ރައްޔިތުންނަށް ފިއްލަވައިގެން ގައުމު ދޫކުރައްވައި ރާއްޖެ މަގުން ސިންގަޕޫރަށް އިއްޔެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ އިސްތިއުފާ، އެގައުމުގެ ގާނޫނު ހަދާ މަޖިލިހުން ބަލައިގެންފިއެވެ.

ލަންކާގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރުދޭނާ ވިދާޅުވި ގޮތުގައި، ގޮތަބަޔާގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް މުއްދަތުގައި އެގައުމަށް އާ ރައީސަކު އައްޔަނު ކުރުމަށްޓަކައި މާދަމާ އާ ރައީސަކު ހޮވުމުގެ މަސައްކަތްތައް ފަށްޓަވާނެއެވެ. އެގޮތުން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭ އާ ރައީސެއް ހޮވުމުގެ ކަންކަން ނިންމަވާނެ ކަމަށް ވިދާޅުވެ، ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ހުރިހާ ޕާޓީތަކުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

"އަހަރެން ބޭނުންވަނީ ގާނޫނުގައިވާ ގޮތަށް އާ ރައީސަކު ހޮވުމަށްޓަކައި ގާނޫނު ހަދާ މަޖިލިހުން ކުރަން ޖެހޭ މަސައްކަތްތައް ލަސްނުކޮށް ކުރުމަށް. މި މަސައްކަތަށް ހުރިހާ ޕާޓީތަކުގެ ލީޑަރުން އެއްބާރުލުން ދެއްވުމަށް އެދެން." އަބޭވަރުދޭނާ ވިދާޅުވިއެވެ.

އަމިއްލަ ގައުމު ދޫކުރައްވައި ރާއްޖެ މަގުން ސިންގަޕޫރަށް ފިއްލަވައިގެން ވަޑައިގެންނެވި ގޮތަބަޔާ އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވައި، އިސްތިއުފާގެ ސިޓީ ލަންކާގެ ގާނޫނު ހަދާ މަޖިލިހަށް ފޮނުވާފައިވަނީ އީމެއިލް މެދުވެރިކޮށް ރޭގެ ވަގުތެއްގައެވެ. ގޮތަބަޔާ އިސްތިއުފާ ދެއްވާފައިވަނީ މަގާމުން އިސްތިއުފާދެއްވާނެ ކަމަށް އިއުލާނު ކުރެއްވިތާ ދުވަހެއްވީ ފަހުންނެވެ. އެ މަގާމުން ގޮތަބަޔާ އިސްތިއުފާ ދެއްވާފައިވާއިރު، ވަގުތީ ރައީސްކަމުގައި މިހާރު ހުންނެވީ ލަންކާގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ރަނިލް ވިކްރަމަސިންހައެވެ.