މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވާ، ފިލްމީ ތަރި ހުނައިޝާ އާދަމް (ހުނޫ) ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

އެ މައްސަލާގައި ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ކުށާއި ކުށުގެ ވެށްޓާއި ހުނޭސާއާ ގުޅުމެއް އޮތް ކަމަށް ބެލެވިދާނެ ކަންކަން ހުރި ކަމަށާއި އެތަނުން ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކިރާ މެޝިނާއި ބަންދުކުރާ ކޮތަޅުތައް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

ހުނައިޝާގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށަކަށް ވުމުންނާއި ކުށް ހިންގާފައިވަނީ ގިނަ ބަޔަކު ބައިވެރިވެގެން ކަމުގައި ބެލެވޭތީއާއި ތަނުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ ބަރުދަނަށާއި ތަނުގައި ހުރި ތަކެއްޗަށް ބަލާއިރު ފުޅާ ދާއިރާއެއްގައި ކުރެވޭ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން މިހާލަތުގައި އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެ ކަމަށް ބެލެވޭ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅަން ނިންމާފައެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުނޫ ދޫކޮށްލާފައި ވަނީ މަސްތުވާތަކެތި ފެނުނީ ހުނޫ ދިރިއުޅޭ ތަނުން ނޫންކަމަށާއި ފެނުނު ތަކެތީގެ ޒިންމާ އެހެން މީހަކު ފެށުނީއްސުރެ ނަގާފައިވާ ކަމަށް ބުނެއެވެ. އަދި އެ ތަކެތި އޭނާ އާ ގުޅުވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ހުނޫގެ އިތުރުން، އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހުނޫގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ ކެނަބިހާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ދެ ދައުވާ އާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ފުރަތަމަ ޖަދުވަޅުގައިވާ މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ.

ހުނޫ އަކީ ފިލްމު ކުޅުމުގެ އިތުރުން ޓިކްޓޮކުން ވެސް ފެނިގެންދިޔަ ފަންނާނެކެވެ. "ހުވާ" ފަދަ މަޝްހޫރު ސީރީޒްތަކުން ފެނިގެން ދިޔަ ހުނޫ ވަނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ.