މި ހިނގާ ޖޫން މަހުގެ ފަހުކޮޅު ފަށާ ފުޑް ކާނިވަލުގައި އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯލަ ކްލަބް އަދި ޕްރިމިއާ ލީގުގެ ނިމިދިޔަ ސީޒަންގެ ޗެމްޕިއަން ޓީމް ލިވަޕޫލްގެ ފޭން ޒޯނެއް ހިމަނަން އެމްއެމްޕީއާރުސީން ނިންމައިފިއެވެ.
އެމްއެމްޕީއާރުސީން ބުނީ، އަންނަ ބުދަ ދުވަހުން ފެށިގެން ހަފްތާ ބަންދުގެ ނިޔަލަށް ކުރިއަށްދާ މި ފުޑް ކާނިވަލުގައި ލިވަޕޫލްގެ ފޭން ޒޯނެއް ހިމަނަން ނިންމީ އެ ކްލަބްގެ ރަސްމީ ޓްރެވަލް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި އެމްއެމްޕީއާރުސީން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ.
މިއަދު ނެރުނު ބަޔާނެއްގައި އެ ކޯޕަރޭޝަނުން ބުނިގޮތުގައި މި ފޭން ޒޯން ވެގެން ދާނީ ކުޅިވަރަށް އޮތް ލޯތްބާއި އުފާވެރިކަމާއި ހިތްގައިމުކަމަށް ތީމްކުރެވިފައިވާ ސަރަހައްދަކަށެވެ. އެމްއެމްޕީއާރުސީގެ ބަޔާނުގައިވާ ގޮތުން އެ ފޭން ޒޯންގައި ހިމެނޭ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:
- 3 އޮން 3 ފުޓްބޯޅަ ދަނޑެއް
- ފޫސްބޯލް ސެކްޝަނެއް
- ޕެނަލްޓީ ކިކް ޗެލެންޖުތަކާއި ސީޓެޑް ސޮކާ ޗެލެންޖު
- ވީޑިއޯ ބޫތެއް މެދުވެރިކޮށް ކަމުދާ ލިވަޕޫލްގެ ކުޅުންތެރިއަކަށް މެސެޖު ފޮނުވުމުގެ ފުރުސަތު
މީގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކަށް ވާނީ ލިވަޕޫލަށް ގިނަ ދުވަހު ކުޅެ ކާމިޔާބު ހޯދާފައިވާ ނެދަލޭންޑްސްގެ ކުރީގެ މަޝްހޫރު ފޯވާޑް ޑާކް ކުއިޓާ ބައްދަލުކުރުމުގެ ފުރުސަތު ސަޕޯޓަރުންނަށް ލިބުން ކަމަށާއި، ކާނިވަލުގެ ތެރެއިން ލިވަޕޫލްގެ ރަސްމީ ދެ ޖާޒީއެއް ހާސިލްކުރުމުގެ ފުރުސަތު ލިބިގެން ދިއުން ކަމުގައި އެމްއެމްޕީއާރުސީން ބުންޏެވެ.
މިވަގުތު ބެލްޖިއަމްގެ ޕްރޯ ލީގުގައި ކުޅެމުންދާ ބިއަޝޮޓް ކްލަބްގެ ކޯޗުކަން 2023 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ޑާކް ކުއިޓް ވަނީ:
- ލިވަޕޫލަށް 208 މެޗު ކުޅެދީ 51 ލަނޑު ޖަހައިފަ (2006-2012)
- ނެދަލޭންޑްސްގެ ގައުމީ ޓީމަށް 104 މެޗު ކުޅެދީ 24 ލަނޑު ޖަހައިފަ (2004-2014)
އޭނާ ފުޓްބޯޅަ ކުޅުމާ ދުރަށް ދިޔައީ 2018 ވަނަ އަހަރުގައެވެ. ނެދަލޭންޑްސްގެ 'ކުއިކް ބޯއިސް' ކްލަބުން ފުޓްބޯޅަ ކުޅެން ފެށި ޑާކް ކުއިޓް އޭނާގެ ކުޅުމުގެ ކެރިއާ ނިންމާލީ ވެސް އެ ކްލަބުންކަން ފާހަގަކުރެވެއެވެ.
ހުޅުމާލޭގައި އެންމެ ފުރަތަމަ ފުޑް ކާނިވަލެއް ބޭއްވީ 2023 ވަނަ އަހަރު ޖޫން މަހުގެ 20 އިން 24 އަށެވެ. މިދިޔަ އަހަރު ބޭއްވި ފުޑް ކާނިވަލްގައި 68 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، 30 ހާހަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވެއެވެ.