ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ އެ ގައުމުގައި ހުންނެވި އިރު އިސްތިއުފާ ނުދެއްވީ އެ މަނިކުފާނުގެ ފުރާނަ ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިމަހު 12 ވަނަ ދުވަހުގެ ރޭ ދަންވަރު ލަންކާގެ އެއާފޯސްގެ ހާއްސަ ފްލައިޓެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ފަހު މިއަދު ހެނދުނު ސައުދީ އެއާލައިނުން ސިންގަޕޫރަށް ފުރާވަޑައިގަތުމަށްފަހު ގޮތަބަޔާ އިސްތިއުފާ ދެއްވާފައި ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަފާ އަބޭވަރްދެނާ އަށް ފޮނުއްވި ސިޓީފުޅަކުންނެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ގޮތަބަޔާ އެ ގައުމުގައި ހުންނެވި އިރު އިސްތިއުފާ ނުދެއްވީ އެމަނިކުފާނުގެ ފުރާނަ ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ކަމަށާއި މިހާރު ގޮތަބަޔާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ދެން ސްރީލަންކާއަށް ކުރިއަށް ދެވިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ލަންކާގެ ރައްޔިތުންނަށް ހެޔޮއެދުން އަރިސްކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ގޮތަބަޔާ ރާއްޖެއަށް ވަޑައިގަތުމާ އެކު ރާއްޛޭގެ ގިނަ ބަޔަކާއި އަދި ރާއްޖެގައި ތިބި ލަންކާގެ ރައްޔިތުން ވަނީ ހޮތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް މި ދަނޑިވަޅުގައި ސަރުކާރުން ވަކި އެއްޗެއް ނުބުނެ ގޮތަބަޔާ ރާއްޖެއިން ފުރާ ވަޑައިގަތުމާ ހަމައަށް މަސްލަހަތު ހިފަހއްޓާފައިވާ ކަން ފާހަގަ ކުރަވަމުން ނަޝިޑު ވަނީ މި ސަރުކާރަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން މިފަދަ ދަނޑިވަޅުގައި ސަރުކާރުން އަމަލު ކުރީ ވަރަށް ވިސްނުންތެރި ކަމާއެކުގައި ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ގޮތަބަޔާ ލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވިތާ ދުވަހެއްވީ ފަހުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ލަންކާގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ރަނިލް ވިކްރަމަސިންހަ ވަނީ ވަގުތީ ރައީސް ކަމަށް އައްޔަނުކޮށްފައެވެ. މާދަމާ ލަންކާގެ ގާނޫނު ހަދާ މަޖިލިހުން ވަގުތީ ބޮޑުވަޒީރެއް ވެސް އައްޔަނު ކުރަން ވަނީ އެޖެންޑާކޮށްފައެވެ.