މިދުވަސްވަރު ޑެންގޫ ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކާއެއްކޮށް ފައިސަލް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދުވަސްވަރަކީ ރާއްޖޭގައި އެންމެގިނައިން ޑެންގޫހުން ޖެހިގެން ރިޕޯޓުކުރި 3 ހަފުތާ ކަމަށާއި ވޭތުވެ ދިޔަ އަހަރުތަކާ އަޅާބަލާއިރުވެސް މިދުވަސްވަރު އިންތިހާއަށްގިނަ ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑެންގޫ ހުން ޖެހިގެން މި އަހަރުގެ 22 ވަނަ ހަފުތާ ވަނީ 135 ކޭސް ރިޕޯޓުކޮށްފައެވެ. އަދި 21 ވަނަ ހަފުތާ 125 ކޭސް ރިޕޯޓު ކުރިއިރު 20 ވަނަ ހަފުތާގާއި 143 ކޭސް ރިޕޯޓުކޮށްފައި ވެއެވެ.

އެއީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިއަަހަރުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިހާތަނަށް ޑެންގޫ ހުންޖެހިގެން 1237 ކޭސް މުޅި ޖުމްލަ ވަނީ ރިޕޯޓުކޯށްފައެވެ.

ޑެންގީ ހުން މިހާ އިތުރުވަމުންދިޔުމާ ގުޅިގެން ފައިސަލް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރައްވާފައެވެ.

ޑެންގޫ ފެތުރޭ މިންވަރު މަދު ކުރުމަށް ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ފެން ހަރުލާފަދަ ހުސްފުޅި ނުވަތަ ދަޅުފަދަ ފެދަ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށް އެޗްޕީއޭއިން ނަސޭހަތްތެރިވެއެވެ.

އަދި ހަމައެހެންމެ މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމައް ސަމާލުކަމެއް ދޭންޖެހެއެވެ. މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުން ކުރުމަށް އެޗްޕީއޭ އިން ވަނީ ލަފާ ދެއްވާފައެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ލޮލުގައި ރިއްސުމާއި، ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.