ވިދުމާއެކު ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ހިނގަމުން ދާ ހާދިސާތަކުގައި ޕާކިސްތާނާއި އަފްގާނިސްތާނުން 100 އެތައް މީހަކު މަރުވެއްޖެއެވެ.

އޮފިޝަލުން ބުނީ ދެގައުމުގެ ގުޅޭ ސަރަހައްދު ހިމެނޭހެން ވާރޭ ވެހެމުން ދާއިރު ޕާކިސްތާނުން 50 އަދި އަފްގާނިސްތާނުން 50 މީހަކު މަރުވެފައި ވާ ކަމަށެވެ. ޕާކިސްތާނުން އެންމެ ގިނަ ބަޔަކު މަރުވީ އަފްގާނިސްތާނާ އިންވެގެން އޮންނަ ހައިބާރު ޕަހުތުންހުވާ ސަރަހައްދުންނެވެ. އެސަރަހައްދުގައި ފެންބޮޑުވެފައި ވާ އިރު ފަރުބަދަ ތައް ކަނޑައިގެން ގޮސް ކިސަޑުފައިބައި ބައެއް ގެތަކާއި ގަސްތައްވެސް ވަޅުލެވިފައި ވާ ކަމަށް އޮފިޝަލުން ބުނެއެވެ. އެންމެ ގިނަ ބަޔަކު އެއްފަހަރާ މަރުވި ކަމަށް ރިޕޯޓު ކޮށްފައި ވަނީ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސުންނެވެ. އެސަރަހައްދުން 21 މީހަކު މަރުވެފައި ވެއެވެ.

ވެރިރަށް އިސްލާމު އާބާދާ ހަމައަށް ވިއްސާރަ ކުރަމުން ދާ އިރު ދެކުނު ބިތުގެ ބަލޯޗިސްތާން ޕްރޮވިންސުންވެސް 7 މީހަކު މަރުވެފައި ވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

އަފްގާނިސްތާނުގެ ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން ބުނީ, އެގައުމަށް ކުރަމުން ދާ ވިއްސާރައިގައި 50 މީހަކު މަރުވުމުގެ އިތުރުން 36 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ވެސް ރިޕޯޓު ކޮށްފައި ވާ ކަމަށެވެ.

600 އަށް ވުރެ ގިނަ ގެ ހަލާކުވެފައި ވާ ކަމަށާއި ނައަމްސޫފީގެ ތެރެއިން 200 އަށް ވުރެ ގިނަ ނައަމްސޫފި [ގެރި ބަކަރި] މަރުވެފައި ވާ ކަމަށެވެ. އަދި ދަނޑުބިންތަކުން ބޮޑު ސަރަހައްދެއް ހަލާކުވުމުގެ އިތުރުން 85 ކިލޯމީޓަރުގެ މަގުވެސް ހަކާލުވެފައި ވާ ކަމަށެވެ. އަފްގާން އިދާރާތަކުން ބުނީ ހާލުގައި ޖެހުނު 23,000 އާއިލާއަކަށް މިހާރު އެހީތެރިކަން ފޯރުކޮށް ދެވިފައި ވާ ކަމަށާއި ވިއްސާރައިގެ އަސަރު 34 ޕްރޮވިންސަކަށް ކޮށްފައި ވާ ކަމަށެވެ.

އަފްގާނިސްތާނާއި ޕާކިސްތާނަކީ މޫސުމީ ތަފާތު ގިނަ ހާދިސާތަކާ ކުރިމަތިވާ ދެގައުމެވެ. އެގޮތުން ޕާކިސްތާން ތަޅާލި ބޮޑު ވިއްސާރައިގައި ބިލިއަނުން ލިބުނު ގެއްލުމުން ޕާކިސްތާން އަރައިނުގަނެ އުޅެނިކޮށް ކުރިމަތިވި މި ވިއްސާރައިގެ ސަބަބުން ގޮންޖެހުންތައް ބޮޑުވެފައި ވާ ކަމަށް އެގައުމުން ބުނެއެވެ. މީގެ ކުރިން އަފްގާނިސްތާނަށް އައި ބިންހެލުމެއްގައި 1500 މީހަކު މަރުވެ އެތައް ސަތޭކާ ގެއެއް ބިމާ ހަމަވެ ލިބުނު ގެއްލުމުން އަރައިނުގަނެވި އުޅެނިކޮށް ކުރިމަތި ވި މި ވިއްސާރައިގައި އެގައުމަށް ވެސް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.