ޑެންގީ ހުން މަޑުވާ ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެވިއްޖެނަމަ އޭގެ ސަބަބުން ފުރާނައަށްވެސް ނުރައްކާވެދާނެކަމުގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
މިދުވަސްވަރަކީ ރާއްޖޭގައި ޑެންގީ ހުން ފެތުރުން އިތުރުވެފައިވާ ދުވަސްވަރެއްކަމުގައި ފައިސަލް ވަނީ ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ މަދިރި ހެފުން ދުރުކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި ޑެންގީއިން ރައްކާތެރިވެވޭނީ މަދިރިން ސަލަމާތްވެގެން ކަމަށެވެ.
ޑެންގީ ހުން ޖެހިގެން ގޭގައި ފަރުވާ ދޭއިރުވެސް، ހުން މަޑުވާން ފެށުމުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމުން ފައިސަލް ވިދާޅުވީ ގިނަ ބަޔަކު ކަންބޮޑުވަނީ ހުން މަޑުނުވެގެން ނުވަތަ ހުން ތިރި ނުކުރެވިގެންކަމަށެވެ. އެހެންނަމަވެސް ޑެންގީގައި ނުރައްކާ ބޮޑުވަނީ ބަލި ފަސޭހަވެ ހުން މަޑުވާން ފެށުމުންކަމަށް ފައިސަލް ވިދާޅުވިއެވެ. އެ ގޮތުން އެއްކަމަކީ ޕްރެޝަރު ދަށްވެގެން އަންނަ އަލާމަތްތައް ކަމަށާއި ދެވަނަ ކަމަކީ ލޭ އައިސްގެން އަންނަ އަލާމަތްތައް ކަމަށެވެ.
ލޭގެ ޕްރެޝަރު ދަށްވުމުގެ ސަބަބުން ވަރުބަލިވުމާ އަތާ ފަޔާ ފިނުވުމާ އަދި ވަރުދެރަވެ ހިނގާބިގާ ނޫޅެވުމަކީވެސް ފެންނާނެ އަލާމާތްތައް ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ކިޑްނީއަށް ލޭ ދިޔުމުގެ ސަބަބުން ކުޑަކަމު ނުދެވި ގިނަ އިރުވާކަން ފައިސަލް ފާހަގަކުރެއްވިއެވެ. އެގޮތުން 10 ގަޑިއިރުވާއިރުވެސް ނުވަތަ މުޅި ދުވަހުވެސް ކުޑަކަމު ނުދެވި ހުރެދާނެއެވެ.
މީގެ އިތުރުން ލޭ ލީކްވުމުގެ ސަބަބުން ނޭފަތުންނާ ހިރުގަނޑުން އަދި ކުޑަކަމުދިޔުމުގައި އަދި ބޮޑުކަމުދިޔުމުގައިވެސް ލޭ އަންނަ ގޮތް މެދުވެރިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ބައެއް ފަހަރު ހަންގަނޑާ މަސްގަނޑާ ދެމެދު ލޭ ލީކުވުމުގެ ސަބަބުން ކަޅު ނުވަތަ ރަތްކުލައިގެ ތިކިތަކެއް ފެންނަން ފަށާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިތުރަށް ފައިސަލް ވިދާޅުވީ މިއިން އަލާމާތެއް ފެނިއްޖެކަމުގައިވާނަމަ ވީ އެންމެ އަވަހަކަށް ސިއްހީ އެހީތެރިއެއްގެ އެހީ ހޯދަންވާނެކަމަށެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ މިވަގުތުވެސް އައިޖީއެމްއެޗްގައި 7 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށާއި މި ވަގުތު ތިބި ކުދިންގެ ހާލު ރަނގަޅުކަމަށެވެ.