މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހު ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ދެކަނބަލުން ރާއްޖެ އަށް ވަޑައިގެންފައި ވަނީ ހުރިހާ އިންތިޒާމްތަކެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް، ލަންކާގެ ސިފައިން ބުނެފިއެވެ.

މިހާރު ވެސް ލަންކާގައި މަސްރަހު ހޫނުވެފައިވާ ދަނޑިވަޅުގައި، ގޮތަބަޔާ އާއި އަނބިކަނބަލުން ހިމާޔަތް ހޯއްދަވައި، ލަންކާގެ އެއާޕޯޓް ކައިރީގައި ހުންނަ އަސްކަރީ މަރުކަޒެއްގައި ތިއްބެވި ކަމަށް، ބޭރުގެ ބައެއް މީޑިއާތަކުން ކުރިން ބުނެފައިވެއެވެ. އޭނާ ފިއްލަވައި އޭރު ދުބާއިއަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް، އެ ގައުމުގެ އެއާޕޯޓުން ވަނީ ޕާސްޕޯޓުގައި ތައްގަނޑު ޖަހައިދޭން ދެކޮޅު ވެސް ހަދައިފައެވެ.

ލަންކާގެ ވައިގެ ސިފައިން އާންމުކުރި ބަޔާނެއްގައި ބުނީ، ގޮތަބަޔާގެ ދެކަނބަލުން، ސެކިއުރިޓީ ދެ އޮފިސަރަކާ އެކު ރާއްޖެއަށް ވަޑައިގެންފައި ވަނީ، އޭނާ އަށް ގާނޫނީގޮތުން ލިބޭ ހައްގުތަކުގެ މަތިން، ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދަ އާ އެކު، ލަންކާގެ އެއާޕޯޓުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ.

ބޭރުގެ ހަބަރު ފަތުރާ އެކި އިދާރާތަކުން ބުނެފައި ވާ ގޮތުން ގޮތަބަޔާގެ ދެކަނބަލުން ރާއްޖެއަށް ވަޑައިގެންފައި ވަނީ އެންޓަނޯވް-32 މަރުކާގެ މިލިޓަރީ މަތިންދާ ބޯޓެއްގައެވެ.

އެ ގައުމުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ އާއި ބައެއް މަސްދަރުތަކުން ރިޕޯޓު ކޮށްފައި ވާ ގޮތުން ގޮތަބަޔާ ރާއްޖެ ވަޑައިގަތީ، ރޭ ދަންވަރު ލަންކާގެ އެއާފޯސްގެ ހާއްސަ ފްލައިޓެއްގައެވެ. އެ ފްލައިޓް އެއާޕޯޓަށް ޖެއްސި ވަގުތު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަރަކާތްތެރިވެ ވަޑައިގަންނަވާ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. ސީއެންއެން އިން ބުނާ ގޮތުގައި އެ ފްލައިޓް ވެލާނާ އެއާޕޯޓުގައި ޖައްސަން ހުއްދަ ނުދިނަސް، އެކަން ބަދަލުވީ ނަޝީދު އެކަމުގެ ތެރެއަށް ވަދެވަޑައިގަތުމުންނެވެ. އެކަމާ ގުޅިގެން ދެ ގައުމުގެ އާންމުން ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.

ނަމަވެސް، ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި ނަޝީދު ވެސް ހުންނެވީ ހަނެވެ. ރައީސް އޮފީހުގެ ފަރާތުން ބަހެއް ލިބިފައި ނުވާއިރު، ފޮރިން މިނިސްޓްރީން ބުނީ އެ މައްސަލައާ މެދު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް މިކަމާ ބެހޭ އެއްވެސް ކަމެއް އެނގިފައި ނުވާ ކަމަށް، އެ އިދާރާއިން ވަނީ ބުނެފައެވެ.

ލަންކާގެ އިގްތިސޯދީ ހާލަތު ދަށަށް ގޮސް އެގައުމުގެ ރައްޔިތުން ނިކުމެ ރިޔާސީ ގަނޑުވަރު ހިފައި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ދިރިއުޅުއްވާ ގެކޮޅުގައި ހުޅުޖަހައި ރޯކޮށް، ގެއްލުން ދީފައި ވާއިރު، އެ ދެ ބޭފުޅުންވެސް އިސްތިއުފާ ދެއްވާނެކަން ވަނީ އިއުލާން ކުރައްވާ ފައެވެ. އަދި އިސްތިއުފާގެ ސިޓީގައި ގޮތަބަޔާ ސޮއިކުރައްވައި، މިއަދުގެ ތާރީހު ޖައްސަވާފައި ވާއިރު، އޭނާ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެންނެވި އިރު، ދިވެހި ސަރުކާރަށް ނޭނގި އޮވެދާނެ ކަަމާމެދު ސުވާލު އުފެދެއެވެ.