ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.

ޝިޔާމްގެ މައްޗަށް ކޮށްފައި ވަނީ ސިފައިންގެ އެންމެ އިސް ޖެނެރަލްގެ ގޮތުގައި އޭނާ ހުންނެވިއިރު ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެސްޓްހައުސެއްގައި އޭނާގެ ބައްޕަ އަހަރަކަށް ވުރެ ގިނަ ދުވަހު ބަހައްޓައި، އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ އޮފިސަރަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.

އެހެންނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް އޮކްޓޫބަރު 1، 2024ގައި ކްރިމިނަލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލަ ބައްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒުލިފާ އިއްވެވި އެ ހުކުމުގައި ބުނެފައި ވަނީ ގެސްޓުހައުސްގައި އާއިލީ މީހުން ބެހެއްޓޭނެ ވަކި މުއްދަތެއް ސިފައިންގެއިން ކަނޑައަޅާފައި ނުވާ ކަމަށާއި އެހެން ކަމުން ޝިޔާމްގެ ބައްޕަ ވީއައިޕީ ގެސްޓްހައުސްގައި ބެހެއްޓީ ނުފޫޒެއް ބޭނުންކޮށްގެންކަން ދައުލަތަށް ބުނެދެވިފައި ނެތް ކަމަށެވެ.

ޝިޔާމްގެ ބައްޕައަށް ބޭސް ގެނެސްދީ، އެފަދަ އެހީތައް ސިފައިންގެ ޕްރައިވެޓް އޮފިސަރު ދިނީ އަމުރެއް ކޮށްގެން ނޫންކަމަށް އެކަން ކުރި ސިފައިންގެ އޮފިސަރު ވަނީ ކޯޓުގައި ބުނެފައެވެ. އޭނާ ބުނިގޮތުގައި އެކަން ކޮށްދިނީ އޮންނަ ގާތް ކަމުން ހުސް ވަގުތުތަކުގައެވެ.

އަދި ހަމައެހެންމެ އެ ތަނުގެ ކޭޓަރިން އިން ޝިޔާމްގެ ބައްޕައަށް ފޯރުކޮށްދިން ހިދުމަތްތަކަށް ޑިފެންސް މިނިސްޓްރީއަށް ބިލް ކޮށްފަ ނުވާ ކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައި ވެއެވެ. ޝިޔާމްގެ ބައްޕަގެ ކެއިންބުއިމާއި ދަތުރުފަތުރަށް އެ މުއްދަތުގައި ހަރަދު ކުރީ ޝިޔާމްގެ ޖީބުންކަން ޝަރީއަތަށް ހެކި ބަސް ދިން ސިފައިން ވެސް ވަނީ ހެކިބަސް ދީފައެވެ.

ޝިޔާމް މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލްކޯޓުން ނިންމި ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ނަމަވެސް ޝިޔާމްގެ މައްޗަށް އިތުރު މައްސަލައެއް ހުށަހެޅިފައި ނުވުމާއި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މައްސަލަހަތެއް އޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ނުފެންނާތީ، އިސްތިއުނާފު މައްސަލަ ބާތިލްކުރުމަށް އެ އޮފީހުން ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ.