މި ހިނގާ ދިރާސީ އަހަރު ނާސަރީއަށް ނުވެއްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅި ކުއްޖަކު 15 ދުވަހުގެ ތެރޭގައި އެލްކޭޖީއަށް ބަދަލުކުރުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މިދިޔަ އަހަރު މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރު އެލްކޭގައި އުޅޭނީ މިދިޔަ އަހަރު ޑިސެމްބަރަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނެވެ. އެއާއެކު އެ ކުއްޖާ ޕްލޭ ސުކޫލުން ނާސަރީއަށް ބަދަލުވުމަށް ކަނޑައަޅާފައިވާ އުމުރު ހަމަނުވާ ކަމަށާއި ޕްލޭ ސުކޫލުގައި ރިޕީޓު ކުރަން ޖެހޭ ކަމަށް ކެންގަރޫ ކިޑްސްއިން އެ ކުއްޖާގެ ބެލެނިވެރިންނަށް ވަނީ އަންގާފައެވެ.

ކުއްޖާގެ މަންމަގެ ފަރާތުން އެ ޝަކުވާ އެޑިއުކޭޝަން އިން ހުށަހެޅުމުން ވަނީ އެ ނިންމުން ބަދަލު ނުކުރެވޭނެ ކަމަށް އަންގާފައެވެ. އެ ނިންމުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ތައުލީމުގެ ގާނޫނާއި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކުއްޖާގެ މަންމަ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ.

އެ ކޯޓުން ހުކުމްކޮށްފައި ވަނީ، މިނިސްޓްރީގެ ސާކިއުލާ ކުއްޖާގެ މައްޗަށް ތަންފީޒުކުރުމުގައި ތައުލީމުގެ ގާނޫނާއި ހިލާފުވެފައިނުވާ ކަމަށާއި ކުއްޖާގެ މަންމަ އެދުނު އެއްވެސް ކަމެއް ފުރިހަމަ ކޮށްނުދެވޭނެ ކަމަށެވެ.

އެއާއެކު މިދިޔަ މަހުގެ 17 ގައި އެ ކުއްޖާގެ މަންމަ ވަނީ އޭނާގެ ދަރިފުޅު މި އަހަރު އެލްކޭޖީގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދި ހައިކޯޓަށް ހުށަހަޅާފައެވެ.

ދައުވާ އުފުލި ކުއްޖާގެ މަންމަ ބުނެފައި ވަނީ 7، 2025 ގައި ފެށުނު އިރު ދަރިވަރު ނާސަރީގައި ރިޕީޓްކުރަން ޖެހުނީ ސިވިލް ކޯޓުން ކުރި ހުކުމުގެ ސަބަބުން ކަމަށާއި މިއީ ކުއްޖާއަށް މިހާރުވެސް ލިބެމުންދާ ގެއްލުމެއް ކަމަށެވެ. އަދި މި މައްސަލަ ނިމެންދެން ކުއްޖާ މިހާރު ހުރި ގޮތަށް ނާސަރީގައި ބަހައްޓައިފި ނަމަ ހައި ކޯޓުން މައްސަލައިގައި ހުކުމަކާ ހަމަޔަށް ދާއިރު އެ ހުކުމެއް ތަންފީޒު ނުކުރެވޭނެ ހާލަތެއް ވެސް މެދުވެރިވެދާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ހުށަހެޅި ސައިކޮލޮޖިކަލް އެސެސްމަންޓަށް ބަލާއިރު، ކުއްޖާއަކީ މިދިޔަ އަހަރުގެ ދިރާސީ އަހަރު ފެށުނުއިރު، ދެ އަހަރާއި ދިހަ މަހުގެ ކުއްޖަކަށް ވިޔަސް ތިން އަހަރާއި ދެ މަހުގެ ކުއްޖެއްގެ ކިބައިގައި ހުންނަން ޖެހޭ ގާބިލުކަން ހުރި ކުއްޖެއްކަމަށް އެސެސްމަންޓުގައިވާކަން ފާހަގަކޮށްފައިވާ ކަމަށް ކުއްޖާގެ މަންމަ ބުނެފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ ދަރިވަރުން އެލްކޭޖީއަށް ވައްދަނީ އެސެސްމަންޓްއަކަށް ބިނާކޮށް ނޫން ކަމަށާއި އުމުރަށް ބިނާކޮށް ކަމަށެވެ. އަދި އެފަދަ ވަގުތީ އަމުރެއް ނެރެދީފި ނަމަ މައްސަލައިގައި ބުނާ ގޮތަށް ގްރޭޑް ރިޕީޓް ކުރަން ޖެހިފައި ތިބި އެހެން ކުދިން ފަރާތުން ވެސް އެ މައުޟޫގައި "ފްލަޑް ގޭޓްއެއް" ހުޅުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ބެއްލެވި، ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނެރުނު އަމުރުގައި ވަނީ، އެ ކޯޓުން އެހެން ގޮތަކަށް އަންގަންދެން ނުވަތަ ގޮތެއް ކަނޑައަޅަންދެން ވަގުތީ އަމުރު ނެރޭތާ ލަސްވެގެން 15 ދުވަހުގެ ތެރޭގައި އެ ކުއްޖާ އެލްކޭޖީއަށް ބަދަލުކޮށްދިނުމަށެވެ. އަދި، ބަދަލުގެ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާއަކަށް އަންގަން އެ އަމުރުގައިވެއެވެ.

ހައިކޯޓުން މިފަދައިން ކަނޑައަޅާފައި ވަނީ މި މައްސަލަ ކޯޓަށް ހުށަހެޅީ ކުއްޖާގެ ހައްގުތައް ހިމާޔަތްކުރުމަށް އެދިކަމަށް ވުމުން އެ ކުއްޖާގެ މަންމައަކީ މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދެވޭނެ ފަރާތެއް ކަމަށް ބެލެވޭނެ ކަމަށް ބުނެއެވެ.