދު އެއްޗަކުން ކުދިންގެ ހައިހޫނުކަން ފިލުވައި އެކުދިންނަށް ކިޔަވައި ދެވޭތޯ ހަމްދާ ގަދައަޅައި މަސައްކަތް ކުރިއެވެ. ޒިއާ ބޭނުންވީމަ މަހަށް ގޮސްލާފައި ލިބޭ އެއްޗަކުން ގެޔަށް މަދު ފަހަރަކު ކާނެ އެއްޗެއް ހޯދައިދޭނެއެވެ. ނުވަތަ ގޭގެ މުޅި ހަރަދަށް 800 ރުފިޔާވަރު ހަމްދާގެ އަތަށް ދީފައި، ބާކީ ހުރިހާ ރުފިޔާއެއް ޒިއާ ހަރަދު ކުރަމުން ދިޔައީ ރައްޓެހިންނާއެކީ ކޮފީތަކަށް ދިއުމާއި އެކި ކަންކަމުގައެވެ. 5 ވަނަ ދަރިފުޅަށް ބަލިވެ އިން ހިސާބުން ހަމްދާގެ ބަލިހާލަތު ގޯސްވެ، 4 ކުދިންނާއި ގޭތެރޭގެ ކަންކަން ކުރަން ދަތިވާން ފެށިއެވެ. ނަމަވެސް ޒިއާގެ ފަރާތުން ގޭތެރޭގެ މަސައްކަތުގައިވެސް އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބި ހުރިހާ ޒިންމާއެއް ނަގަމުން ދިޔައީ ހަމްދާ އެކަނިމާއެކަނިއެވެ.

ހަމްދާ ދިރިއުޅެމުން އަންނަ ގެ / ފޮޓޯ: މަމްސް އެއިޑް

ހަމްދާގެ ދިރިއުޅުން އެއްކޮށް ހުއްޓުމަކަށް އައީ ފިރިމީހީ އެހެން އަންހެނުންނާއި ވާހަކަ ދައްކާ، އެމީހުންނަށް ހަރަދުކުރާކަން ފަޅާއެރި ހިސާބުންނެވެ. އެކަން ހުއްޓާލުމަށް އެދި ވާހަކަ ދެއްކުމުން ޒިއާ ރުޅި އައިސް ހަމްދާއަށް އަނިޔާ ކުރަންފެށިއެވެ. ނަމަވެސް ހަމްދާ އުންމީދު ކުރަމުން ދިޔައީ ކޮންމެވެސް ދުވަހަކުން ޒިއާއަށް ވިސްނި ހަމްދާއާއި ކުދިން ކައިރިއަށް އަންނާނެ ކަމަށެވެ. އެއްދުވަހަކު މީހެއްގެ ފަރާތުން ޒިއާ އަންހެނުންނަށް ފައިސާދީގެން އެމީހުން ކައިރިއަށް ދާ ވާހަކަ އެނގިގެން ސުވާލު ކުރުމުން އެކަމާ ރުޅިގަދަވެ ކަރުގަ ހިފާ ފާރަށް ހޫރާލިއެވެ. އެދުވަހު ހަމްދާ ޕޮލިހަށް މައްސަލަ ހުށަހެޅުމުން ޑޮކްޓަރަށްވެސް ދެއްކިއެވެ. އޭރުވެސް ޒިއާ ހަމްދާގެ ކަރުގައާއި އަތުގައި ހިފަާފައި ހުރި ތަންތަން ހުރީ ނޫފައިގެންފައެވެ. ނަމަވެސް މައްސަލަ ދޫކޮށްލަން ޖެހުނީ އެއްވެސް މީހެއްގެ އެހީއަކާނުލައި ކުދިންގެ ކަންކަން ކުރަމުން، ކޯޓަށްގޮސް ހުރިހާ ކަމެއް ކުރަން އުނދަގޫ ވާތީއެވެ.

