ކުރިން އިއުލާން ކުރުމެއް ނެތި ކުއްލިއަކަށް ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ތިބި 300 މީހުން، ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ބަދަލު ކޮށްފިއެވެ. އޭގެ ތެރޭގައި ރަޝިއާގެ ހަމަލާތަކުން މަރިއުޕޯލް ދިފާއު ކުރަން ހަނގުރާމަ ކުރި ބައެއް ކޮމާންޑަރުންވެސް ހިމެނެއެވެ.

އޭގެ އިތުރުން، ބޭރުގެ އެކި ގައުމުތަކަށް ނިސްބަތްވާ 10 މީހަކުވެސް ހިމެނޭ ކަމަށް ހަބަރުތައް ބުނެއެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، މޮރޮކޯ، ސްވިޑްން މީހުން ހިމެނެއެވެ.

ހަބަރުތައް ބުނާ ގޮތުން، މީގެ ތެރެއިން ބައެއް މީހުންނަކީ، ޣައްދާރުން ކަމަށް ބަލައި އުމުރަށް ޖަލަށްވެސް ލައިފައި ތިބި މީހުންނެވެ. ދެން ހިމެނެނީ، މަރިއުޕޯލް އަށް ނިސްބަތްވާ 215 މީހަކާއި، ކޮމާންޑަރުންނެވެ.

ބަދަލުގައި ޔޫކްރައިން އިން ވަނީ، ރަޝިއާ އާއި ރަޝިއާއަށް ސަޕޯޓް ކުރާ ޔޫކްރައިން އަށް ނިސްބަތްވާ 55 މީހަކު ފޮނުވާލައިފައެވެ. އޭގެ ތެރޭގައި ރަޝިއާއިން ހިފާ ހައްޔަރު ކޮށް ދައުވާ ކުރަން ބޭނުންވާ، އެ ގައުމުގައި ހުއްޓުވާފައި އޮތް ސިޔާސީ ޕާޓީއެއްގެ ކުރީގެ ލީޑަރު ވިކްޓާ މެޑެވްޗަކް ވެސް ހިމެނެއެވެ.

ހަބަރުތައް ބުނާ ގޮތުން، ދެގައުމުގެ ދެމެދުގައި ކުއްލިއަކަށް އަސީރުން މި ބަދަލު ކުރީ، ސައުދީ އަރަބިއްޔާ އާއި ތުރުކީ ވިލާތް މެދުވެރިވެގެން ކުރަމުން ދިޔަ މަޝްވަރާތަކަކަށް ފަހުގައެވެ.

ޔޫކްރައިން އަށް ނިސްބަތްވާ 215 މީހަކު ރަޝިއާއިން ދޫކޮށްލުމުން، ޔޫކްރައިންގެ ރައީސް ވްލްޑިމިއާ ޒެލޮންސްކީ ވަނީ އުފާ ކުރައްވާ ކަމަށާއި، އެމީހުންނަށް އާއިލާގެ ގާތަށް އާދެވުމަކީ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި އެހީތެރިވެވަޑައިގެން ދެއްވީތީ، ތުރުކީގެ ރައީސް އަށް ޒެލެންސްކީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރަޝިއާއިން ބޭރު ގައުމުގެ 10 މީހަކު ދޫކޮށްލީ ސައުދީ، މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކަމަށް ރަސްގެފާނު މުހައްމަދާ ހަވާލާދީ ސައުދީ އިދާރާރަކުން ބުނެފައި ވެއެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަމަލާ ދޭތާ 7 މަސް ވެގެން ދިޔަ އިރު، ރަޝިއާ ދަނީ ބޮޑުތަނުން ބަލިވަމުންނެވެ. ޔޫކްރައިންގެ އުތުރު ބިތުގައި ހަނގުރާމަ ކުރަމުން ދިޔަ ރަޝިއާ ސިފައިން ވަށާލައި، ޔޫކްރައިން އިން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، ހަތިޔާރާ ތަކެތި ދޫކޮށް ފިލައިގެން ދިޔަ އިރު، ދެކުނުގެ ބައެއް ސަރަހައްދުތަކުން ވެސް ރަޝިއާ ސިފައިން ވަނީ ފަހަތަށް ޖެހިފައެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، ރަޝިއާއިން މިހާރު މަސައްކަތް ކުރަނީ، ރިޒާވް ސިފައިންގެ ގޮތުގައި ތިބި 300،000 މީހަކު ހަނގުރާމައަށް ނެރުމަށެވެ. ރިޒާވް ސިފައިންނަކީ، ކޮންމެވެސް ވަރަކަށް އަސްކަރީ ތަމްރީނު ހުރި ނުވަތަ ހަތިޔާރު ބޭނުން ކުރަން އެނގޭ މީހުންނެވެ. ރަޝިއާއިން 300،000 ރިޒާމް ސިފައިން ނެރެން މަސައްކަތް ކުރާ އިރު، ޔޫކްރައިން ހަނގުރާމަ ފެށި އިރު 190،000 ހާސް ސިފައިން ބޭނުން ކުރި ކަމަށް ހަބްރު ލިބެއެވެ.

ދެފަރާތުގެ ހަމަލާތަކުގައި ރަޝިއާ ފައުޖުގެ ދެބައިކުޅަ އެއްބައި މަރާލެވިއްޖެ ކަމަށް ޔޫކްރައިނުން ބުނެއެވެ. ނަމަވެސް ރަޝިއާއިން ބުނެފައި ވަނީ މަރުވީ 5000 އެއްހާ ސިފައިން ކަމަށެވެ.