ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ގުޅިގެންނެވެ. އެއީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

މި ދެ ބޭފުޅުންގެ މަގާމު ހައިކޯޓުން ހުސްވުމާއި ގުޅިގެން ޖުޑިޝަރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމުގެ ތައުލީމީ ޝަރުތަކީ:

  • ޝަރުއީ އަދި ގާނޫނީ ދާއިރާއިން ޑިގްރީއެއް އޮތުން
  • ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރުން
  • އުމުރުން 25 އަހަރުވެފައިވުމާއި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ ކުށެއް ނުވަތަ ރިޝްވަތު ނުވަތަ ހިޔާނާތުގެ ކުށެއް ސާބިތުވެފައި ނެތުން

ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު 64،000 ރުފިޔާ ލިބެއެވެ.

ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. އެހެންވެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ މަތިން މާކްސް ދީފައި ވަނީ ހަމީދާއި ސަލީމަށެވެ.