ނަސްރުގެ ދުވަސް ފާހަގަ ކުރަން ސަރުކާރުގެ މައްޗަށް ލާޒިމު ކުރަން ޖެހޭ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި ކުރިން ފެނުނު ގައުމީ އެއްބައިވަންތަކަން މިހާރު ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި މިހާރު ފެންނަނީ ގައުމީ ލޯތްބާއި ގައުމީ ހިދުމަތުގެ ރޫހު ނެތި ގޮސްފައިވާ ތަން ކަމަށެވެ.

މިއަދު ނަސްރުގެ ދުވަހަކީ ހަމައެކަނި ޗުއްޓީ ދުވަހެއް ކަމަށާއި ހުރިހާ އެންމެން ބޭން ޖަހާލާފައި ދަނީ ރަށްރަށަށް ފުރައިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެ ދުވަސް ފާހަގަކުރަން ސަރުކާރަށް ނުކެރޭ ކަމަށާއި އެއީ ކީއްވެގެން ކަމެއް ނާޒިމަށް ވެސް ވިސްނި ވަޑައިނުގަންނަވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ނަސްރުގެ ދުވަހަކީ ސްކޫލު ފެންވަރުގަ އާއި ރަށު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ފާހަގަކުރަން މަޖުބޫރު ދުވަހަކަށް ހަދާނެ ކަމަށާއި އެމްޑީޕީގެ ބާރު އޮންނަ ކޮންމެ ސަރުކާރެއްގައި ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަނުކުރާ މައްސަލަ އަބަދުވެސް އެތައް ބަޔަކު ފާހަގަކުރާ ކަމަށެވެ.

ނޮވެމްބަރު 3 އަކީ ދިވެހި އެތައް ބައެއް ގުރުބާންވެ، ޝަހީދުވެގެން ދިޔަ ދުވަހެއްކަން ހަނދާނުގައި އަބަދު ބަހައްޓަން ޖެހޭ ކަމަށާއި މިހާރު ގައުމު ބޭނުންވެފައި ވަނީ ގައުމަށްޓަކައި ކޮންމެ ކަމެއް ކުރަން ފަސް ނުޖެހޭ މީހުން ކަމަށާއި އެފަދަ މީހަކަށް ކޮންމެ މީހަކު ވުމަށް ވެސް ނާޒިމް ގޮވާލެއްވިއެވެ.