އެއީ އެއްމާބަނޑު ތުއްތު ދެބެންގެ ދެވަނަ އުފަންދުވަހުގެ 3 ދުވަސް ކުރިއެވެ. ކުދިން ނިންދަވާފައި އެނދުގައި ބޭއްވި އިރުވެސް މަންމަ ހެރިންގްޓަން އަށް އޭނާގެ އަންހެން ދަރިފުޅު ޗާލޮޓް، އެތައް ފަހަރެއްގެ މަތިން ހޭލާނެކަން އެނގުނެވެ. އެކަމަކު ޗާލޮޓްގެ ބޭބެ ޑެމިއަން އަބަދުވެސް ވަރަށް އަރާމުކޮށް ހެނދުނު ވަންދެން ނިދާނެއެވެ.

އާދައިގެ މަތިން ހެނދުނު ހެރިންގްޓަން ތުއްތު ދެބެންގެ ކޮޓަރި އަށް ދިޔައެވެ. ނަމަވެސް އޭނާ އަށް ފެނުނީ މަޔަކު ދުވަހަކުވެސް ދެކެން ބޭނުން ވާނޭ މަންޒަރެއް ނޫނެވެ. އޭނާގެ ލޯބިވާ ދަރިފުޅު ޑެމިއަން އޮތީ މަރުވެފައެވެ. ޑެމިއަން މަރުވެފައިވާ ކަމަށް ބެލެވެނީ އެރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ޑެމިއަން އަކީ އެއްވެސް ބައްޔެއް ހުރިކަން ކުރިން އެނގިފައި ނުވާ ސިއްހަތު ރަނގަޅު ކުއްޖެކެވެ.

ކުޑަކުދިން ނިދީގައި މަރުވާ ބަލީގެ ހަގީގަތް ދެނެގަތުމަށް ސިއްހީ އިދާރާ ތަކުން ކެނޑިނޭޅި މަސައްކަތް ކުރާތާ މިހާރު 30 ވަރަކަށް އަހަރު ވެދާނެއެވެ. ނަމަވެސް މިކަން އެންމެ ފުރިހަމައަށް އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ކޮންމެ އަހަރަކު އެތައް ހާސް އާއިލާއެއް މި ހިތާމައާ ކުރިމަތިލައެވެ.

ހެރިންގްޓަން ދިރިއުޅޭ ގައުމު ކަމަށްވާ އޮސްޓްރޭލިއާގައި ވެސް ޅަފަތުގައި ކުދިން މަރުވުމުގެ މައިގަނޑު ސަބަބަކީ ނިދީގައި ކުއްލިއަކަށް ކުދިން މަރުވާ ބައްޔެވެ. މިގޮތުން އަހަރަކު 100 ވަރަކަށް ކުދިން ހީވެސް ނުކުރާ ގޮތަކަށް މަރުވެއެވެ. މީގެ ތެރެއިން ގިނަކުދިން މަރުވަނީ ނިންދަވާފައި އޮއްވައެވެ.

ސިޑްސް އިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން

ނިދީގައި ކުދިން މަރުވާ ބައެއް ސަބަބުތަކުގެ ތެރޭގައި ނޭވާ ނުލެވުމާއި، ކަރުގައި އެއްޗެއް އޮޅި ބާރުވެ ނޭވާ ހާސްވުން އަދި މީގެ އިތުރަށް ސަބަބު ނޭނގޭ އެތައް ކަމެއް ހިމެނެއެވެ. އިގިރޭސިވިލާތުގައި ވެސް އަހަރަކު 300 އާ ގާތްކުރާ އަދަދަކަށް ކުދިން މިގޮތަށް މަރުވާކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

