ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބެއިރު (މަންދީ) ދެއްކެވި ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހެޅުއްވި މައްސަލަ ބަލަން ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އެމްޑީޕީން އިސްތިއުނާފް ކޮށްފިއެވެ.
ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފް ކޮށްފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގައެވެ. ނަމަވެސް އަދި މި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ވަކި ގޮތެއް އެ ކޯޓުން އަދި ނުނިންމައެވެ.
މިދިޔަ ރަމްޟާން މަހުގެ ތެރޭގައި ސިލްސިލާކޮށް މާލޭގެ މަގުތަކުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ ސާބިތު ނުހިފޭ ތުހުމަތެއް ކޮށްފައެވެ. މި ކަމާ ގުޅިގެން ރައީސްގެ އާއިލާއިން ވަނީ މި މައްސަލަގައި ދައުވާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އުމައިރުގެ މަންމަ، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް ވަނީ މަންދީ އާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައެވެ.
މައްސަލަ ހުށަހެޅި ގޮތުން އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިއުތިރާޒުތަކެއް އެމްޑީޕީގެ ފަރާތުން ހުށަހެޅި ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށެވެ. އަދި ދައުވާއަށް ޖަވާބުދާރީވުމަށް ވެސް އެ ކޯޓުން ވަނީ އަންގާފައެވެ.
މަންދީގެ މައްޗަށް ދައުވާކުރަން ސިވިލް އަދި ފެމިލީ ކޯޓަށް މެޑަމް ސާޖިދާގެ ފަރާތްޕުޅުން މައްސަލަ ހުށަހަޅުއްވާފައިވާ އިރު، ރައީސްގެ ދަރިކަލުންގެ ކަރާމަތް ނަގާލީ ކުއްޖާގެ މަންމަ ކަމަށް ބުނެ، އެމްޑީޕީން ވަނީ ސާޖިދާ އާއި އެ ކަމަނާގެ ވަކީލް އާޒިމާ ޝަކޫރްގެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމާފައެވެ. އެމްޑީޕީން ބުނާ ގޮތުގައި މަންދީ ވާހަކަ ދެއްކީ ވަކި ކުއްޖަކަށް ނިސްބަތްކޮށް ނޫން ކަމަށާއި ކުއްޖާގެ ޒާތީ މައުލޫމާތުތައް ހާމަކުރެއްވީ ސާޖިދާގެ ފަރާތްޕުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ.