ބުދަ ދުވަހުގެ ވަގުތެއްގައި އަފްގާނިސްތާނަށް އައި ބާރުގަދަ ބިންހެލުމުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެފައި ވުން އެކަށީގެން ވާ ކަމަށް އަފްގާނިސްތާނުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާ ހަވާލަދީ، ބީބީސީއިން ރިޕޯޓް ކޮށްފިއެވެ.

ބިންހެލުމުގެ ހާދިސާއާ ގުޅިގެން މަރުވި މީހުންގެ އަދަދު 1000 އަށް ވުރެ މައްޗަށް އަރާފައި ވާ އިރު، ބޯކޮށް ވާރޭވެހެމުން ދިއުމާއި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން، ރެސްކިއު މަސައްކަތަށް ހުރަސް އެޅެމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ.

ބިންހެލުމުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެފައި ވުން އެކަށީގެންވާ ކަމަށް ކުރި ރިޕޯޓާ ގުޅިގެން ބީބީސީއިން އިތުރު ތަފްސީލެއް ހާމަ ކޮށްފައެއްނުވެއެވެ.

އަފްގާނިސްތާނުގެ ގެތަކަކީ އާންމު ގޮތެއްޗައި ޗަކައާއި ކިސަޑުން ހަދާފައި ހުންނަ ގެތަކެކެވެ. ރެކްޓާ މިންގަނޑުން 6.1 ގެ ބާރު މިނުގައި އައި ބިންހެލުމުގައި ގިނަ އިމާރާތްތަކެއް ބިމާ ހަމަވެފައި ވާ އިރު، އިމާރާތްތަކުގެ ދަށުވެ ވަޅުލެވިފައި ވާ މީހުންގެ އަދަދެއްވެސް އަދި ސާފެއް ނުވެއެވެ.

މުއާސަލާތީ ހިދުމަތްތަކަށްވެސް ބުރޫ އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އޯގަސްޓް 2021 ގައި އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ތޯލިބާނުން ވަނީ އެ ގައުމަށް ބައިނަލްއަގުވާމީ އެހީ ބޭނުންވެގެން އެކަމަށް އެދި ގޮވާލާފައެވެ. ބައެއް ފަރާތްތަކުން މިހާރުވެސް ވަނީ އަފްގާނިސްތާނަށް އެހީ ފޯރުކޮށްދޭން ފަށާފައެވެ.

ހާދިސާގެ ކުރިންވެސް އަފްގާނިސްތާނުގެ ސިއްހީ ނިޒާމަކީ މުޅިންހެން އިނދަޖެހިފައި އޮތް ނިޒާމެކެވެ.

ބިންހެލުން ކުރިމަތިވިއިރުވެސް އަފްގާނިސްތާނަކީ އިންސާނީ އަދި އިގުތިސޯދީ ކާރިސާއެއްގައި އޮތް ގައުމަކަށް ވާ އިރު، ހާލުގައި ޖެހި، އެހީއަށް ބޭނުންވެފައި ވާ މީހުންނަށް އެންމެ ފުރިހަމަ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެވެމުން ނުދާ ކަން، ތޯލިބާނުންގެ އިސް އޮފިޝަލަކު ވަނީ ފާހަގަ ކޮށްފައެވެ.

ގުދުރަތީ ގޮތުން އަފްގާނިސްތާނު އުފެދިފައި އޮންނަނީ ބިމުގެ ލޮޅުންތައް ގިނަ ސަރަހައްދެއްގައެވެ. ނަމަވެސް ސިލްސިލާ ގޮތެއްގައި ދެމިގެންދިޔަ ހަމަނުޖެހުންތަކާ ހަނގުރާމަތަކުގެ ސަބަބުން، ގުދުރަތީ ކާރިސީ ހިރާސް ކުޑަ ކުރުމަށް، އަފްގާނިސްތާނުގައި އެކަށީގެންވާ ފެންވަރުގެ މަސައްކަތްތަކެއް އަދި ކުރެވިފައެއް ނެތެވެ.

ފާއިތުވީ 10 އަހަރެއްހާ ދުވަހަށް ބަލާއިރު، ބިންހެލުމުގެ އެކި ހާދިސާތަކުގައި އަފްގާނިސްތާނުން މަރުވި މީހުންގެ އަދަދު 7000 އަށް ވުރެ މައްޗަށް އަރައެވެ.