މީގެ އިތުރުން އެމެރިކާގައިވެސް އާންމު ގޮތެއްގައި އެއް މަހާއި އެއް އަހަރާއި ދެމެދުގެ ތުއްތުކުދިން އެންމެ ގިނައިން މަރުވެފައި ވަނީ ނިދީގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން 2020 ވަނަ އަހަރު 1389 ކުއްޖަކު ނިދީގައި މަރުވެފައިވާ ކަމަށް ލަފާކުރެވޭ އިރު ހަމަ އެ އަހަރު މަރުވި އިތުރު 1062 ކުއްޖަކު ވަނީ ސީދާ މަރުވި ސަބަބު ދެނެ ނުގަނެވިފައެވެ. މީގެ އިތުރުން ނިންދަވާފައި އޮއްވައި ނޭވާ ހާސްވެގެން އިތުރު 905 ކުއްޖަކު މަރުވެފައި ވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ނަމަވެސް ކުރިޔާ އަޅާ ބަލާއިރު މިހާރު މިފަދަ ގޮތަކަށް ނިދީގައި ކުދިން މަރުވުން ވަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މަދުވެފައެވެ. 1990 ވަނަ އަހަރު އެމެރިކާގައި އަލަށް އުފަންވާ ކޮންމެ 100،000 އަކުން 155 ކުދިން ނިދީގައި ކުއްލިއަކަށް މަރުވެއެވެ. ނަމަވެސް އޭގެ 10 އަހަރު ފަހުން އެއަދަދު ވަނީ 94 އަކަށް ތިރިވެފައެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި މި އަދަދު މަތިވެފައެއް ނުވެއެވެ. އެގޮތުން 2020 ވަނަ އަހަރު ކޮންމެ 100،000 ކުދިންގެ ތެރެއިން މިގޮތަށް މަރުވި ކަމަށް ރިކޯޑު ކުރެވިފައި ވަނީ 93 ކުދިންނެވެ.

މަޔަކު ދަރިފުޅު ފެންނަ ހިސާބުގައި އޮށޯވެ ލައިގެން

ކުރިން ޅަފަތުގައި ގިނަ އަދަދެއްގެ ކުދިން މަރުވާން ދިމާވި އިތުރު އެތައް ބައްޔަކަށް ޒަމާނީ ބޭސްފަރުވާގެ ސަބަބުން، ވަނީ ރަނގަޅު ފަރުވާއާއި އަދި ވެކްސިންތައް ހޯދިފައެވެ. އޭގެތެރޭގައި މީސްލްސް، މަމްޕްސް، ޕޯލިއޯ އާއި ހޯއްގަވާ ކެއްސުން ހިމެނެއެވެ.

"އެސްއައިޑީއެސް އަކީ ވަކި ބައްޔެއް ނޫން. އެއީ ކަމެއް ދިމާވުމުން އޭގެ ނަތީޖާ ނިކުންނަ ގޮތަށް ކިޔާ ނަމެއް. އެއީ ސިއްހަތު ރަނގަޅު ތުއްތު ކުއްޖަކު ނިދާފައި ވަނިކޮށް ކުއްލިއަކަށް މަރުވުން" ބޮސްޓަން މެޑިކަލް ހޮސްޕިޓަލާއި ހާވާޑް މެޑިކަލް ސްކޫލްގެ ލީޑިން އެސްއައިޑީއެސް ރިސާޗަރެއް ކަމުގައިވާ ރިޗާޑް ގޯލްޑްސްޓައިން ބުނެފައި ވެއެވެ.

