ޑެންގީ ޖެހިގެން އޭޑީކޭގައި ފަރުވާދެމުން ދިޔަ 19 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ޑެންގީއަށް ފަރުވާ ދެމުން ދަނިކޮށް މަރުވީ އއ. ތޮއްޑޫ، ރަންމުތް، އާދަމް ވިޔާމުއެވެ. އޭނާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިޔާމަށް ޑެންގީ ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ މީގެ ހަފްތާއެއް ކުރިންނެވެ.

ވިޔާމުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިއަދުގެ އަސުރު ނަމާދަށް ފަހު އާ ސަހަރާގައެވެ.

ޑެންގީ ޖެހިގެން މިއަދު 19 އަހަރުގެ ޒުވާނަކު މަރުވެފައި ވާއިރު އިއްޔެ ޑެންގޫ ޖެހިގެން ފަރުވާދެމުން ދިޔަ 8 އަހަރުގެ ކުއްޖަކު ވެސް ވަނީ މަރުވެފައެވެ. އެ ކުއްޖާ މާލެ ގެނައީ ނޭފަތާއި އަންގައިން އަދި ގޮހޮރުން ލޭ އަންނާތީ ކަމަށާއި މަރުވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށް އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ އެހާ ބަލި ކުއްޖެއް މިވަގުތު ނެތް ނަމަވެސް މ އަތޮޅުން އިތުރު ފަރުވާއަށް ގެނެސްފައިވާ 3 ކުއްޖަކަށް މިހާރުވެސް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ކަމަށެވެ.

މިހާރުވެސް ޑެންގީ ވަރަށް ގިނައިން ފެތުރޭކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ރަށްރަށުގައި ޑެންގީހުން ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.

ޑެންގީ ޖެހި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ހެނދުނު މަރުވެފައި ވަނީ ރ. އަތޮޅުން ގެނައި ކުއްޖެކެވެ.