ދުނިޔޭގެ ހޫނު މިން މައްޗަށް ދިޔުމުގައި 30 ޕަސެންޓް ހިއްސާ ކުރާ މެތޭން ގޭސް، ދުނިޔޭގެ 50 ސަރަހައްދެއްގެ ޖައްވުން ފެނިއްޖެ ކަމަށް ނާސާގެ ސައިންސްވެރިން ބުނެފިއެވެ.
މޫސުމީ ބަދަލުތަކުގައި ހިރަފުސް އަދާ ކުރާ ދައުރު ދެނެގަތުމަށް ނާސާގެ ސައިންސްވެރިން ބޭނުން ކުރާ އާލާތަކުން ދެއްކި ގޮތުގައި، އެންމެ ބޮޑު މެތޭން ގޭސް ވިލާގަނޑު ފެނިފައި ވަނީ އީރާނުގެ ދެކުނުގައި ހުންނަ ތެޔޮވަޅުތަކާ ދިމާ މަތިންނެވެ. އެ ވިލާގަނޑުގެ ބޮޑުވިނުގައި 4.8 ކިލޯމީޓަރު ނުވަތަ 3 މޭލު ހުރި ކަމަށް ސައިންސްވެރިން ބުނެފައި ވާއިރު، ދެން އެފަދަ ވިލާގަނޑުތައް ފެނިފައި ވަނީ މެދުތެރޭ އޭޝިއާ އާއި މެދުއިރުމައްޗާއި އެމެރިކާގެ ހުޅަނގު ދެކުނުންނެވެ.
ނާސާ ސައިންސްވެރިން މި ވިލާގަނޑުތައް ނުވަތަ، މެތޭން ގޭސް ޖައްވުގައި ހުރި ތަންތަން ދެނެގަތީ ދާދި ފަހުން އުފައްްދާ ޖައްވީ ސްޓޭޝަންގައި ބޭނުން ކުރަމުން ދާ ހާއްސަ އާލާތެއްގެ އެހީގައެވެ.
ސައިންވެރިން އުންމީދު ކުރާ ގޮތުގައި، ދުނިޔެ ހޫނު ކުރާ މެތޭން ގޭސް ހުރިތަންތަން ދެނެގަނެވުމަކީ، ދުނިޔެ ހޫނުވުން ދަށް ކުރުމަށް ކުރަމުން ދާ މަސައްކަތްތައް އިތުރު މިސްރާބަކަށް ގެންދަން ލިބޭ ފުރުސަތެކެވެ.
ދުނިޔެ ވަށާ ކޮންމެ 90 މިނެޓަކުން ބުރު ޖަހާ ޖައްވީ ސްޓޭޝަންގައި ބޭނުން ކުރާ މި އާލާތުގެ އެހީގައި ދުނިޔޭގެ ޖައްވު ސްކޭންކޮށް ބަލަމުން ދާ އިރު، އެ ސްޓޭޝަން ދަތުރުކުރާ ދުރުމިނާ އަޅާ ބަލާއިރު، ފްޓްބޯޅަ ދަނޑެއް ވަރުގެ ކުޑަ ސަރަހައްދެއްވެސް ސްކޭން ކޮށްލުމުގެ ގާބިލުކަން އެ އާލާތުގައި ހުރިކަމަށް ބުނެއެވެ.
މި އާލާތް ސައިންސްވެރިން ފުރަތަމަ އުފެއްދީ ސަހަރާތައް ފަދަ ހުސް ބިންތަކުން ޖައްވައް އަރައިގެން ދާ މިނެރަލްގެ ބައިތައް ދެނެގަތުމަށް ނަމަވެސް، އެ ތަހުލީލުތަކުގައި މެތޭން ގޭސް ވެސް ދެނެގަނެވޭކަން އެނގި އެ ކަމަށްވެސް ބޭނުން ކުރަން ފެށިއެވެ.
މި އާލާތުން ސްކޭން ކުރި ސަރަހައްދުތަކުގެ ތެރެއިން ތުރުކުމަނިސްތާނުގެ މަތިންވެސް މެތޭން ގޭހުގެ ބޮޑު ވިލާގަނޑެއް ދެނެގަންފައި ވެއެވެ. ސައިންވެެރިން ގަބޫލު ކުރާ ގޮތުން، އެ ވިލާގަނޑު ފެތުރެމުން ދާ ގޮތާއި ސްޕީޑަށް ބަލާއިރު، ގަޑިއަކު 50،000 ކިލޯގްރާމްގެ މެތޭން ގޭސް ޖައްވަން އަރައިގެން ދެއެވެ. ނިއު މެކްސިކޯއާ ދިމާއިން ފާހަގަވި މިފަދަ އެހެން ވިލާގަނޑެއްގެ ސްޕީޑް ދެނެގަތުމަށް ފަހު ސައިންސްވެރިން ބުނެފައި ވަނީ ގަޑިއަޑު 29،000 ކިލޯގްރާމްގެ މެތޭން ގޭސް އަރާ ކަމަށެވެ.
ސައިންސްވެރިންގެ މި ހޯދުންތައް އާންމު ކޮށްފައި ވާއިރު، މޫސުމީ ބަދަލުތަކާއެކު ދުނިޔޭގެ އެތަން މިތަނަށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް މިހާރު ވަނީ ބޮޑުތަނުން އިތުރު ވެފައެވެ. އަދި ދުނިޔެ ހޫނުވާ ނިސްބަތްވެސް ދަށް ނުވެ މައްޗަށް ދާ ކަމަށާއި ޕެރިސް އެގްރީމެންޓުގައި އެއްބަސްވި ގޮތަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އެރިޔަ ނުދޭން ދުނިޔޭގެ ގައުމުތަކުން އެއްބަސްވި ގޮތަށް އަމަލު ނުކުރާ ކަމުގެ ކަންބޮޑުވުން އދ އިން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
ދުނިޔެ ހޫނުވެ މޫސުމީ ބަދަލުތަކާ ކުރިމަތިވަމުން އަންނަ އިރު، ތަފާތު އެކި އެކި މޫސުމީ މުސީބާތްތައް ކުދި ޖަޒީރާ ގައުމުތަކަށް ވެސް ދަނީ ކުރިމަތިވަމުންނެވެ.