ފަރުދުންގެ ފުދުންތެރިކަން އިތުރުކޮށް، ފަގީރުންނާއި މުއްސަދިންގެ ފަރަގު ކުޑަކުރުމާއެ މުހިންމު ކަންތައްތަކެއް ހިމަނާ އިގްތިސީދީ ސިޔާސަތާއެކު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އާއްމު ސިޔާސަތު ފާސްކޮށްފިއެވެ.

އެމްއެންޕީން މި ސިިޔާސަތުތައް ފާސްކޮށްފައިވަނީ އިއްޔެއިން ފެށިގެން ރޭގެ ނިޔަލަށް ބޭއްވި އެމްއެންޕީގެ ފުރަތަމަ ގައުމީ ޖަލްސާ "ދަ ނޭޝަނަލްސް ކޮންވެންޝަން 2022″ ގައެވެ. ޖުމްލަ 58 ސިޔާސަތެއް ހިމެނޭހެން "މޯލްޑިވްސް ނެޝެނަލް ޕާޓީގެ އާންމު ސިޔާސަތު" ގެ ނަމުގައި ކޮންވެންޝަންގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެ ސިޔާސަތުތައް ހިމަނާފައި ވަނީ، ދީނާއި ގައުމިއްޔަތު، ފުންދުންތެރި ދިވެއްސެއް، ހައްގުތަކާއި ހިޔާވަހިކަން، ގައުމީ އުފެއްދުންތެރިކަމާއި ތަރައްގީ، އިގުތިސާދާއި ދަތުރުފަތުރު، ހެޔޮ ވެރިކަން، އަދުލު އިންސާފާއި މުޖުތަމައުގެ ސަލާމަތްތެރިކަން، ވެށީގެ ރައްކާތެރިކަން އަދި ޖިސްމާނީ އާއި ނަފުސާނީ ދުޅަހެޔޮ ކަން ކަށަބަރު ކޮށްދޭ މައިގަނޑު ސިޔާސަތު ތަކަކަށް ބަހާލާފައެވެ.

އިގްތިސާދާއި ދަތުރުފަތުރުގެ ސިޔާސަތުގަައި މުހިންމު 10 ކަމެއް ހިމަނާފައި ވާއިރު މިސިޔާސަތު ހުަށަހެޅުއްވީ ސައިރިކްސް ކޮލެޖުގެ ޗެއާމަން އަދި އެމްއެންޕީގެ ނައިބު ރައީސް އަހްމަދު ޝަރީފުއެވެ. އެ ސިޔާސަތުގައި ހިމެނޭ ކަންކަމަކީ:

  • ވަޒީފާތައް އިތުރުކުމަށް ކެނޑިނޭޅި މަސައްކަތް ކުރުމާއި، ހާއްސަ ފަންނުތަކަށް ބޭނުންވާ ދިވެހިން ބިނާކުރުން.
  • މާލީ ހިދުމަތްތަކަށް ފަހި ނިޒާމެއް ގެނެސް ކުރިއެރުވުމަށް މަސައްކަތް ކުރުން.
  • ދެމެހެއްޓެނިވި މަސްވެރިކަމާއި އެކުއަކަލްޗާ ކުރިއެރުވުމާއި، ދިވެހިރާއްވޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރުމަށް ބޭރުގެ އުޅަނދުފަހަރަށް ހުއްދަ ނުދިނުމާއި، މަސްވެރިކަމުގެ އިގްތިސާދި ނަފާވެރިކަން އަދި ބާރުވެރިކަން ދިވެހިންގެ، އަތްމަތީގައި އޮތުން.
  • ދަނވެރިކަމާއި ދިވެހިންގެ އުފެއްދުންތައް ކުރިއެރުވުމާއި، އޭގެ ފުރިހަމަ ނަފާ ހޯދާދިނުމަށް މަސައްކަތް ކުރުމާއި، އާ އީޖާދުތަކަށް އޮންނަ ފުރުސަތު ފުޅާކުރުން.
  • ފަރުދުންގެ ފުދުންތެރިކަން އިތުރުކޮށް، ފަގީރުންނާއި މުއްސަދިންގެ ފަރަގު ކުޑަކުރުން.
  • ފޮރިން އިންވެސްޓްމަންޓްތަކާއި، މަލްޓިނޭޝަނަލް ކުންފުނިތަކުން ދިވެހިރާއްޖެ ހުޅުވާލާ، ދިވެހިންގެ ބައިވެރިވުން އެފަދަ އިންވެސްމަންޓތަކުގައި ހިމެނޭހެން ފުރުސަތު ފުޅާކޮށް ހުޅުވާލުން
  • ދައުލަތުގެ އާމްދަނީ އިތުރުކޮށް، ދައުލަތުގެ ދަރަނި މެނޭޖްކުރުން
  • އިންވެސްޓްމެންޓް ބޭންކުތައް އުފެއްދުމަށް އެހީތެރިވުން
  • ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކޮށް، ޓުއަރިސްޓިކް ސައިޓްތައް އިތުރުކޮށް، މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އޭގެ ނަފާ ލިބޭ ގޮތަށް ހެދުން.
  • އިޖުތިމާއީ އަދި އިގްތިސާދީ ފުރުސަތުތަކަށް މަގުފަހިވާ ގޮތަށް ބައްޓަން ކުރެވިފައިވާ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމަކުން ހިދުމަތްދޭ މަރުކަޒުތަކާއި، މާކެޓުތަކާއ، ރަށްތަކާއި، ސަރަހައްދުތައް ގުޅުވާލުން.

