ޔޫކްރައިންގައި ރަޝިއާއިން ކުރަމުން ދާ ހަނގުރާމައާއެކު ބައިނަލްއަގުވާމީ ސަޕްލައިއަށް ނުނެރެވިހުރި ގޮވާމުގެ ސްޓޮކް، ދެ ގައުމު އެއްބަސްވާ އުސޫލެއްގެ ދަށުން ދޫ ކުރުމަށް އެކުލަވާލި އެއްބަސްވުމާއެކު، ބައިނަލްއަގުވާމީ ބާޒާރުގައި ގޮވާމުގެ އަގުތައް ދަށަށް ހިނގައްޖެއެވެ.

ބްލެކްސީ ހުރަސްކޮށް، ގޮވާމުގެ ސަޕްލައި ބޭރު ކުރުމާ ބެހޭ އެއްބަސްވުމުގައި މީގެ ކުޑަ އިރު ކޮޅެއް ކުރިން ސޮއި ކުރީ، ތުރުކީވިލާތުގެ އިސްތަންބޫލްގައެވެ. އެއްބަސްވުން އެކުލަވާލުމުގައި މެދުވެރިއެއްގެ ގޮތުގައި އެންމެ އިސް ދައުރެއް އަދާ ކޮށްފައި ވަނީ އދއިންނެވެ.

ބައިނަލްއަގުވާމީ ގޮވާމުގެ ބާޒާރުގައި އަގުތަށް ހުރި ގޮތަށް ބަލާއިރު، ދުނިޔޭގެ ބާޒާރުގެ ބެންޗްމާކެއް ކަމުގައި ބަލާ ޝިކާގޯ ވީޓްގެ އަގު 3 ޕަސެންޓް ދަށަށް ގޮސްފައި ވާ އިރު، ވިލާތުގެ ބެންޗްމާކެއް ކަމުގައި ބަލާ ޔޫކޭ ފީޑްގެ އަގުތައްވެސް 3 ޕަސެންޓް ދަށަށް ގޮސްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ޔޫކްރައިންގައި ހައްދާ ގޮވާން، ބްލޭކް ސީ ހުރަސްކޮށް ބައިނަލްއަގުވާމީ ބާޒާރަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމަކަށް ރަޝިއާއާއެކު އާދެވިފައި ވީ ނަމަވެސް، ޔޫކްރައިނުން ރަޝިއާއެކު ސީދާ އެއްބަސްވުމެއްގައި ސޮއި ނުކުރާ ކަމަށް ހަބަރު ލިބެއެވެ. ޔޫކްރައިނުން އެއްބަސްވުމުގައި ސޮއި ކުރަނީ އދގެ އިތުރުން ތުރުކީވިލާތާއެކުގައެވެ.

އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމާއެކު، އަންނަ ހަފުތާއިން ފަށައިގެންވެސް ގޮވާމުގެ ސަޕްލައި ބޭރު ކުރަން ފެށޭވަރު ވާނެ ކަމަށް ޔޫކްރައިންގެ މަޖިލީސް މެންބަރަކު ވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ވިދާޅުވެފައެވެ. ނަމަވެސް، ޔޫކްރައިންގައި ހުރި ގޮވާމުގެ ސްޓޮކް އެ ގައުމުން ބޭރުކުރުމަށް އެކަށީގެންވާ މިންވަރުގެ ކަނޑު އުޅަނދު ފަހަރު ހުރި ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިން އަރާ، ހަނގުރާމަ ފަށާ، އެ ގައުމުގެ އެކްސްޕޯޓަށް ހުރަސް އަޅަން ފެށުމާއެކު ބައިނަލްއަގުވާމީ ފެންވަރުގައި ކާބޯތަކެތީގެ ސަޕްލައިގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އެތައް ބަޔަކު ބަނޑުހައި ހޫނުކަމުގެ ނުރައްކަލަށް ހުށަހަޅާފައެވެ.

ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ. އެހެން ކަމުން، ރަޝިއާއިން ހުރަސް އަޅަމުންދާ ބަނދުރަތައް ހުޅުވާ، ޔޫކްރައިންއިން ކާބޯތަކެތި އެކްސްޕޯޓް ކުރެވޭނެ މަގު ތަނަވަސް ކުރުމަކީ ބައިނަލްއަގުވާމީ ސަމާލުކަން އެކަމަކަށް ހުއްޓިފައި ވާ އެންމެ ހައްސާސީ އެއް މައްސަލައެވެ. ޔޫކްރައިންގެ އޮޑެއްސާގައި މިހާރުވެސް 20 މިލިއަން ޓަނުގެ ގޮވާން ތާށިވެފައި އެބަހުއްޓެވެ.

ގޮވާމުގެ އެކި ބާވަތްތަކަށް ބަލާއިރު ގޮދަނަކީ އެންމެ ގިނަ ބަޔަކު އެ ބާވަތަކަށް ބަރޯސާވާ އެއް ގޮވާމެވެ.

ރަޝިއާއާއި ޔޫކްރައިންއަކީ ދުނިޔޭގެ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ގޮދަން އެކްސްޕޯޓް ކުރަމުން ދާ 2 ގައުމެވެ. އަދި ދުނިޔޭގެ ފެންވަރުގައި ކުރާ ގޮދަނުގެ ވިޔަފާރީގެ 3 ބައިކުޅަ 1 ބައި ހިއްސާ ކުރާ 2 ގައުމުވެސްމެއެވެ. ސަންފުލާވާ ތެލުގެ އެކްސްޕޯޓްގެ 55 ޕަސެންޓް ހިއްސާ ކުރަނީ ރަޝިއާއާއި ޔޫކްރައިނުން ކަމަށް ވާއިރު، ޒުވާރިއާއި ބާރުލީގެ 17 ޕަސެންޓް އެކްސްޕޯޓް ހިއްސާ ކުރަނީވެސް އެ 2 ގައުމެވެ. ޔޫއެންއެފްއޭއޯއިން ބުނާ ގޮތުގައި ރަޝިއާއާއި ޔޫކްރައިނުން މި އަހަރު 14 މިލިއަންޓަނުގެ ގޮދަނާއި 16 މިލިއަން ޓަނުގެ ޒުވާރި އެކްސްޕޯޓް ކުރާނެ ކަމަށް އޮތީ ލަފާކޮށްފައެވެ.