އިންޑިއާ ސަރުކާރުން ހިންގާ ޖައްވީ ޕްރޮގްރާމް ފުޅާކޮށް އަމިއްލަ ފަރާތްތަކުގެ ބާރުވެރިކަން އިތުރު ކުރުމަށް، ހުޅުވާލި ފުރުސަތުގައި ތައްޔާރު ކުރި ފުރަތަމަ ރޮކެޓް ޖައްވަށް ފޮނުވާލައިފިއެވެ.
އިންޑިއާގެ އަންދްރާ ޕްރަދޭޝް ގެ ޝްރިހަރިކޮޓާ ގައި ހުންނަ ސަތިޝް ދަވަން ސްޕޭސް ސެންޓަރުން އުދުއްސާލި މި ރޮކެޓް އަށް ނަން ދީފައި ވަނީ ޕްރަރަމްބް (ފެށުން) އިންނެވެ.
545 ކިލޯގެ މި ރޮކެޓް ޖައްވުގެ 89 ކިލޯމިޓަރަށް އެރި ކަމަށް ހަބަރުތައް ބުނެއެވެ.
އަޑަށް ވުރެ 5 ގުނަ ބާރަށް ދުވާ މި ރޮކެޓް ފޮނުވާލަން އަމާޒު ހިފި ޓާގެޓަކީ 80 ކިލޯމީޓަރު ނަމަވެސް އެއަށް ވުރެ މައްޗަށް، ދުނިޔޭގެ ސަތަހައިން ބޭރުވާ ހިސާބަށް އެރުމުން، އިންޑިއާ ސަރުކާރުން ދަނީ ކާމިޔާބީ ފާހަގަ ކުރަމުންނެވެ.
ސްކައިރޫޓްގެ ނަމުން ނަންދީފައި ވާ އަމިއްލަ ކުންފުންޏަކުން އުފައްދި މި ރޮކެޓް ސަރުކާރުގެ ލޯންޗް ޕެޑް ބޭނުންކޮށްގެން ފޮނުވާލި އިރު، އަރަން ވާ ހިސާބަށް އެރުމަށް ފަހު ވަނީ ބޭ އޮފް ބެންގޯލް އަށް ވެއްޓިފައެވެ. މި ކާމިޔާބީ އާއެކު އެ ކުންފުންޏާއި އިންޑިއާ ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ ހެޔޮ އަގުގައި ފަސޭހަ ކަމާއެކު އަވަހަށް ހިދުމަތަށް ނެރެވޭނެ ރޮކެޓްތަކެއް އުފެއްދުމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ސެޓެލައިޓު ހިފައިގެން މިފަދަ ކުދި ރޮކެޓްތަކަށް ދަތުރު ކުރެވޭނެ ކަމަށް ސްކައިރޫޓް އިން ބުނެއެވެ.
އިންޑިއާއިން ބޭނުންވަނީ އަމިއްލަ ފަރާތްތަކުން ޖައްވީ ދާއިރާއަށް އިންވެސްޓްކޮށް، ފުޅާ ދާއިރާއެއްގައި ވިޔަފާރި އުސޫލުން ސެޓެލައިޓް އެރުވުމުގެ މަސައްކަތް ފުޅާ ކުރާށެވެ.
އިންޑިއާގެ ޖައްވީ އިދާރާއިން 2024 ގައި މާސް އަށް ދިޔުމަށް ހިންގާ މިޝަން އަށް ވެސް ހަރަދުވަނީ 74 މިލިއަން ޑޮލަރެވެ. މި ރޮކެޓް އުދުއްސާލަން އިންޑިއާއިން ނިންމާފައި ވަނީ ޖަޕާނުގެ އެހީގައެވެ. މި ރޮކެޓް ހަނދުގެ އަނދިރި ފަރާތަށް ދާނެ ކަމަށާއި، މީގެ ކުރިން ހަނދުގެ އަނދިރި ފަރާތަށް ދާން ހިންގި މިޝަން ފެއިލް ވިޔަސް އަންނަ އަހަރުގެ މިޝަން ކާމިޔާބު ކުރާނެ ކަމަށް ބުނެއެވެ.
އިންޑިއާގެ އަމިއްލަ ކުންފުނި ސްކައިރޫޓުން ޖައްވަށް ފޮނުވި މި ރޮކެޓް މިޝަން އަށް ފައިސާގެ އެހީ ހޯދީ، ސިންގަޕޫރުގެެ ސޮވެރިން ވެލްތް ފަންޑުންނެވެ. ސްކައިރޫޓުން މިހާތަނަށް 5.26 ބިލިއަން ރުޕީސް (64 މިލިއަން ޑޮލަރު) ހޯދާފައި ވާ އިރު، 200 އަަށް ވުރެ ގިނަ މުވައްޒަފުން ގެންގުޅެއެވެ.
އިންޑިއާ އަކީ، ހިދުމަތާއި ތަކެތީގެ އިތުރުން އިންސާނީ ވަސީލަތް ހެޔޮ އަގުގައި ލިބޭ ބައިބޯ ގައުމެއް ކަމަށް ވުމުން މިފަދަ އިންޑަސްޓްރީ ތަކަށް ބޭރުގެ އެކިއެކި ފަރާތްތަކުން އިންވެސްޓް ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.