މިދިޔަ އަހަރު ނުކުތް ކާމިޔާބު ފިލްމު "އިޓް އެންޑްސް ވިތް އަސް" ގައި ލިލީގެ ރޯލު ކުޅުނު މަޝްހޫރު ބަތަލާ ބްލޭކް ލައިވްލީ، ޖަސްޓިން ބަލްޑޯނީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފިއެވެ.

ޖަސްޓިން ވަނީ ބްލޭކް އާއެކު އެ ފިލްމުގައި ހަރަކާތްތެރިވެފައެވެ. ޖަސްޓިން ކުޅުނީ ފިލްމުގައި ރައިލްގެ ކެރެކްޓަރެވެ. ބްލޭކް ބުނީ އެ ފިލްމުގެ ޝޫޓިން ތެރެއިން ޖަސްޓިން އާއި އޭނާގެ ޓީމުގެ ފަރާތުން އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ހާއްސަކޮށް ޖަސްޓިންގެ ފަރާތުން ޖިންސީ ގޯނާތައް ކުރިމަތިވި ކަމަށެވެ. ފިލްމުގެ ޝޫޓިން ތެރެއިން ނޫންގޮތް ގޮތަށްވެސް ގައިގޯޅިވާން މަސައްކަތްކޮށް ބަރަހަނާ މަންޒަރު ބަލަން ޖަސްޓިން މަސައްކަތް ވެސް ކޮށްފައިވާ ކަމަށް ބްލޭކް ލައިވްލީ ވަނީ ބުނެފައެވެ.

ބްލޭކް ބުނީ ފިލްމުގެ މަސައްކަތުގެ ތެރޭގައި ނަފުސާނީ ގޮތުން ވެސް އެތައް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ބްލޭކްގެ ތުހުމަތުތަކަށް ރައްދުދެމުން ޖަސްޓިންގެ ގާނޫނީ ވަކީލު ބްޔަރަން ފްރީޑްމަން ބުނީ ބްލޭކްގެ ތުހުމަތު ތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އެވާހަކަތައް އޭނާ ދެއްކީ ޖަސްޓިންގެ އަގުވައްޓާލުމަށެވެ.

2016 ވަނަ އަހަރު މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ކޮލީން ހޫވާ ގެ ވާހަކަ ފޮތް "އިޓް އެންޑްސް ވިތު އަސް" އަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ވެސް ޖަސްޓިން ބަލްޑޯނީއެވެ. މި ވާހަކަ އަކީ އަސަރުން ފުރިގެންދާ ވާަހަކައެކެވެ. ކުޑަ އިރުންސުރެ ދިރިއުޅުމުގެ އެތައް ކަންތައްތަކަކާއި ކުރިމަތި ލަމުންދާ ލިލީގެ ކެރެކްޓާ ވަރަށް ފުންކޮށް މި ވާހަކައިގައި ކިޔާދީފައި ވެއެވެ. ޖިސްމާނީ ހާނިއްކަ އާއި ކައިވެނީގައި ދިމާވާ މައްސަލަތަކާއި ޓްރޯމާގެ ބައި ވާހަކައިން ވަރަށް ފުރިހަމަ އަށް ކިޔައިދީފައި ވެއެވެ. މި ވާހަކަ އިން ކިޔައިދެނީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުޑަ އަވަށަކުން ބޮސްޓަން އަށް ބަދަލުވި ލިލީ ގެ ވާހަކަ އެވެ. ބޮސްޓަން އަށް ބަދަލުވުމާއެކު ލިލީ އަށް ރައިލް އާއި ދިމާވެއެވެ. އަދި ރައިލް އާއި ލިލީ ދިމާވެ ލޯބިވެ ގުޅޭ ހިސާބުން ލިލީ ގެ ކުރީގެ ލޯބިވެރިޔާ އެޓްލަސް އާދެއެވެ. އެޓްލަސް އައުމާއެކު ލިލީގެ ހަޔާތުގެ ބައިވެރިޔާ އަކަށް ހަދާނީ ކާކުކަން ހުދު ލިލީ އަށް ވެސް ނޭނގެއެވެ. މި ވާހަކައިގެ ދެވަނަ ބައި "އިޓް ސްޓާޓްސް ވިތް އަސް" ވެސް ވަނީ 2022 ވަނަ އަހަރު ނެރެފައެވެ.