އެއީ ބަލިކުއްޖަކު ގޮވައިގެން، އެކަނި އުޅެމުން ދިޔަ މަންމައެކެވެ. ނިކަމެތިކަމާއި، އެކަނިވެރިކަމުގެ ސަބަބުން އޭނާއަށް ދިރިއުޅުމުގައި ގިނަ އިމްތިހާނުތަކެއް ކުރިމަތިވެއެވެ. ނަފްސާނީ ގޮތުން މީހާ ބަލިކަށިކޮށްލައެވެ. ނޭގުމެއްގެ ތެރޭގައި ބޮޑު ކުށަކަށް އަރައިގަނެވެއެވެ. ދިމާވާ މަޖުބޫރީ ހާލަތާއި އެކު އެމިއްލަ ފުރާނަ ސަލާމަތްކުރުމަށް މީހާގެ ފުރާނަ ދުއްވާލައެވެ. ނުވެސް އެގި ހުއްޓާ ބޮޑު ކުށެއްގެ އިލްޒާމު ބޮލުގައި އެޅި ކުށްވެރިއަކަށް ބަދަލުވެދެއެވެ.

މިއީ ނެޓްފްލިކްސް ގެ އާ ފިލްމު 'ސްޓްރޯ'ގެ ވާހަކައެވެ. މި ފިލްމުން ހިތްދަތި އެތައް މަންޒަރެއް ފެނިގެންދާއިރު މި ހުރިހާ ސަބަބުތައް ގުޅިފައިވާ ހަގީގީ ހާދިސާ އެގިގެންދަނީ ފިލްމު ނިމޭ ހިސާބުންނެވެ. މި މަހުގެ 6 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމު ލިޔެ ޑައިރެކްޓްކޮށްފައިވަނީ ޓައިލާ ޕެރީއެވެ. މި ފިލްމުގައި އެކަނިވެރި މަންމައެއްކަމުގައި ޖަނިޔާގެ ރޯލުން ތާރާޖީ ޕީ ހެންސަން ފެނިގެންދާ އިރު މިއީ އޭނާގެ އެކްޓިންއަށް އޮސްކާ އެވޯޑް ލިބޭ ވަރުގެ ފިލްމެއްކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މި ފިލްމާ ބެހޭ ގޮތުން ފިލްމުގެ ޑައިރެކްޓަރު ބުނީ މިއީ އަންހެނަކު އޭނާގެ ދަރިފުޅަށްޓަކައި ވަމުންދާ ގުރުބާނީތައް ފެނިގެންދާ ފިލްމެއް ކަމަށެވެ. އަދި އޭނާގެ ބަލި ދަރިފުޅު ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހީވެސް ނުކުރާފަދަ ކަމެއްގެ ތެރެއަށް އޭނާ ވެއްޓިގެންދާ ގޮތް މި ފިލްމުގައި ފެނިގެންދާނެކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.

މި ފިލްމުގައި ޖަނިޔާގެ މުޅި ދިރިއުޅުން އެންމެ ދުވަހެއްގެ ތެރޭގައި ބަދަލުވާ ގޮތް ދައްކުވައިދީފައިވަނީ ވަރަށް ފުރިހަމައަށެވެ. ބަލިކުއްޖަކު ގޮވައިގެން އުޅެމުންދާ ނިކަމެތި ހާލަތާއި ގޭގެ ބިލުތައް ދައްކާނެ ފައިސާ ނެތުމާއި، ދަރިފުޅަށް އިންޓަވަލް ގަނެނުދެވުމުގެ ހިތާމައިގެ އިތުރުން ވަޒީފާގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް މި ފިލްމުގައި ދައްކާދީފައިވާއިރު، މި ފިލްމުގެ ކޮންމެ މަންޒަރަކީވެސް ނޭވާ ހިފަހައްޓާލަން ޖެހޭ މަންޒަރެކެވެ.