ޒިއާގެ ރުޅިއާއި އަނިޔާވެރިކަން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. ކުދިން ކުރިމަތީ އަނިޔާ ކުރުމާއި ހަޑިހުތުރު ބަހުން ހަމްދާއާއި ދިމާލަށް އެއްޗެހި ގޮވާ ޒުވާބު ކުރުން މިއީ އޭނާގެ ޢާންމު ކަމަކަށް ހެދިއެވެ. ހަމްދާ ކުރި އާދޭހާއި ވަމުންދިޔަ ގުރުބާނީއަށް ނުބަލާ ޒިއާ ހަމްދާ ވަރިކޮށްލާފައި ދިޔައީ 5 ވަނަ ދަރިފުޅު ވިހަން ވަރަށް ގާތްވެފަ އިންދައެވެ. ޒިއާ ހަމްދާ ވަރިކޮށްފައި ދިޔަ ފަހުން ކުދިންގެ ހާލުބަލަންވެސް ގުޅާލަނީ މަދު ފަހަރަކުއެވެ.

"އަހަރެން ބަލިވެ އިންދާ އެތައް އަނިޔާއެއް ކޮށް، ވަރިކޮށްލާފަ މި ފަޅުގެޔަށް ކުދިންތަކާއެކު ދޫކޮށްލާފަ ދިޔައިރު އޭނާގެ ހިތަށް އެއްވެސް އެއްޗެއް ނާރާ. މިފަޅުގޭގައިއަހަރުމެން އުޅޭތާ މިހާރު މިވީ 9 އަހަރު. ކިތަންމެ ރެޔަކު، މާދަމަ އެކުދިންގެ ކަންކަން ކުރާނީ ކިހިއްކަން ނޭނގި ގޮތް ހުސްވެފަ އަހަރެން އޮންނަން. މިއަދު އަހަރެން އެންމެ ހިތްދަތި ވަނީ މާދަމާވެސް އަހަރެން ބަލި އެނދުގައި އޮށޯންނަން ޖެހިއްޖެނަމަ، ދޮށީ ދަރިފުޅަށް (މަލާ) ވިސްނާލާފަ. އެންމެ 12 އަހަރުގައި 4 ކޮއްކޮގެ ޒިންމާ އެކުއްޖާ ނަގާނީ ކިހިނެއް؟ ގޭގައި ކާނެ އެއްޗެއްނެތި ހަމައެެކަނި ޖޫސްތައްޓެއް ނޫނީ ކަޅުސައި ތައްޓެއް ބޮއެގެންވެސް ސުކޫލަށް ދާ ދުވަސްތައް މަދެއް ނުވާނެ. ކުދިންގެ ބައްޕަ އެކުދިންނަށް ހަރަދު ކޮށްލާނެ ރުފިޔާއެއް ދިއްކޮށްލާނީ މަދުފަހަރަކު" އަސަރާއި އެކު ހަމްދާ އޭނާގެ ހާލަތު ކިޔާދެމުންދިޔައެވެ.

