ރާއްޖޭގައި ހުންނެވުމަށް ފަހު ސިންގަޕޫރަށް ވަޑައިގެންނެވި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށާއި، އެ ގައުމުން އޭނާ އަށް ހިމާޔަތް ދީފައި ނުވާނެ ކަމަށް، ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ގޮތަބަޔާ ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަތީ މިއަދު ހެނދުނު 11:27 ގައި، ސައުދިއާ އެއާލައިންގެ SV788 ފްލައިޓުންނެވެ. ބޭރުގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި، ގޮތަބަޔާގެ ދަތުރަށް ޓިކެޓު ދޫކޮށްފައިވަނީ ސައުދިއާ އެއާލައިންގެ ޖިއްދާގައި ހުންނަ އޮފީހުންނެވެ.

ގާތްގަނޑަކަށް ފަސް ގަޑިއިރުގެ ދަތުރަކަށް ފަހު، ގޮތަބަޔާ އިންނެވި ފްލައިޓް ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ޖައްސާފައި ވަނީ މީގެ ދެ ގަޑިއިރު ކުރިން ހަވީރު 4:17 ގައެވެ. އެއީ ސިންގަޕޫރު ގަޑިން ނަމަ ރޭގަނޑު 7:17 އެވެ.

ސިންގަޕޫރަށް ގޮތަބަޔާ ވަޑައިގެންފައި ވާއިރު، އެ ގައުމުގައި އޭނާ މަޑުކުރައްވާނެ މުއްދަތެއް އަދި ކަށަވަރެއް ނުވެއެވެ.

ބޭރުގެ ބައެއް މީޑިއާތަކާ ހަވާލާދީ ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ، ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންފައި ވަނީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ.

"އޭނާ [ގޮތަބަޔާ] ހިމާޔަތަކަށް އެދިފައެއް ނުވޭ، އަދި އޭނާ އަށް [ސިންގަޕޫރުން] ހިމާޔަތް ނުދެން. ސިންގަޕޫރުން އާންމު ގޮތެއްގައި ހިމާޔަތެއް ނުދޭ." އޭނާ ވިދާޅުވިއެވެ

ގޮތަބަޔާ ރާއްޖެ ވަޑައިގަތީ، މިދިޔަ އަންގާރަ ދުވަހުގެރޭ ދަންވަރު ލަންކާގެ އެއާފޯސްގެ ހާއްސަ ފްލައިޓެއްގައެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވި މައްސަލަ ހޫނުވެފައި ވާއިރު، ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، ގޮތަބަޔާ ފޯނުން އިސްތިއުފާ ދެއްވާފައި ވާއިރު އިސްތިއުފާގެ ރަސްމީ ސިޓީ ރޭ 12 ޖެހި އިރުވެސް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރުދަނާ އަށް ލިބިވަޑައިގެންފައެއް ނުވެއެވެ.

ރައީސް ކަމުން އިއްޔެ އިސްތިއުފާ ދެއްވާނެ ކަން ގޮތަބަޔާ މީގެ 4 ދުވަސް ކުރިން އިއުލާން ކުރައްވައި އިސްތިއުފާގެ ސިޓީގައި ސޮއިކުރެއްވި ކަމަށް ހަބަރުތައް ފެތުރުނު ނަމަވެސް، އެ ސިޓީ މަޖިލީހުގެ ރައީސްގެ އަތްޕުޅަކަށް ނާރުވައެވެ. އޭގެ ބަަދަލުގައި ގޮތަބަޔާ ބެއްލެވީ، ގައުމު ދޫކުރައްވައި ވަޑައިގަންނަވާށެވެ. ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން، ދުބާއީއަށް ވަޑައިގަތުމަށްވެސް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އިމިގްރޭޝަން އޮފިޝަލުން ޕާސްޕޯޓުގައި ތައްގަނޑު ޖަހައިދޭން ދެކޮޅު ހެދުމުން، ވަޑައިގެންނެވީ ރާއްޖެއަށެވެ.