އެމްއެމްޕީއާރްސީގެ މުގުލުގައި ތިބި މީހުންނާ އެއްބަސްވުން ހެދީ ހިޔާނާތުގެ ފައިސާ ލިބޭ ގޮތަކަށް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ބާ ކައުންސިލްގެ މެންބަރު އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރައީސް އިބްރާހިމް މުހައްމަދު ދެއްކެވި ވާހަކަފުޅާ ގުޅުވައިގެންނެވެ.
ރައީސް ވިދާޅުވީ އެތައް ބިލިއަން ޑޮލަރުގެ އަގުހުރި ރަށްތަކާއި ފަޅުތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ވިއްކާލިއިރު އޭގެ ތެރެއިން ބައެއް ތަން ތަނުގެ އަގު ވެސް ދައުލަތަށް ނުލިބޭ ކަމަށާއި ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުން ނުލިބި ހުރި ފައިސާ ހޯދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅިގެން މުއިއްޒު ވަނީ ގެއްލުނު ފައިސާ ހޯދުމުގެ މައްސަލަ އެއްވެސް ކޯޓަކަށް ހުށަހަޅާފައި ވޭތޯ އައްސަވާފައެވެ. އަދި އެމްއެމްޕީއާރްސީގެ މުގުލުގައި ތިބި މީހުންނާ އެކީ ސަރުކާރުން އެއްބަސްވުންތައް ހަދާފައި ވަނީ ދައުލަތައް ލިބެން ޖެހޭ ފައިސާ ލިބޭ ގޮތަކަށް ނޫން ކަމަށް މުއިއްޒު ވަނީ ތުހުމަތު ކުރައްވާފައެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އެ އެއްބަސްވުންތަކުން ދައުލަތުގެ މަސްލަހަތު ރައްކާތެރި ކުރެވިފައި ވެސް ނުވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށް އެކި ފަރާތްތަކަށް އެ ފައިސާ ބެހި އެސްއޯއެފް ކުންފުނީގެ އެކައުންޓް ފްރީޒް ކޮށްފައި އޮތުމަށް ފަހު ކޯޓު އަމުރަކާ އެކު މިދިޔަ އޯގަސްޓް މަހު އެ އެކައުންޓް ވަނީ ދޫކޮށްލާފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭސީސީން އޭރު ބުނީ، އެ އެކައުންޓް އަލުން ފްރީޒް ކުރުމުގެ އަމުރަކަށް އެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަން ކުރިކަން އަދި ސާފެއް ނުވެއެވެ.
އެސްއޯއެފްގެ އެ އެކައުންޓުގެ ތަފްސީލް ހާމަކޮށް 2019 ވަނަ އަހަރު ނެރެފައި ވާ ރިޕޯޓުގައި ބުނާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ. އަދި އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށް ކަމަށާއި، އެސްއޯއެފްގެ އެކައުންޓަށް 59.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި މީގެ އިތުރަށް އެހެނިހެން އެކައުންޓްތަކަށް 5.55 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށްވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.
އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ 155 މީހެއްގެ އެކައުންޓަށް އެސްއޯއެފުން ޖަމާ ކޮށްފައި ވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި ތަހުގީގީ ރިޕޯޓުން ހާމަވެފައި ވާއިރު އޭގެ ތެރެއިން ބައެއް މީހުން ވަނީ ފުލުހަށާއި އެ ކޮމިޝަނަށް ވެސް ހާޒިރު ކޮށްފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި އިރު އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައިވާ ކަމަށް ތުހުމަތުކޮށް އޭރުގެ ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
ހިޔާނާތުގެ ފައިސާގެ ލިސްޓުގައި ރައީސް އަބްދޫﷲ ޔާމީނަށް ޖުމްލަ 678 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތުހުތު ކޮށްފައި ވެއެވެ. އަދި ރައީސް ޔާމީނުގެ އަބިކަނބަލުން ފާތިމަތު އިބްރާހިމްގެ ނަންވެސް ލިސްޓްގައި ވެއެވެ. އޭށް 1 ލައްކަ ރުފިޔާ ލިބުނު ކަމަށް އެބައޮތެވެ.
މީގެ އިތުރުން އެ ލިސްޓުގައި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ ނަން ހިމެނެއެވެ. އަދި ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއުގެ ނަންވެސް ވެއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބުނު މީހުންނާމެދު، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ވަނީ 8 ކަމެއް ކުރަން ހުށަހަޅާފައެވެ. އޭގެތެރެއިން އެފަދަ ތުހުމަތު އޮތް މީހުން ތިބި މަގާމުތަކުން ވަކިކުރުން ހިމެނެއެވެ. އަދި އެމީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކި ކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސް ކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ވެއެވެ. ނަމަވެސް މި ކޮމިޝަން މިހާރު ވަނީ އުވާލާފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ގިނައެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލީސް މެންބަރުން ވެސް ހިމެނެއެވެ.