ޒަމާން ބަދަލުވެ ދިވެހިން އުޅެމުން އައި ގޮތާއި ކަމުން އައި އެއްޗެއްސާއި، ލާ އަންނައުނުތައް ބަދަލުވެގެން ދިޔަ ނަމަވެސް ޒަމާންވީ އީދު ފޯރިއަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ނިމިގެން މި ދިޔަ އަޟްހާ އީދަށް ނަޒަރު ހިންގާލުމުން މިކަމުގެ ހަގީގަތް ހާމަވެގެން ދާނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޟްހާ އީދު ނުވަތަ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، އީދުގެ ކުޅިވަރުތައް ބަލާލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މީހުން ދަތުރުކޮށްފައިވެއެވެ.

ބޮޑު އީދަކީ ދިވެހިންނަށް އަންނަ އެންމެ ބޮޑު އެންމެ އުފާވެރި މުނާސަބާއަށް ވީއިރު، މިއީ އާއިލީ ގުޅުމާއި، އިޖްތިމާއީ ގުޅުންތައްވެސް ބަދަހި ކޮށްދޭ އުފާވެރި ދުވަސްތަކެކެވެ. ތަފާތު ސަގާފީ ކުޅިވަރުތަކާއި މި ނޫންވެސް އެކިއެކި މުބާރަތްތަކާއި ހަރަކާތްތައް ރަށްރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެތެރެއިންވެސް އެންމެ ގިނަ ބަޔަކު އެންމެ ގަޔާވާ އެއް ކުޅިވަރަކީ އާންމު ގޮތެއްގައި އީދުގެ ފަހު ދުވަހު ކުޅޭ ދެލިމާލި ކުޅިވަރެވެ. ނަމަވެސް މި ދެލިމާލި ދިވެހިންގެ ތެރެއަށް ތައާރަފް ވެގެން އައިސްފައިވާ ގޮތާއި ދެލިމާލީގެ ހަގީގަތް އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ހޯދުންތައް ދައްކާގޮތުން މި ކުޅިވަރު ރ. މީދޫ އާއި ހަމައަށް ތައާރަފުވެގެން އައީ ށ. އަތޮޅުންނެވެ. އެގޮތުން މި ކުޅިވަރާ ބެހޭގޮތުން ލައިނޫފަރުގޭ އިބްރާހީމް ހުސައިން (ދުނިޔޭގައި ހުންނެވިއިރު) ފާހަގަކުރި ގޮތުން އެންމެ ފުރަތަމަ ދެލިމާލި ފެނިފައިވަނިީ މަޝްހޫރު ކަޅުބެ އަލީ ގޯތީގެ މީހުން އޮޑިއެއް ބަނުމަށްޓަކައި، ލަކުޑި ކެނޑުމަށް ބޮޑުތިލަދުންމައްޗަށްކުރި ދަތުރުވަރެއްގައި ށ. އަތޮޅު ފޯކައިދޫއިން ކަމަށް ރ. މީދޫގެ ތާރީހު ޕޭޖުގައި ބުނެފައިވެއެވެ. އަދި މި ކަމާ ގުޅިގެން އެ ރަށުގެ ހީނާމާގޭ ހަސަން މޫސާ (ދޮން ހަސަންބެ) ހިއްސާކުރި މައުލޫމާތުގައިވެސް މާބޮޑު ތަފާތެއްނެތް ކަމަށް ބުނެފައިވެއެވެ.

އެންމެ ކުރީގައި ފޯކައިދޫގައި ކުޅެވުނު ކަމަށް ބުނާ ދެލިމާލި / ފޮޓޯ: މީދޫގެ ތާރީހު ޕޭޖު

އެގޮތުން މި ކަޅުބެ އަލީ ގޯތީ މީހުން އޮޑި ބަނުމަށް ލަކުޑި ކެނޑުމުގައި އުޅެމުންދަނިކޮށް، އެއަހަރުގެ އީދު އައިސް ޖެހުމާއެކު ފޯކައިދޫގައި މަޑުކޮށްލި ކަމަށްވެއެވެ. އެއަށްފަހު ޖެހިގެން އައި ބޮޑު އީދުގައި މި ކަޅުބެ އަލީ ގޯތި މީހުން ފޯކައިދޫގެ މަދު ބަޔަކަށް މިކަން އަންގައި ބާރަވަރަކަށް މީހުން ވެގެން ދެލި ފުނޑާ ކައިރީ އޮތް ދިގައްޔަށްގޮސް ކާށި ކިރުގައި ދެލި ގިރުވުމަށްފަހު މުޅިގައިގައި އުނގުޅައިގެން ލޯކައިރީ ކަޑި ހާކާއި ކޮން ބައެއް ކަން ނޭނގޭ ގޮތަށް ފޯކައިދޫއަށް އައި ކަމަށްވެއެވެ.

