ރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތައް ރިޕޯޓު ކުރި އަދަދު ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ވަރަށް ބޮޑުތަނުން ދަށްވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަދު އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރު ޖޫން މަހު އަރިދަފުސް ރޯގާޖެހިގެން 32738 ކޭސް ރިޕޯޓްކޮށްފައިވާއިރު ޖުލައި މަހު އެ އަދަދުވަނީ 30293 އަށް ދަށްވެފައެވެ. މިދިޔަ އަހަރު ޖޫންމަހު ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާގެ 25749 ކޭސް ރިޕޯޓްކޮށްފައިވާއިރު ޖުލައި މަހު ރިޕޯޓްކޮށްފައިވަނީ 23206 ކޭހެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާ ގޮތުން ޖޫންމަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ވަނީ ދަށްވެފައެވެ. މި ގޮތުން ޖޫން މަހު ޑެންގީގެ 623 ކޭސް ރިޕޯޓްކޮށްފައިވާއިރު ޖުލައި މަހު ރިޕޯޓްކޮށްފައިވަނީ 556 ކޭހެވެ. ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓްކުރާ އަދަދު މަދުވަމުން އަންނައިރު މި އަހަރު މެއި މަހު ޑެންގީގެ 675 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހުއިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނުޢަދަދު ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް އިންފްލުއެންޒާއަށް ޕޮޒިޓިވްވި އަދަދު ވަނީ މަދުވެފައެވެ.
- 2024 ޖޫން މަހު ޓެސްޓް ކުރެވުނު އަދަދު - 395
- 2024 ޖޫން މަހު ޕޮސިޓިވްވި އަދަދު - 137
- 2024 ޖޫލައި މަހު ޓެސްޓް ކުރެވުނު އަދަދު - 439
- 2024 ޖުލައި މަހު ޕޮސިޓިވްވި އަދަދު - 100
މިއަހަރުގެ މިހާތަނަށް ޓެސްޓްކުރެވުނު 1943 ސާމްޕަލްގެ ތެރެއިން 394ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ.
މި އަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހު ބޭރަށް ހިންގުން ރިޕޯޓް ކުރެވުނު އަދަދުވެސް ވަނީ މަދުވެފައެވެ. މިއަހަރުގެ ޖޫން މަހު ބޭރަށް ހިންގުމުގެ 5179 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް ޖޫން މަހު ރިޕޯޓްކޮށްފައިވަނީ 5053 ކޭހެވެ.