ގާތުންދޭ ކިރުން ފުރަތަމަ ފަހަރަށް މައިކްރޯޕްލާސްޓިކް ފެނި އޭގެ ސަބަބުން ތުއްތު ކުދިންގެ ސިއްހަތަށް ލިބިދާނެ ގެއްލުމެއްގެ ކަންބޮޑުވުން މިވަނީ ވަރަށް ވެސް ބޮޑުވެފަވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ހާމަކޮށްފައި ވާ ގޮތުގައި އިޓަލީގެ ރޯމްގައި ހެދި ދިރާސާއެއް ގައި ބައިވެރިކުރި، ވިހެއިތާ ހަފްތާއެއްވި ސިއްހަތު ރަނގަޅު 34 އަންހެނުންގެ ގާތުން ނެގި ކިރުގެ ސާމްޕަލް ތަކުގައި 75 ޕަސެންޓާ ގާތަށް މައިކްރޯޕްލާސްޓިކް އެކުލެވިގެން ވާ ކަން ވަނީ ހާމަވެފައެވެ.

2004 ވަނަ އަހަރު އެންމެ ފުރަތަމަ ހޯދިފައިވާ މައިކްރޯޕްލާސްޓިކަކީ އިންސާނާގެ ހަމަލޮލަށް ނުފެންނަ ވަރުގެ ކުދި ޕްލާސްޓިކު ކުނޑިއެކެވެ. އާންމުކޮށް ރީތިވާން ގެންގުޅޭ ސާމާނު، އަންނައުނު، ކާބޯތަކެތި ބަންދުކުރާ އުރަ ފަދަ ތަކެތިން އަދި މީގެ އިތުރުން ސިނާއީ އެކި މަސައްކަތުގެ މަރުހަލާތަކުގައި ބޭރުވާ މައިކްރޯޕްލާސްޓިކް ވަށައިގެންވާ މާހައުލު ތަޣައްޔަރު ކޮށްލައެވެ.

މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭގޮތުގައި ކަނޑުގެ އެންމެ އަޑި، އާކްޓިކްގެ ސްނޯ، އެންޓާޓިކާގެ ގަނޑުފެނުން، ބޮލިފަދަ ތަކެތިން، ކާން ބޭނުންކުރާ ލޮނުން، މީގެ އިތުރުން އިންސާނުން ބޯން ބޭނުންކުރާ ފެނުން ވެސް މައިކްރޯޕްލާސްޓިކް ވަނީ ފެނިފައެވެ. އަދި މިއީ ނެތިދިޔުމަށް އެތައް ސަތޭކަ އަހަރެއް ނަގާ މާއްދާއެއްވެސް މެއެވެ.

ސައެންސްގެ ހަބަރުތައް ގެނެސްދޭ ޕޮލިމާސް ޖާނަލްގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން އަލަށް މި ހޯދުނު މައިކްރޯޕްލާސްޓިކްގެ ސާމްަޕަލް ތަކުގައި ގިނަ އަދަދަކަށް ޕޮލިތީން، ޕީވީސީ އަދި ޕޮލިޕްރޮޕައިލިން ފަދަ ޕްލާސްޓިކްގެ މާއްދާތައް އެކުލެވިގެން ވެއެވެ. ޕްލާސްޓިކްގައި ހިމެނޭ ގެއްލުން ދެނިވި ވިހަ މާއްދާއެއް ކަމަށްވާ ފްލަތަލެޓްސް ވެސް ވަނީ މީގެ ކުރިން ގާތުންދޭ ކިރުން ފެނިފައެވެ. ނަމަވެސް މިއީ މިހާ ގިނަ އަދަދަކަށް ޕްލާސްޓިކްގެ މާއްދާތައް އިންސާނުންގެ ގާތުން ދޭ ކިރުން ފެނުނު ފުރަތަމަ ފަހަރެވެ.

ދިރާސާވެރިން ހާމަކޮށްފައިވާ ގޮތުގައި މި ދިރާސާގައި ބައިވެރި ކުރި 34 އަންހެނުންވެސް މާބަނޑު އިރުގައި ޕްލާސްޓިކް އެއްޗެހި ބޭނުން ކޮށްފައި ވެއެވެ. މީގެ ތެރޭގައި ކާބޯތަކެތި އަޅާ ބަންދުކުރާ ޕްލާސްޓިކް ތަށި، ރީތިވާ ސާމާނު ފަދަ ތަކެތި ހިމެނެއެވެ.

މިދިރާސާ ހެދި އިޓަލީގެ ޔުނިވާސިޓީގެ ޑރ. ވެލެންޓިނާ ހާމަކުރެއްވި ގޮތުގައި ގާތުންދޭ ކިރުގައި މައިކްރޯޕްލާސްޓިކް ހުރިކަމުގެ ހެކި ފެނިފައިވުން ވެގެން މިދަނީ އަހަރެމެންގެ ނާޒުކު ތުއްތުކުދިންގެ އާބާދީއަށް ހުރި ވަރަށް ބޮޑު ކަންބޮޑުވުމަކަށެވެ. އެހެންކަމުން މާބަނޑު އިރު އަދި ގާތުންދޭ ދުވަސްވަރު މިފަދަ މާއްދާތައް ހިމެނޭ އެއްޗެއްސާ ދުރުވުން ވަރަށް މުހިންމެވެ. ނަމަވެސް މިކަމުގެ ސަބަބުން ތުއްތުކުދިންނަށް ގާތުން ދިނުން އެއްވެސް ވަރަކަށް ހުއްޓާލައިގެން އަދި މަދުކޮށްގެން ނުވާނެ ކަމަށާއި، މިކަމުގައި އޮތް ހަމައެކަނި ހައްލަކީ ޕްލާސްޓިކާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުވައި، ޕްލާސްޓިކުން ދުނިޔެ ތަޣައްޔަރު ވުން ހުއްޓުވަން މަސައްކަތް ކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕްލާސްޓިކުން ލިބޭ ގެއްލުންތަކަށް އާންމުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމަށްވާ ކޮމަންސީސް އިން މިއަހަރު ކުރި ދިރާސާއަކުން ދައްކާފައި ވާ ގޮތުގައި އިންސާނުންގެ ތެރެއިން ކޮންމެ 10 މީހަކުން 1 ގެ ލޭގައި މައިކްރޯޕްލާސްޓިކް އެކުލެވިގެން ވެއެވެ. މައިކްރޯޕްލާސްޓިކުން އިންސާނުންގެ ހަށިގަނޑު ބޮޑެތި ނުރައްކާތަކަށް ހުށައެޅެއެވެ.