ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލް ކޮށްފައި އޮތް ނަމަވެސް، އަޑުއެހުން ކެންސަލް ވެއްޖެއެވެ.

ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައި އޮތީ މިއަދުގެ ހެނދުނު 9:30 އަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ޝަރީޢަތުގެ މާލަމަށް ފެނުގެ އަސަރުކޮށްފައި ވާތީ އާއި، މާލަމުގެ ސީލީންގްގެ އެކި ހިސާބުތަކުން މިހާރު ވެސް ފެން ފައިބަމުންދާތީ ކަމަށެވެ.

މި މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ އަދި އޭގެ އަނެއް ދުވަހަށް ތާވަަލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހު 30ގައި އޮތް ޔާމީންގެ ޝަރީއަތް ވެސް ވަނީ ކެންސަލް ވެފައެވެ. އެސަރީއަތް ކެންސަލް ކުރީ މި މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި އޭރު ހުންނެވުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ދެން ދައުވާ އުފުލާފައި ވަނީ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށެވެ. ވ. އާރަށުގެ މުއާމަލާތާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

ޔާމީންގެ ޝަރީއަތް ކެންސަލް ވެފައި ވާއިރު ޔާމީން ޖަލަށް ލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ބޭރު ގައުމެއްގެ ފަރާތުން (އިންޑިއާ) އިން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަ ރައީސް އޮފީހާއި ފޮރިން މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާ ބައްދަލު ކުރެއްވި އިރު ވީޑިއޯ ކޯލްގެ ޒަރީއާއިން ރައީސް ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ އެހަބަރަކީ އެއްވެސް ހަގީގަތެއް ނެތް، ނުހިނގާ ކަމެއް ހިނގިކަމަށް ދައްކަން، ނޫސްވެރިކަމުގެ ހަމަތަކާ ހިލާފަށް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ ލިޔެފައިވާ ހިޔާލީ ވާހަކައެއެއް ކަމަށެވެ.

ރައީސް އޮފީހުން ވަނީ، ދިވެހިރާއްޖެ އާއި ބޭރުގެ ގައުމުތަކާ ގުޅޭ ގޮތުން އެފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ޝާހިދު އިންޑިޔާއަށް ކުރެއްވި ދަތުރަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި ދަތުރެއް ކަމަށެވެ.

އަދި އެދަތުރުގެ ތެރެއިން ޝާހިދު ބައިވެރިވަޑައިގެންނެވި ބައްދަލުވުމެއްގައި، ރައީސް ޔާމީން ޖަލަށް ލުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ބޭރު ގައުމެއްގެ ބޭފުޅަކު ދެންނެވި ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރަކީ ދޮގު މައުލޫމާތެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.