ދިވެހިންގެ ލޭނާރު ކަމުގައި ދުށް މަސްވެރިކަމަކީ ދިވެހިންނަށް ބޮޑު މަންފާތަކެއް ލިބި ގައުމުގެ އިގްތިސޯދު އެ މަސައްކަތެއްގެ މައްޗަށް ބަރޯސާ ވެފައި އޮތް މަސައްކަތެކެވެ. ނަމަވެސް މަސްވެރިކަމުން ލިބޭ ފައިދާ ދަށަށް ގޮސް އިގްތިސޯދުގެ ދުވެއްޔަށް އަތްގަދަ ކޮށްލީ ޓޫރިޒަމް ސިނާއަތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މި ކަމާ ގުޅިގެން ގިނަ މަސްވެރިން ބުނަމުން އަންނަނީ މަސްވެރިކަމުގައި އަބަދުވެސް ދަތިތަކެއް ހުންނަ ކަމަށެވެ. އެ ދަތިކަން ފިލުވާލައިގެން މެނުވީ މަސްވެރިކަން ކުރިއަށް ދާނެ މަގެއް ނުފެންނާނެ ކަމަށެވެ.
މިދިޔަ ސަރުކާރުން ފެށިގެން މަސްވެރިން އިހުތިޖާޖުތައް ކޮށް މަސްވެރިންގެ އެތައް ކަންބޮޑުވުންތަކެއް އައީ ހާމަ ކުރަމުންނެވެ. އެގޮތުން މަސްވެރިކަމަށާއި ދަނޑުވެރިކަމުގެ ސިނާއަތް އެއް މިނިސްޓްރީއެއްގެ ދަށުން ކުރިއަށް ގެންދާ އިރު ޓޫރިޒަމަށް ވަކި މިނިސްޓްރީއެއް އޮތުމަކީ މަސްވެރިންގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މި ސަރުކާރު ވެރިކަމަށް އައި އިރު މަސްވެރިން އެދުނު ފަދައިން މަސްވެރިކަމަށް ހާއްސަކޮށް ވަކި މިނިސްޓްރީއެއް ވަނީ ގާއިމް ކޮށްފައެވެ. މިއީ މަސްވެރިކަމަށް މި ސަރުކާރުން ދޭ އަހައްމިއްޔަތު ދައްކުވައިދިނުމަށް އެޅިގެން ދިޔަ ބިންގަލެކެވެ.
ދެން އެންމެ ބޮޑު އެއް މައްސަލައަކަށް ވެގެން ގޮސްފައި ވަނީ މަސްވެރިން ބާނާ މަހަށް ދޭ ފައިސާ ނުދެވި އެތައް ދުވަސްތަކެއް ވެ ދިގުލައިގެން ދިއުމެވެ. މި ކަމުގެ ސަބަބުން މަސްވެރިކަމުގައި އުޅުނު އެތައް ޒުވާނުންތަކެއް ވަނީ އާމްދަނީ ހޯދުމަށް ދޯނިތަކުން ފައިބެ އެހެނިހެން މަސައްކަތްތަކާ ގުޅިފައެވެ. މިއާ އެކު މަހަށް ނިކުންނަ ދޯނިތައް ވެސް ވަރަށް ބޮޑުތަނުން ދަށަށް ވެސް ދިޔައެވެ. އަދި މިފްކޯއަށް ކިރާ މަހުގެ އަދަދު ދަށްވެ މިފްކޯއަށް ފައިދާއެއް ވެސް ނުވެ މަސްވެރިންނަށް ފައިސާ ނުދެވި އެ ކުންފުނި ހިންގުމުގެ ކަންކަން އޮތީ ވަރަށް ބޮޑަށް ބޮއްސުން ލާފައެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވެ މިފްކޯއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީ މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ދިނުމަށް ބާރު އަޅައި ގިނަ ގުނަ މަސައްކަތްތަކެއް ކުރިއެވެ. ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދައްކާ އޮތް 250 މިލިއަން ރުފިޔާ ވެސް ދެއްކީ މި ސަރުކާރުންނެވެ. އެ ފައިސާ ވެސް ހިމެނޭ ގޮތަށް މި ސަރުކާރު ވެރިކަމަށް އައި ފަހުން މި ވީ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ޖުމްލަ 1.59 ބިލިއަން ރުފިޔާގެ ފައިސާ ދޫކޮށްފައި ވެއެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ހުރި ގޮން ޖެހުންތައް ގިރާ ކުރަމުން ހަރުފަތަކަށް ފަހު ހަރުފަތެއް އުހަށް ދެވިއްޖެ ކަމަކީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އެއީ މަސްވެރިން މިއިން ދުވަހަކު އުންމީދު ކުރި ކަމެއް ނޫނެވެ. މިހާރު މަސްވެރިން ބާނައި ކިރާ މަހަށް ފައިސާ ދޫކުރާ މިންވަރު މި ވަނީ 48 ގަޑިއަރަށް އަވަސް ވެފައެވެ. މީގެ ކުރިން ފައިސާ ދޫކުރަން އެތައް މަސް ދުވަހެއް ނަގާ މުއްދަތު 48 ގަޑިއިރަށް ބަދަލުވެގެން ގޮސްފައި މި ވަނީ މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ގަވާއިދުން 48 ގަޑިިއިރުތެރޭ މަސްވެރިންނަށް ދޫކުރި ފައިސާއަށް ބަލާއިރު، 488 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ދޫކޮށްފައެވެ. މަސްވެރިންނަށް ދޭ ފައިސާ ގަވައިދުން ދެވުމުގެ ނަތީޖާއެއްގެ ގޮތުގައި އަނެއްކާ ވެސް މަހަށް ނިކުންނަ އޮޑި ދޯނިފަހަރުތައް މި ވަނީ އިތުރުވާން ފަށާފައެވެ. ކުރިން އޮޑިދޯނި ފަހަރުތަކުން ފޭބި ޒުވާނުންތައް އަނބުރާ ދޯންޏަށް އަރައިފިއެވެ. މިއީ މި ސިނާއަތުގެ މުސްތަގްބަލުގެ އުޖާލާވަމުން އަންނަ ކަމުގެ ހެއްކަކަށް ފުދެއެވެ.
މަސްވެރިކަމުގެ ބިނާރު ތަރައްގީ ކުރުމަށް ސަރުކާރުން ރާވާފައިވާ ކަންކަން:
- 9500 ޓަނުން 25،000 ޓަނަށް ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުން
- ދުވާލަކު 50 ޓަނުން ދުވާލަކު 250 ޓަނަށް ޕްރޮސެސިން ކެޕޭސިޓީ އިތުރު ކުރުން
- 1500 ޓަނުން 2000 ޓަނަށް އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރު ކުރުން
މަސްވެރިކަމުގެ ބިނާރު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު މި ވަގުތު ދ. ބަނޑިދޫ، ދ. މީދު، ށ. ފުނަދޫ، ތ. މަޑިފުށި އަދި ތ. ވިލުފުށީގައި އަންނަނީ އައިސްޕަލާންޓް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު ތ. ބުރުނި އާއި ނ. ލަންދޫގައި އައިސްޕްލާންޓް ގާއިމްކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާ އިރު ގއ. ގެމަނަފުށީގައި އައިސްޕްލާތް ގާއިމްކޮށް ވަނީ ނިމިފައެވެ. މީގެ އިތުރުން 13 ރަށެއްގައި އައިސްޕްލާންޓް ގާއިމް ކުރުމަށް ވަނީ ޕްލޭން ކޮށްފައެވެ.
މަސްވެރިކަމުގެ ބިނާރު ތަރައްގީ ކުރުމަށް ކޯލްޑް ސްޓޯރޭޖްތަކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ޕްރޮސެސިން ޕްލާންޓްތައް ވެސް އަންނަނީ ގާއިމް ކުރަމުންނެވެ. އެ ގޮތުން ޅ. ފެލިވަރާއި، ގދ. ފިޔޯރީއާއި، ފ. ނިލަންދޫގައި ޕްރޮސެސިން ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ފާސްކޮށް ވަނީ ފިނޭންސް މިނިސްޓްރީން ހުއްދަ ދިނުމުގެ މަރުހަލާއާ ހިސާބުގައެވެ.
ހަމައެއާއެކު މާލޭ މަސްމާރުކޭތް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފެށުމަށް ޕްލޭންކޮށްފައިވާ އިރު، ބޮޑު ކަންނެލި ޕްރޮސެސިން ފެކްޓްރީއެއް އެޅުމަށް ހުޅުމާލެއިން 25000 އަކަފޫތުގެ ބިމެއް ހަމަޖެހި އެ ބިން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މީގެ އިތުރުން އެސްޓީއޯ ރޭޓުގަ މަސްވެރިންނަށް ތެޔޮ ދޫކުރުމަށް ވައުދުވެފައިވާ ފަދައިން ކޮންމެ އަތޮޅެއްގެ ވެސް އެއް ރަށެއްގައި ތެޔޮ ސެޓޭޝަންތައް އެޅުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ. މި ސްޓޭޝަންތަކުގެ މަސައްކަތް މި އަންނަ އަހަރުގެ މާޗް މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މަސްވެރިންނަށް މި ސަރުކާރުން ކޮށް ދެމުން އަންނަ އެތައް ކަމެއް މި ގޮތަށް ހިއްސާ ކުރެވިދާނެއެވެ. މަސްވެރިންގެ ދަފްތަރެއް ގާއިމްކޮށް މަސްވެރިންނަށް ލޯން ލިބޭނެ ގޮތް ވެސް މި ވަނީ ހަމަޖައްސައި ދީފައެވެ. މަސްވެރިންގެ ޑިމާންޑްތައް އަޑު އަހައި މަސްވެރިން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދާ އެ ހުވަފެން ތަކުގައި ކުލަ ޖެއްސުމަށް މި ސަރުކާރު އޮތީ ސާބިތު ކަމާއެކުގައި ކަމަށް ދަންނަވަން ޖެހެއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ އިތުރު އައިސް ޕްލާންޓްތަކާއި މަސް ސްޓޯރޭޖްތައް ގާއިމް ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.