އަމިއްލަ ގައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެން އުޅުއްވާ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ލަންކާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި، ގޮތަބަޔާ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ސިޓީފުޅު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަފާ އަބޭވަރްދެނާ އަށް ލިބިވަޑައިގަތީ މީގެ ކުޑައިރުކޮޅެއް ކުރިން އީމެއިލުންނެވެ.

ގޮތަބަޔާ ލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވިތާ ދުވަހެއްވީ ފަހުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ލަންކާގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ރަނިލް ވިކްރަމަސިންހަ ވަނީ ވަގުތީ ރައީސް ކަމަށް އައްޔަނުކޮށްފައެވެ. މާދަމާ ލަންކާގެ ގާނޫނު ހަދާ މަޖިލިހުން ވަގުތީ ބޮޑުވަޒީރެއް ވެސް އައްޔަނު ކުރަން ވަނީ އެޖެންޑާކޮށްފައެވެ.

ގޮތަބަޔާ އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ފޮނުއްވާފައި ވަނީ ރާއްޖޭގައި 33 ގަޑިއިރު ހޭދަ ކުރެއްވުމަށް ފަހު، ސިންގަޕޫރަށް ވަޑައިގަތުމަށް ފަހުގައެވެ.

މިހާރު ސިންގަޕޫރުގައި ގޮތަބަޔާ ހުންނެވިއިރު، ބޭރުގެ ބައެއް މީޑިއާތަކާ ހަވާލާދީ ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ، ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންފައި ވަނީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށާއި، އޭނާ އަށް އެ ގައުމުން ހިމާޔަތް ދީފައި ނުވާ ކަމަށެވެ.