އާންމުންގެ މެދުގައި މަގްބޫލުކަމާއި ލޯބި ހޯދާފައިވާ ހޮލީވުޑްގެ ކާމިޔާބު އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯ 47، އާއި މޮޑެލް ޖީޖީ ހަދީދް 27، ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުފެތުރެން ފަށައިފިއެވެ.

އެކްޓަރު ލިއޯ ވަނީ އޭނާ ހަތަރު އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މޮޑެލް ކަމީލާ މޮރޯން އާއި ރުޅިވިކަން މި މަހު ކުރީކޮޅު ހާމަކޮށްފައެވެ. ލިއޯ އާއި ޖީޖީ ޑޭޓް ކުރާ ކަމުގެ ވާހަކަ ވަރަށް ބާރަށް ދެކެވެމުން އަންނައިރު މި ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށީ ރަހުމަތްތެރިއެއްގެ ޕާޓީއެއްގެ ތެރެއިން މިދެތަރިން މާ ގާތްކޮށް އުޅޭ ވީޑިއޯތަކެއް އާންމުވުމާއި ގުޅިގެންނެެވެ. ލިއޯ، ޖީޖީ އާއި ޑޭޓް ކުރާނަމަ ޖީޖީ ވެގެންދާނީ ލިއޯ ޑޭޓްކުރާ ފުރަތަމަ 25 އަހަރުން މަތީގެ އަންހެނާއަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ދެތަރިން މިހާރު އުޅެނީ ގުޅިގެންކަމަށެވެ. އަދި ކަންތައްތައް މާ އަވަސްއަރުވައިލައިގެން ކުރިއަށް ގެންދަން ބޭނުންނުވާތީ އެދެމީހުންގެ ގުޅުމުގެ ވާހަކަ އަދި ހާމަނުކުރަނީކަމަށެވެ.

އެކަމާ ގުޅޭގޮތުން ދެތަރިންކުރެ އެކަކުވެސް އަދި ވާހަކައެއް ދައްކާފައިނުވާއިރު ޖީޖީގެ ބައްޕަ މުހައްމަދު ހަދީދު ބޭރުގެ ނޫހަކަށް ބުނީ ލިއޯ އާއި އޭނާ އާއި މީގެ ފަސްވަރަކަށް އަހަރުކުރިން ދިމާވި ކަމަށާއި ލިއޯ އަކީ އޭނާއަށް ވަރަށް ކަމުދާ މީހެއްކަމަށެވެ. އަދި އޭނާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށެވެ.

"ޖީޖީ އާއި ލިއޯ އަކީ ރަހުމަތްތެރިން. އެދެމީހުންގެ ރަހުމަތްތެރިކަމުގެ ގުޅުމަށް ކުޑަދުވަސްކޮޅެއްވެއްޖެ. އަހަރެންނަކަށް ހިއެެއްނުވޭ ދެމީހުން ރަށްޓެހިވެގެން އުޅޭހެނެއް. ހަމަ ރަނގަޅު ރަހުމަތްތެރިންހެން ހީވަނީ. އެކަމު ހަގީގަތެއް އަހަރެންނަކަށްވެސް ނޭނގޭ،"

މޮޑެލް ޖީޖީ އަކީ ދެ އަހަރުގެ ޚައިގެ މަންމައެވެ. ވަން ޑިރެކްޝަން ބޭންޑުން އުފެދުނު މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް އާއެކު ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެމީހުން ވަކިވީ މިދިޔަ އަހަރުއެވެ. އެދެމީހުން ގުޅުމަކީ އޮން އެންޑް އޮފް ގުޅުމެކެވެ. އެ ގުޅުން ކުރިއަށް ދިޔައީ 2015 އިން 2021 އާއި ހަމައަށެވެ. ޚައި އަކީ ޒޭންގެ ދަރިއެވެ.