ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެއަށް ވަޑައިގަތުމުގައި އިންޑިއާ ސަރުކާރުގެ އަތެއް އޮތް ކަމަށް ބުނާ ވާހަކަތައް ދޮގު ކޮށްފިއެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ، ގޯޓާބަޔާގެ ޓްރާންސިޓް ގައި އިންޑިއާ ސަރުކާރުން ބައިވެރިވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގަތީ، މިމަހު 12 ވަނަ ދުވަހުގެ ރޭ ދަންވަރު ލަންކާގެ އެއާފޯސްގެ ހާއްސަ ފްލައިޓެއްގައެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވި މައްސަލަ ހޫނުވެ ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން އިއްޔެ ނިކުމެ އިހްތިޖާޖު ކޯށްފައިވާ އިރު އެތައް ދިވެހިންނެއް ވެސް އަންނަނީ މި މައްސަލަ ކުށްވެރި ކުރަމުންނެވެ. ގޮތަބަޔާ ރާްއްޖެ ވަޑައިގެންނެވި އިރު، އޮންނަ އުސޫލުން ޑިޕްލޮމެޓިކް ކްލިއަރެންސް ދީފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީން އިންނެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން އެއްޗެއް ބުނަން ދެކޮޅު ހެދިނަމަވެސް، ޑިޕްލޮމެޓުންނާއި ރައީސުން އަދި ރާއްޖެ އެތެރެވާ ފްލައިޓްތަކަށް ޑިޕްލޮމެޓިކް ކްލިއަރަންސް ދެނީ ފޮރިން މިނިސްޓްރީ އިން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ "ދަ ޕްރެސް" އަށް ވިދާޅުވެފައެވެ.
ގޮތަބަޔާ ރާއްޖެ ދޫކުރައްވާ ފުރާވަޑައިގެންފައި ވަނީ މިއަދު ހެނދުނު 11:27 ގައި ފުރި ސައުދީ އެއާލައިންގެ SV788 އިން ސިންގަޕޫރަށެވެ. ރާއްޖެ ވަޑައިގަތުމަށްފަހު ގޮތަބަޔާ ފުރާވަޑައިގަތުމާ ހަމައަށް ހުންނެވީ އިތާފުށި ރިސޯޓުގައި ކަމަށް އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ރިސޯޓަކީީ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ގާތް ގުޅުމެއް އޮންނަ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ރިސޯޓެކެވެ.
ހުސްދޮގު.