އިންޑިއާ ނޫނެކޭ ބުނާ ދިމާލަށް ބަލާލުމުގެ އެއްވެސް ހުއްދައެއްވެސް ނޯންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާއެެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އިސްލާމް ދީނާއި ގައުމިއްޔަތާއި ބޮޑުތަކުރުފާނުގެ ވާހަކަ އަކީ ރައީސް ސޯލިހުގެ ސަރުކާރަށް ދެއްކޭނެ ވާހަކަތެއް ނޫން ކަމަށާއި މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

މިއަދު މި ތިބީ ނާށިގަނޑު ހިފައިގެން އިންޑިއާ މީހުން ކައިރީގައި ކަމަށާއި މިއަދު ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރަނީވެސް އެ މީހުން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެ މީހުން ނޫނެކޭ ބުނާ ދިމާލަކަށް އަޅުގަނޑުމެން ބަލާލުމުގެ ހުއްދައެއް ނެތް ކަމަށާއި ދާހިލީ ސިޔާސަތުގައި އެ މީހުން ބުނާގޮތަކަށް ނޫނީ ކަމެއް ނުކުރެވޭ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ އިންޑިއާ އައުޓު ހުއްޓުވަން ގަރާރުނެގެ ބެނާ ގެންދިޔަ ކަމުގައި ވީ ނަމަވެސް ހިތުގައި ހިނގާ ޝުއޫރުތައް ނުހުއްޓުވޭނެ ކަމަށާއި ދައުލަތުގެ އިސްވެރިންނަށް ވުރެ އިންޑިއާ ސަފީރު ބާރުގަދަ ކަމަށް ޔާމީން ވިދާޅުވިއެވެ.

2023 ގެ ވޯޓަކީ ޕީޕީއެމް ނުވަތަ ޕީއެންސީން މީހަކަށްދޭ ވޯޓެއްގެ ބަދަލުގައި ދިވެހިވަންތަ ސިފަތަކަކާއި އިސްލާމީ ހިދާޔަތުގައި ރާއްޖެ ތިބުމާއި އިސްތިގުލާލާއި މިނިވަންކަމާއި ދައުލަތް ހިންގުމުގެ ސިޔާދަތީ ބާރު ދައުލަތަށް އޮތުމުގެ ފުރިހަމަކަން ކަށަވަރުކޮށްދޭ ވޯޓަކަށް ހައްދަން ޔާމީން ވަނީ ގޮވާލައްވާފައެވެ.