އިގްތިސޯދީ ގޮތުން މިފަދަ ދަތި ދުވަސްވަރެއްގައި ދައުލަތުން ދަތުރުތަކަށް ހަރަދުކުރުން ހުއްޓާލައި، ސިޔާސީ މަގާމުތައް މަދުކުރުމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިންތިގާލީ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.
އެމްއެންޕީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ބޭކާރު ގޮތުގައި ސަރުކާރުން ސިޔާސީ މަގާމުތައް އުފައްދައި، ދައުލަތަށް ލިބޭ އާމްދަނީން ބޭކާރު ހަރަދުތައް ކުރުމަކީ އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، އިގްތިސޯދީ ގޮތުން ރާއްޖެ އޮތް ހާލަތަށް ބަލާއިރު، ސިޔާސީ މަގާމުތައް މަދުކޮށް، ދައުލަތުގެ ހަރަދުތައް މަދު ކުރުމަށް ސަރުކާރުން ސަމާލުކަން ދޭން ޖެހެއެވެ. އެގޮތުން ދައުލަތުގެ ބަޖެޓުގައި ހުރި ރާއްޖޭން ބޭރަށް ކުރަން ޖެހޭ ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެ، ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކަށް ދައުލަތުން ހަރަދުކުރުން ހުއްޓާލުމަށް ނާޒިމް ވަނީ ގޮވާލައްވައިފައެވެ.
އޭގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުން ވެސް ބޭކާރު ހަރަދުތައް ކުރުން ހުއްޓާލުމަށް ނާޒިމް ވަނީ ގޮވާލައްވައިފައެވެ.
"އެހެންވީމަ އަޅުގަނޑުމެން ހަމަ މި ފުރުސަތުގަ ހަމަ ސަރުކާރަށް ގޮވާލަން އެސްއޯއީތަކަށްވެސް އެކަން އަންގަން އެކަން ނުކުރަން. އެއީ މި ދަނޑިވަޅަކީ އަޅުގަނޑުމެން ގަބޫލުކުރިޔަސް އަދި ނުކުރިޔަސް އިގްތިސޯދީ ގޮތުން ރަނގަޅު ދަނޑިވަޅެއްނޫން." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މި ދުވަސްވަރު ދުނިޔޭގެ ބާޒާރަށް ކުރާ އަސަރު ރާއްޖެއަށް ވެސް ކުރާނެއެވެ. ވަކިން ހާއްސަކޮށް ރާއްޖެއަކީ ތެލަށް ބަރޯސާވެ ތެލަށް ހަރަދުކުރާ ގައުމަކަށް ވާތީވެ، ދައުލަތުގެ ރިޒާވް ދަށްވާނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނާޒިމް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ފިނޭންސް މިނިސްޓްރީން ބުނީ، ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށްޓަކައި ޓެކްސް ބޮޑުކުރުމަށް ކަމާގުޅޭ އިދާރާތަކާއި ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.