ހަމްދާ ދިރިއުޅެމުން އަންނަ ގެ / ފޮޓޯ: މަމްސް އެއިޑް

ހަމްދާ އާއި އޭނާގެ 12 އަހަރުން ދަށުގެ 5 ކުދިން، ފަޅު ގެޔެއްގައި ވޭތުވެ ދިޔަ 9 އަހަރު ހޭދަކުރަމުން މި އަންނަނީ ހިތްދަތި ކަމުން ފުރިގެންވާ، ނިކަމެތި ދިރިއުޅުމެކެވެ. ކުށެއް ނެތް މި ކުދިން ދިރިއުޅެމުންދާ ގޭގެ ކޮންމެ ދިމާލަކަށް ބަލާލި ކަމުގައި ވިޔަސް ފެންނަނީ ބާވެ ވީރާނާވެފައިވާ މަންޒަރެވެ. ބޮޑުވަމުން އަންނަ 4 އަންހެން ކުދިން ތިބި އިރު، ގޭގެ ބޭރު ދޮރާއި ކުޑަދޮރުތައްވެސް ހަލާކުވެ، މި އާއިލާއަށް މިގޭގައި އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ބަދިގެއާއި ގޭތެރޭގައި ހިފާ ގެންގުޅޭ ތަކެތި ބަހައްޓާނެ ޖާގައެއް ނެތްއިރު، ކުދިން ހަމަޖެހިގެން ކިޔަވަން ތިބެލާނެ ޖާގައެއްވެސް ނެތެވެ. ގޭގެ ފެންވަޅު އިންނަނީ ޖަންކްޝަނާއި ވަރަށް ކައިރީގައި ކަމުން، ޗަކަ ފެން އަރާތީ ބެލިއިރު ހުރީ ޖަންކްޝަނުން ލީކުވެ ވަޅުފެނާ ގުޅިފައެވެ. މިކަމުގެ ސަބަބުން ސަޕްލައި ފެން ބޭނުން ކުރަން ޖެހި ފެންބިލަށް ބޮޑު އެއްޗެއް އަރައެވެ. 10 ފޫޓުގެ ކުޑަ ކޮޓަރިއެއްގައިހަމްދާއާއި 5 ކުދިން ނިދަނީ ވަރަށް ދަތިހާލުގައެވެ. ހަމްދާ ނެތް ދުނިޔެއެއްގައި އެކުދިން ބިކަވެ އަޅާލާނެ މީހަކު ނެތި، އެއިން ކުއްޖަކަށް މީހެއްގެ ފަރާތުން އަނިޔާއެއް ލިބިދާނެތީ އޭނާ ވަރަށް ކަންބޮޑުވެއެވެ.

ވަރަށް ފަހުން މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ ހަމްދާ ބުނީ އޭނާ ދިރިއުޅޭ ގެއާއި ސުކޫލް ހުންނަނީ ވަރަށް ދުރުގައި ކަމަށެވެ. "ކުޑަ މީހާ އުރައިގެން، ދަބަސްތައް އުފުލައިގެން ސުކޫލުދޮށަށް ދާން ވަރަށް ބުރަ. މިހާރު އެހެންވެ ވަރަށް ބޭނުން ކުދިން ލައިގެން ދުއްވޭ ކަހަލަ ބައިސްކަލެއް ވިޔަސް ގަންނަން. އޭރުން ކުޑަ މީހާ ދެންތިބި ކުދިން ކައިރީގައި ބާއްވާފަވެސް ސުކޫލުދޮށަށް ގޮސްސަ އަވަހަށް އާދެވޭނެ. މިއަދު އަޅުގަނޑު އެންމެ ބޭނުންވަނީ އެކުދިން ގޮވައިގެން އުފާވެރި ދިރިއުޅުމެއް. އެކުދިންނަށް ރަނގަޅު ތައުލީމެއް ދެވޭނެ ގޮތެއް." ހަމްދާ އޭނާގެ އުންމީދުތައް މަމްސް އެއިޑް ޓީމްއާއި ހިއްސާކުރަމުން ދިޔައެވެ.

