ޗައިނާގެ އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގަމުން އަންނަ ހޮންގްކޮންގްގައި ހުންނަ މާ ސިންގާ ފްލޯޓިންގް ހޮޓަލެއް ކަމަށްވާ "ޖަމްބޯ ފްލޯޓިންގް ރެސްޓޯރަންޓް" ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ޣަރަގުވެފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

"ޖަމްބޯ ފްލޯޓިންގް ރެސްޓޯރަންޓް" ހިންގާ އެބާޑީން ރެސްޓޯރަންޓް އެންޓަޕްރައިޒަސްއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މި ހާދިސާގައި ކުރޫގެ އެއްވެސް މެންބަރަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.

ފްލޯޓިންގް ހޮޓާ އަޑިއަށް ދިޔައީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. ހާދިސާ ހިނގީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި އޮންނަ ޝީޝާ އައިލަންޑްސް ކައިރިން ދަތުރު ކުރަމުން ދަނިކޮށްކަން ވަނީ ހާމަ ކޮށްފައެވެ.

ފްލޯޓިންގް ހޮޓާ ސަލާމަތް ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، "ޖަމްބޯ ފްލޯޓިންގް ރެސްޓޯރަންޓް"، ދެކުނު ޗައިނާ ކަނޑަށް އަޑިއަށް ގޮސްފައި ވާ ކަމަށް އެބާޑީން ރެސްޓޯރަންޓް އެންޓަޕްރައިޒަސްއިން ވަނީ ހާމަ ކޮށްފައެވެ.

ދަތުރަށް ފެށުމުގެ ކުރިން މެރިން އިންޖިނޭރުން ލައްވާ ފްލޯޓިންގް ހޮޓަލުގެ ހާލަތު ވަޒަންކޮށް، ހޯދަންޖެހޭ ހުރިހާ ހުއްދައެއްވެސް ހޯދާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

"ޖަމްބޯ ފްލޯޓިންގް ރެސްޓޯރަންޓް" ފަރުމާކޮށްފައި ވަނީ ޗައިނާގެ ޝާހީ ގަނޑުވަރާ އެއްގޮތަށެވެ. އެ ހޮޓަލުގެ ކޭންތަކަށް އެކި ފަހަރު މަތިން އިންސާފު ކޮށްފައި ވާ ސެލެބްރިޓީންގެ ތެރޭގައި ޓޮމް ކުރޫޒްގެ އިތުރުން ރާނީ އެލިޒަބަތު 2 ވަނަ ހިމެނެއެވެ.

"ޖަމްބޯ ފްލޯޓިންގް ރެސްޓޯރަންޓް" އަކީ މާލީ ދަންތުރައެކެވެ. އެ ހޮޓަލުގެ މެއިންޓަނަންސްއަށް މިލިއަނުން ފައިސާ ހަރަދު ކުރަންޖެހެއެވެ. އަދި އެކި ވިޔަފާރިތަކާއި ޖަމިއްޔާތަކުން ވަނީ އެ ހޮޓާ ގަތުމަށްވެސް އިންކާރު ކޮށްފައެވެ.

މޫސުން ގޯސްވެ، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ޣަރަގުވިއިރު "ޖަމްބޯ ފްލޯޓިންގް ރެސްޓޯރަންޓް"ގެ އޮޕަރޭޝަންތައް އޮތީ ހުއްޓާލާފައެވެ. އެއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ވިޔަފާރިއަށް ކުރިމަތިވި ހީނަރުކަމާއެކު، 2020 ވަނަ އަހަރު އޮޕަރޭޝަންތައް ހުއްޓާލި ގޮތަށް، ހޮޓާ ހިންގާނެ އިތުރު ބަޔަކު، ބެލެނިވެރި ކުންފުންޏަށް ނުލިބިގެންނެވެ.