މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބޮލީވުޑް ސުޕަސްޓާ އަދި ލައިފްސްޓައިލް އައިކަން ކެޓްރީނާ ކައިފް ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ ގިނަ ފަތުރުވެރިންނަށް ހިތްވަރު ދިނުމަށް ހެދުނު ޕާޓްނާޝިޕެއް ކަމަށެވެ. މިކަމާ ގުޅިގެން ކެޓްރީނާ ވަނީ ދިވެހިރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއްކަމަށާއި ސަނީ ސައިޑް އޮފް ލައިފްގެ އެމްބެސަޑަރަކަށް ހޮވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.

މީގެއިތުރުން ކެޓްރީނާ ވަނީ މި ޕާޓްނާޝިޕްގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ދަތުރުފަތުރުގެ އެންމެ ފުރިހަމަ ތަޖުރިބާތައް ލިބެނީ ދިވެހިރާއްޖެއިންކަން ދައްކުވައިދިނުންކަމަށެވެ.

މިކަމާ ގުޅިގެން އެމްއެމްޕީއާރްސީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވަނީ މި މަގާމަށް ކެޓްރީނާފަދަ ނުފޫޒުގަދަ ފަރާތެއް ހަމަޖެއްސުމާ މެދު އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ގްލޯބަަލް ބްރޭންޑް އެމްބެސެޑާ ކެޓްރީނާއަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ދުނިޔޭގެ މުހިންމު މާކެޓުތަކުގައި އަޅުގަނޑުމެންގެ ސަމާ ސޭލް ޕްރޮމޯޝަން ފަށައިގަންނައިރު، ކެޓްރީނާގެ ހިތްގައިމު ކެރެކްޓާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނާ ގެންގުޅޭ ގާތް ގުޅުމުގެ ސަބަބުން އޭނާއަކީ ފާއިތުވި ފަސް އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން ކަމަށްވާ ސަނީ ސައިޑް އޮފް ލައިފްއަށް ވަރަށް އެކަށީގެންވާ، ނަމޫނާ އެމްބެސެޑަރެއްކަން ޔަގީން
އިބްރާހިމް ޝިއުރީ

ސަމާ ސޭލް ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ރިސޯޓްތަކާއި ބުޓިކް ގެސްޓްހައުސްތަކާއި އާއިތަކަށް އެންމެ ރަނގަޅު އެކޮމޮޑޭޝަންތަކުގައި އެކްސްކްލޫސިވް އޮފާތަކާއި އަގުހުރި ޑީލްތައް ދައްކާލުމަށް ބާއްވާ ކެމްޕެއިނަކަށްވާއިރު، މި ކެމްޕެއިނުގައި އިނގިރޭސިވިލާތް، ރަޝިއާ އަދި ސީއައިއެސް، ޑީއޭސީއެޗް ސަރަހައްދު، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި މާކެޓްތަައް ހިމެނެއެވެ.

މި ކެންޕޭންގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންސް އިތުރަށް ހަރުދަނާކޮށް، 2025 ވަނަ އަހަރުގެ ހޫނު މޫސުމާއި އޭގެ ފަހުންވެސް ބުކިންތައް އިތުރުކުރުމަށް ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލުން ކަމަށްވެސް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަނީ ސައިޑް އޮފް ލައިފްގެ އެމްބެސެޑަރަކަށް ހަމަޖެއްސި ކެޓްރީނާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނާނެއް އަދި އެވޯޑް ހާސިލްކޮށްފައިވާ ވިޔަފާރިވެރިއެކެވެ. ބްލޮކްބަސްޓާ ފިލްމުތަކުގެ މަޝްހޫރު ޕޯޓްފޯލިއޯއަކާއި ޝަރަފުވެރި ގިނަ އެވޯޑްތަކަކާ އެކު އިންޑިއާގެ ސިނަމާއަށް ކެޓްރީނާ ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދީފައެވެ.