އިއްޔެ އަފްގާނިސްތާންގެ ހީރަތަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 100 އަށް އަރާ 500 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވާ ކަމަށް ރިޕޯޓް ކޮށްފިއެވެ.
ރިކްޓާ މިންގަނޑުން 6.3 ގެ ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ ހީރަތު ހިމެނޭހެން އެ ސިޓީގެ ހުޅަނގުން 40 ކިލޯމީޓަރަށެވެ.
ބިންހެލުމާ ގުޅިގެން އައި އިތުރު ލޮޅުންތަކާއެކު އިމާރާތްތައް ފުނޑުފުނޑުވެ ވެއްޓިފައި ވާ އިރު ގިނަ ބަޔަކު ގާކުޏޑިތަކުގެ ދަށުވެފައި ވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގަދީމީ ސަހަރެއްގެ ގޮތުގައި އޮތް ހީރަތަކީ، އިހުގެ ގިނަ އިމާރާތްތައް ހުރި ތަނަކަށް ވާއިރު، މުއްޓާއި އެނޫންވެސް ފަސޭހައިން ފުނޑުފުނޑުވާނެ ފަދަ ގިނަ އިމާރާތްތައް ހުރުމަކީ މިހާ ގިނަ އަދަދެއްގެ ބަޔަކު ަމރުވަން ދިމާވި ހާލަތު ކަމަށް މުރާސިލުން ބުނެއެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން މަރުވި މީހުންގެ އަދަދު 320 އަށް އަރައެވެ. ނަމަވެސް އަފްގާނިސްތާންގެ ޑިފެންސް މިނިސްޓްރީން އާންމުކޮށްފައި ވާ އަދަދަކީ 100 އެވެ.
އދ ގެ ކޯޑިނޭޝަން އޮފީހުން އެއްކުރަމުން ދާ މައުލޫމާތަށް ބަލާއިރު ތާށިވެފައި ތިބި މީހުންނާއި، ގާކުނޑިތަކުގެ ދަށުވެފައި މީހުން ތިބުމާއެކު މަރުވާ މީހުންގެ އަދަދު އަދިވެސް މަތިވުމަކީ އެކަށީގެން ވާ ކަމެކެވެ.
ހީރަތުން ވާހަކަ ދެއްކި މީހަކު ބުނީ، މައި ބިންހެލުމާއެކު އިތުރު 5 ލޮޅުމެއް އައި ކަމަށާއި އާންމުން ތިބީ ހާސްކަމެއްގައި ކަމަށެވެ.
ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އަވަށްތަކުގެ ތެރޭގައި ހީރަތުގެ ޒެންދާ ޖޭން، ފަރާހް އާއި ބަޖަސް ހިމެނެއެވެ.
ޒަހަމްވެފައި ތިބި މީހުން ހޮސްޕިޓަލްތަކާ ހަމައަށް އުފުލުމުގައި 12 ވަރަކަށް އެމްބިއުލާންސް ހަރަކާތްތެރި ވާއިރު ގާކުނޑިތަކުގެ ދަށުވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް އަވަސް ކުރުމަށް ތޯލިބާން ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި އެކަމުގައި ހީރަތުގެ އެކި އިދާރާތަކާއި ކައިރި ޝަހަރުތަކުގެ އިދާރާތަކުން އަވަސް އެހީ ފޯރުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.