ހަމްދާ ދިރިއުޅެމުން އަންނަ ގެ / ފޮޓޯ: މަމްސް އެއިޑް

ކުޑަ ކުދިންތަކެއް ގޮވައިގެން އެހެން މީހެއްގެ އެހީތެރިކަމެއްނެތި އުޅެންޖެހުމުން އާމްދަނީ ލިބޭނޭ މަސައްކަތެއްވެސް ހަމްދާއަށް ނުކުރެވެއެވެ. ކިރިޔާވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަނީ ހަމްދާގެ ބޮޑުދައިތައެވެ. ކުދިންނާއި ގޭގެ ހުރިހާ ކަމެއް ކުރަން އެކަނިވެރި މައިންގެ އެލަވަންސް ގޮތުގައި ލިބޭ 5000 ރުފިޔާއިން ކުޑަ 2 ކުދިންގެ ނެޕީ އަދި ކިރުދަޅު ގަނެ، ގޭގެ ކަރަންޓް ބިލާއި ފެންބިލު ކޮންމެ ގޮތެއް ހަދާފައިވެސް ދައްކަން ހަމްދާއަށް މަޖުބޫރެވެ. ބިލްތައް ނުދެއްކިއްޖެނަމަ ކުދިން ގޮވައިގެން ތިބެން ޖެހޭނީ ކަނު އަނދިރީގައެވެ. ފެން ކަނޑާލައިފިނަމަ ފެން ނަގަން ހުރީ ކުރިން ބުނެވުނު ނަޖިސް ފެންވަޅެވެ.

މަމްސް އެއިޑްގެ އަމާޒަކީ މި އާއިލާއަށް 1 އަހަރު ދުވަހަށް ބޭނުންންވާ ކާބޯތަކެއްޗާއި ކުދިންގެ ސުކޫލު އިންޓަވަލް ފޯރުކޮށްދީ، ގެޔަށް ކޮންމެހެން ބޭނުންވާ ފަރުނީޗަރާއި ހިފާގެންގުޅޭތަކެތި ހޯދައިދިނުމުގެ އިތުރުން ކުދިން ގޮވައިގެން ސްކޫލު ދޮށަށް ދިއުމަށް ފަސޭހަ ކޮށްދިނުމަށް ބައިސްކަލެއް ހޯދައިދިނުމެވެ. އަދި މީގެ އިތުރުން 4 ކުދިންގެ 1 އަހަރު ދުވަހުގެ ގުރުއާން ފީ އާއި ޓިއުޝަން ފީ ދެއްކޭނެ މަގު ފަހިކޮށް ދިނުމެވެ. މި އެހީގެ ސަބަބުން ހަމްދާއަށް މިހާރު ލިބެމުންދާ އެކަނިވެރި މައިންގެ އެލަވެންސް ކޮންމެވެސް ވަރަކަށް ރައްކާކުރެވި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިވެގެން ދިއުމަކީ އުއްމީދެއްކަން ފާހަގަކޮށް މަމްސް އެއިޑްއިން ވަނި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ހަމްދާ ދިރިއުޅެމުން އަންނަ ގެ / ފޮޓޯ: މަމްސް އެއިޑް

ފަންޑްރެއިޒް ކުރަން ބޭނުންވާ ކަންކަމުގެ ތަފުސީލް:

- 1 އަހަރު ދުވަހުގެ ކެއާ ޕެކޭޖް

- 1 އަހަރު ދުވަހުގެ އިންޓަވަލް

- ގެޔަށް ކޮންމެހެން ބޭނުންވާ ފަރުނީޗަރު (އެނދު، ގޮދަނޑި، އަލަމާރި ފަދަ ތަކެތި)

- ކުދިން ގޮވައިގެން ސްކޫލު ދޮށަށް ދިއުމަށް ފަސޭހަ ކޮށްދިނުމަށް ބައިސްކަލެއް

- 4 ކުދިންގެ 1 އަހަރު ދުވަހުގެ ގުރުއާން ފީ އާއި ޓިއުޝަން ފީ

ނޯޓް: މި ސަވައިވާ ސްޓޯރީ އަކީ 5 ކުދިންގެ އާއިލާއަށް އެހީތެރިވުމަށް މަމަސް އެއިޑްގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގެ ކޮޕީއެކެވެ. މި އާއިލާގެ ހާލަތު ބަދަލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:

ދިވެހި ރުފިޔާ އެކައުންޓް ނަންބަރު: 7730000562469

ޑޮލަރު އެކައުންޓް ނަންބަރު: 7730000562470

އިތުރު މައުލުމާތު ހޯދެއްވުމަށް: 7349393 / 7349392