މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބަލާ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ލަފާދީފިއެވެ.
މަޖިލީހުގެ އެސްއޯއީ ކޮމެޓީން ވަނީ އެމްއެމްޕީއާރުސީ އާއި އެމްއައިޓީޑީސީގެ ހާލަތު ދެނެގަތުމަށް ދިރާސާއެއްކޮށް އޭގެ މައްޗަށް ރިޕޯޓެއް އެކުލަވާލައިފައިވާއިރު، މި ރިޕޯޓުގައި ވަނީ އެމްއެމްޕީއާރުސީއަކީ އެ ކުންފުނީގެ މައިގަނޑު ޕްރޮގްރާމުތައް ހިންގައި ލޯނު ދެއްކުމަށް ސަރުކާރަށް ބަރޯސާވާން ޖެހޭ ކުންފުންޏެއްކަން ފާހަގަކޮށްފައެވެ. އަދި އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށް ވުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބަލައި ދިރާސާކޮށް ކުންފުނީގެ ހަރަދު ކުޑަ ކުރުމަށް އިތުރު ގޮތްތައް ހޯދަންޖެހޭކަން މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެމްއެމްޕީއާރުސީގެ މަސްއޫލިއްޔަތު އަދާކުރަން ދަތިވާ މިންވަރަށް ކުންފުނީގެ މާލީ ހާލަތު ގޯސްވެފައިވާކަން ފާހަގަކޮށް މި ރިޕޯޓުގައިވަނީ އެމްއެމްޕީއާރުސީގެ ފާއިތުވި 6 އަހަރުގެ މާލީ ހިސާބުތަކަށް އަލިއަޅުވާލާފައެވެ.
އެގޮތުން 2019 ވަނަ އަހަރު 132.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 22.3 މިލިއަން ރުފިޔާއެވެ. މިއީ 2019އާ އަޅާބަލާއިރު 83 އިންސައިތައިގެ ދަށްވުމެކެވެ. 2019 ގައި އެމްއެމްޕީއާރުސީއަށް 23.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު އިރު ނަމަވެސް މިދިޔަ އަހަރު އެމްއެމްޕީއާރްސީއަށް ވަނީ 27.7 މިލިއަން ރުފިޔާ ގެއްލުންވެފައެވެ.
ފާއިތުވި 4 އަހަރުވެސް އެމްއެމްޕީއާރްސީއަށް ގެއްލުންވެފައިވާއިރު 2020 ވަނަ އަހަރު 1.6 މިލިއަން ރުފިޔާގެ ގެއްލުން، 2021 ވަނަ އަހަރު 141 މިލިއަން ރުފިޔާގެ ގެއްލުން އަދި 2022 ވަނަ އަހަރު 42 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާއިރު 2023 ވަނަ އަހަރު 17.9 މިލިއަން ރުފިޔާގެ ގެއްލުންވަނީ ވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އެސްއޯއީ ކޮމެޓީން އެކުލަވާލި ރިޕޯޓް ފާސްކުރުމަށް ވޯޓަށް އަހާފައިވާއިރު، މި ރިޕޯޓް ފާސްކޮށްފައިވަނީ 62 މެންބަރުންގެ ވޯޓުންނެވެ.