މިފަދައިން ދެލި ލައިގެން އައިސް ރަށުތެރޭ މާލި ކުޅުމުން ރަށުގެ ގިނަ ބަޔަކަށް ސިހުން ލިބި އަންހެނުންނާއި ކުޑަކުދިން ބިރުން ރޮއެ ހެދިކަމަށްވެސް މީދޫގެ ތާރީހު ޕޭޖުގައި ބުނެފައިވެއެވެ. މިކަމާ ގުޅިގެން ފޯކައިދޫގެ ކަމުވޮށިންގެ ތެރެއިން ބަޔަކު ނުކުމެ ދެލިމާލި ކުޅުނު މީހުން ހޯދައި އެމީހުންގެ ގައިގާ ދުއްރައިން ތެޅިކަމުގައިވެސް ވެއެވެ. އެއަށްފަހު މިކަން ކުޅިވަރަކަށްވެ ރާއްޖޭގެ އެކި ރަށްރަށަށް ފެތުރި އެ ރަށްރަށުގައިވެސް ދެލިމާލި ކުޅުން އާންމުވެގެން ދިޔައެވެ.

އޭރުގައި ދެލިމާލި ހެދިފައިވަނީ ފުޅަފި އަންދައިގެން އޭގެ ދެލި ފުނޑައިގެންނާއި، ކާށިކިރު ނަގައިގެން ބޯކިރުގައި އެ ދެލި ގިރުވުމަށްފަހު އެ ދެލި ގައިގައި އުނގުޅައިގެން ކަމަށް ބުނެވެއެވެ. އަދި މޫނުގެ ސިފަގަނޑު ގެންނަނީ ކަޑިން ކަމަށާއި ދޫ ރަތްކުރަނީ ގޮބޮޅި ކައިގެން ކަމަށްވެސް ބުނެވެއެވެ.

ފޯކައިދޫގައި މިފަހަރުގެ އީދުގައި ކުޅުނު ދެލިމާލި ކުޅިވަރުގެ ތެރެއިން / ފޮޓޯ: އުއްޗު ފޮޓޯސް

އަޖައިބުކުރުވަނިވި ތާރީހެއް އޮތް ދެލިމާއްޔަކީ މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް މިހާރު ކުޅޭ ކުޅިވަރެކެވެ. އެގޮތުން މި ފަހަރުގެ ބޮޑު އީދުގައި ށ. ފޯކައިދޫގައި ވަނީ އިހު ޒަމާނުގައި ކާބަފައިން ދެލިމާލި ކުޅުން ގޮތަށް ދެލިމާލި ކުޅެފައެވެ. ފޯކައިދޫގެ މި ކުޅިވަރުތައް ބަލާލުމަށް ރަށަށް 2000 އެއްހާ މީހުން އައިސްފައިވާކަމަށް ފޯކައިދޫ ކައުންސިލުން ބުނެފައިވެއެވެ.

ފޯކައިދޫގައި މިފަހަރު ބޮޑު އީދު ބޮޑުކޮށް ފާހަގަކޮށްފައިވާއިރު ހަވާ އެރުވުމާއި، ފަންނާނުންނާއިއެކު ފޯރިގަދަ ސްޓޭޖް ޝޯގެ ހަރަކާތްތަކެެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަންހެނުންގެ ކޯޑި ކުޅުމާއި، ހުރިހާ ހަރަކާތްތަކެއްގެ ތެރެއިންވެސް ގިނަ ބަޔަކަށް ހަމަ އެންމެ ކަމުގޮސްފައިވަނީ ދެލިމާލި ކުޅިވަރެވެ.