މި ދުވަސްވަރަކީ ޑެންގޫ އާއި ޗިކުންގުންޔާ ފަދަ ގައިންގަޔަށް އަރާ ބަލިތައް އިތުރުވަމުންދާ ދުވަސްވަރެއް ކަމުން ކުރިޔަށް އޮތް ޗުއްޓީ ދުވަސްތައް ހޭދަ ކުރާއިރު އެކަމަށް ސަމާލު ވާން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭއީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ދަތުރުފަތުރު ކުރުމުގެ އިތުރުން ޗުއްޓީ ހޭދަ ކުރުމުގެ ހަރަކާތްތަކުގައި އުޅޭއިރު ބަލިތަކުން ރައްކާތެެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

އަދި ޑެންގީ އާއި ޗިކުންގުންޔާ ފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު ކުޑަ ކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑް 19 އާއި އިންފުލުއެންޒާ ފަދަ އަރިދަފުސް ރޯގާތަކުން ރައްކާތެރިވާން އަޅާ ބައެއް ފިޔަވަޅުތައް:

  • ރޯގާ ޖެހިގެން ދިގުލައިގެން ދާނަމަ ޑޮކްޓަރުގެ ލަފާ ހޯދުން.
  • ރޯގާގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުން.
  • ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒް ކުރުން.
  • ވެކްސިންގް ޑޯޒްތައް ފުރިހަމަ ކުރުން

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތައް:

  • ކެއުމުގެ ކުރިން އަދި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުން ކުރުމާއި ރޯ ތަރުކާރި އާއި މޭވާ ރަނގަޅަށް ދޮވުން.
  • ފާހާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލު ކުރުމަށްފަހު ރަނގަޅަށް އަތްދޮވުން
  • ކާބޯތަކެތި ރައްކާ ކުރާއިރު ދިރޭ ސޫފާސޫފި ނޭރޭނެހެން ރައްކާތެރި ކުރުން
  • ތާޒާ ކާބޯތަކެތި ބޭނުން ކުރުން
  • ކުނި ރައްކާ ކުރުމުގައި މަތި ޖެހޭ ޑަސްބިނެއް ބޭނުން ކުރުމާއި ވީހާވެސް އަވަހަށް ކުނި އުކާލުން
  • ބޭރަށް ހިންގުމުގެ އަލާމާތް ދިމާވާނަމަ ކުދިން ސްކޫލަށް ނުގެންދިޔުން

ޑެންގޫ އަދި ޗިކުންގުންޔާ އަކީ މަދިރިން ފެތުރޭ ބަލިތައް ކަމުން މަދިރި ވަނުން މަދު ކުރުމަށް ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ފެން ހަރުލާފަދަ ހުސްފުޅި ނުވަތަ ދަޅުފަދަ ފެދަ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށްވެސް ލަފާދީފައި ވެއެވެ.

އަދި ހަމައެހެންމެ މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމައް ސަމާލުކަމެއް ދޭންޖެހެއެވެ. މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުން ކުރުމަށް އެ އެޖެންސީން އިލްތިމާސް ކުރެއެވެ.