ފާސްކުރި ސިޔާސަތުތަކުގެ ތެރޭގައި ދީނާއި ގައުމިއްޔަތުގެ ދާއިރާއިން ހަތަރު ކަމެއް ހިމަނާފައިވެއެވެ. އެއީ:

  • އިސްލާމީ އުސޫލުތަކުގެ މަތީގައި ތިބެގެން ގައުމު ކުރިއެރުވުމަށް މަސައްކަތްކުރުން
  • ރާއްޖޭގައި އިސްލާމީ ވަހުދަތު ކުރިއެރުވުން
  • ރާއްޖޭގެ މިނިވަންކަމަށް ހިޔަނި އެޅޭނެ އެއްވެސް އަމަލެއް ބަހުންނާއި އަމަލުން ނުހިންގުން
  • ރާއްޖޭގެ އާދަކާދަތަކަށާއި ގައުމީ ދިދައާއި ނިޝާންތަކަށް އިހުތިރާމުކުރުމާއި ކޮންމެ ކަމެއްގައިވެސް ރާއްޖެއަށް ވާނެ ފައިދާއަށް ބަލައި ރާއްޖެއާއި ދިވެހިންނަށް އިސްކަންދިނުން

ފުދުންތެރި ދިވެއްސެއްގެ ސިޔާސަތުތަކުގެ ތެރޭގައި ހަތަރު ކަމެއް ހިމަނާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ:

  • ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުމާއި އާއިލީ ގުޅުން ބަދަހިކުރުމަށް އިސްކަން ދިނުން
  • ވަޒީފާގެ ޔަގީންކަން ކޮންމެ މަސައްކަތްތެރިއަކަށް އޮތުން.
  • އިލްމީ މާއްދާތަކުން ކުރިއަށް ދިއުމަށް ދަތިވާ ދަރިވަރުންނަށްވެސް އާމްދަނީ ހޯދޭ ފަދަ ހުނަރު ދަސްކޮށްދީގެން ހެޔޮ ދިރިއުޅުމެއް އުޅެވޭނެ ގޮތް ތަނަވަސްކޮށްދިނުން
  • ޒަކާތު ފަންޑުން ހޭދަކުރާ ފައިސާ، ޒަކާތް ހައްގުވާ ފަރާތްތަކަށް ލިބުން ކަށަވަރުކޮށް، ޒަކާތް ދައްކާ ފަރާތްތަކުގެ އިތުބާރު ހޯދާމާއި ފަންޑު އިތުރަށް ހަރުދަނާ ކުރުމުން.

މީގެ އިތުރުން އަދުލު އިންސާފާއި މުޖުތަމައުގެ ސަލާމަތްތެރިކަމުގެ ދާއިރާއިން ހަތް ކަމަކާއި ހެޔޮވެރިކަމުގެ ދާއިރާއިން 11 ކަމަކާއި ހައްގުތަކާއި ހިޔާވަހިކަމުގެ ދާއިރާއިން ފަސް ކަމެއް ގައުމީ އުފެއްދުންތެރި ކަމާއި ތަރައްގީގެ ދާއިރާއިންނާއި ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން ފަސް ކަމެއް އަދި ވެށީގެ ރައްކާތެރިކަމުގެ ދާއިރާއިން ދެ ކަމެއް ވަނީ ހިމެނާފައެވެ.

އަހްމަދު ޝަރީފުގެ އިތުރުން މުހައްމަދު ޝިހާބު އާއި ހުސައިން އިސްމާއިލް، އަބްދުﷲ ރިޔާޒު އަދި ދުންޔާ މައުމޫނެ އިރުރުން މިރުފަތު އިސްމާއިލް ޝަފީގު ވެސް ވަނީ ސިޔާސަތުތައް ހުށަހަޅުއްވާފައެވެ.