ތުއްތު އުމުރުގައި ކުދިން ކުއްލިއަކަށް މަރުވާން ދިމާވާ ގިނަ ނުރައްކާތައް ކުޑަ ކުރެވޭނޭ ގޮތް ބެލެނިވެރިން ދަނެ އެކަމަށް ހޭލުންތެރި ވާން ޖެހެއެވެ. އެގޮތުން ދަރިފުޅަށް ދޭންޖެހޭ ވެކްސިންތައް ގަވާއިދުން ދިނުމާއި، ބަލިވެ އިންނަ ދުވަސްވަރު އަދި ގާތުން ދޭ ދުވަސްވަރު ކުއްޖާއަށް އަސަރުކުރާނޭ ގޮތަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ވަކި އުމުރެއް ވަންދެން މަންމައާއި އެއް ކޮޓަރިއެއްގައި ފެންނަ ހިސާބުގައި ދަރިފުޅު ނިންދެވުމާއި، މީގެ އިތުރުން ކުޑަދަރިފުޅު ނޭވާ ލާން ފަސޭހަވާނޭ ފަދަ ގޮތަކަށް ނިންދަވަން ބޭއްވުން ހިމެނެއެވެ. އަދި އެހެންމެ ކުޑަ ދަރިފުޅަށް ގާތުން ދިނުމަކީވެސް އެސްއައިޑިއެސް ގެ ނުރައްކާ ކުޑަވުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.

ކުދިން ނިންދަވާފައި ބާއްވާއިރު ސަމާލުވާން ޖެހޭ އިތުރު ކަންތައްތަކަށް އަލިއަޅުވާލަމުން އިގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބްރިސްޓަލްގެ ރިސާޗާ އަނާ ޕީސް ބުނެފައި ވަނީ ތުއްތުކުދިން ނިދާގަޑީގައި ޓެޑީބެއާ ކަހަލަ އެއްޗެހި ބޭނުން ވިޔަސް ދަރިފުޅު ނިދާ ގަޑީގައި ނޭވާލާން އެއިން އުދަނގޫ ވެދާނެ ފަދަ އެއްވެސް އެއްޗެއް ކައިރީގައި ނުބޭއްވުމަށެވެ.

"ތުއްތު ކުދިން ވިހައިގެން ފުރަތަމަ ހަފްތާތަކުގައި ނޭވާ ލާނީ ހަމައެކަނި ނޭފަތުން. ނޭފަތް ބެނދުނަސް އަނގައިން ނޭވާލާކަށް ނޭގޭނެ. އެހެންވީމާ އެކުދިންނަށް ފަސޭހައިން ނޭވާ ލެވޭ ފަދަ ގޮތަކަށް މާހައުލު ބައްޓަން ކުރުން ވަރަށް މުހިއްމު"
އަނާ ޕީސް

މީގެ އިތުރުން ތުއްތުކުދިންނަކީ ބޮޑުމީހަކަށް ވުރެ އަވަހަށް އަދި ބޮޑަށް ހޫނުކަން އިހުސާސް ކުރެވޭ ބަޔަކަށް ވާތީ ކުދިން ހެނދުން ލެއްވުމުގައިވެސް ވިސްނުމަށާއި، އަދި ޕްރޭމް ފަދަ ތަކެތީގައި ގެންގުޅޭ އިރު މާބޮޑަށް ނިވައިކޮށް ހެދުން ރަނގަޅު ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގައި ވެސް މަދުން ނަމަވެސް މިގޮތަށް ކުދިން ޅަފަތުގައި މަރުވެފައި އެބަހުއްޓެވެ. މަދުން ނަމަވެސް ނިދީގައި މަންމަ ނުވަތަ ބައްޕަ ގައިދަށުވެ ކުއްޖާ ނިޔާވެފައި ވެސް އެބަހުއްޓެވެ. އެހެންވީމާ، މިއީވެސް ބެލެނިވެރިން ވަރަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. ކުއްޖާގެ އުމުރުން 1 އަހަރު ވަންދެން ކައިރީގައި ނިންދެވުން ރައްކާތެރި ނޫންކަމަށް ޑޮކްޓަރުން ވެސް ލަފާދެއެވެ.

ކުރިއަށް ވުރެ މިހާރު ޅަފަތުގައި ތުއްތުކުދިން މަރުވާ ރޭޓު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ސަބަބަކީ ސިއްހީ ނިޒާމަށް އައިސްފައިވާ ޒަމާނީ ކުރިއެރުމާ އެކު މީހުންގެ ހޭލުންތެރިކަން ވެސް ބޮޑުވުމެވެ.