އޮސްޓްރޭލިއާގެ ސިޑްނީގެ ޕްރިމަރީ ސްކޫލެއްގައި ދަރިވަރުންގެ ސައިންސް ގަޑީގައި އެކްސްޕެރިމެންޓެއް ހަދަން އުޅެނިކޮށް ކެމިކަލްތަކެއް ގޮވާ ދަރިވަރުންތަކެއް ފިހިއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުން، ދެ ދަރިވަރަކު ވަރަށް ބޮޑަށް ފިހިފައި ވާ އިރު 9 ދަރިވަރަކަށް އެކިވަރުގެ އަނިޔާ ލިބިގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޮފިޝަލުންނާ ހަވާލާދީ 9 ނިއުސް އިން ހާމަކޮށްފައި ވާ ގޮތުގައި އެ ހާދިސާ ހިނގީ ސޯޑިއަމް ބައިކާބޮނޭޓާއި މެތިލޭޓެޑް ސްޕިރިޓް ބޭނުން ކޮށްގެން އެކްސްޕެރިމެންޓެއް ހަދަން އުޅުމުގެ ތެރޭގައި ކްލާސްރޫމަށް ވައި ވަދެގެންނެވެ.

މެޑިކަލް އޮފިޝަލުން ހާމަކޮށްފައި ވާ ގޮތުގައި ފިހުނު ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 10 އަހަރާއި 11 އަހަރާ ދެމެދު ކުދިން ކަމަށާއި، އެކުދިންގެ ހަށިގަނޑާއި މޫނާއި މެޔާއި ދަށްބަނޑާއި ފައިގެ އެކި ތަންތަން ވަނީ ފިހިފައެވެ.

އަދި ޓީޗަރަކަށްވެސް ކުދިކުދި އަނިޔާވެގެން ފަރުވާ ދީފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.

ބައިކާބޮނޭޓާއި މެތިލޭޓެޑް ސްޕިރިޓް ބޭނުންކޮށްގެން ހަދާ، ސްކޫލް ދަރިވަރުންގެ މެދުގައި މަގުބޫލު އެއް އެކްސްޕެރިމެންޓަކީ ކާބަން ސުގާ ކޭކްއެވެ.

ރާއްޖޭގައިވެސް ސްކޫލުތަކުގައި ސައިންސް އެކްސްޕެރިމެންޓް ހަދާ އިރު، މިފަދަ ހާދިސާއެއް ދިމާވެފައި ނުވި ނަމަވެސް، ތަފާތު ކެމިކަލް އާ އެ ޒާތުގެ އެއްޗެހި ބޭނުން ކުރާކަން ފާހަގަ ކުރެވެއެވެ.