އަރަބިއްޔާ ސްކޫލް އަޅުމަށްޓަކައި ބާ ޖަމާލުއްދީން ހުރި އިމާރާތް ތަޅުމުގެ މަސައްކަތް ފަށައިފިއެވެ.

އެ އިމާރާތް ތަޅާލަން ހަވާލުކޮށްފައި ވަނީ ވެލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. ދައުލަތުގެ ބަޖެޓުން 2.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 75 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

1000 އެއްހާ ދަރިވަރުން ކިޔަވަމުންދާ އަރަބިއްޔާ ސްކޫލްގެ އިމާރަތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކުދިން ބަދަލު ކުރަން އެޑިއުކޭޝަން އިން ފުރަތަމަ ހަމަޖެއްސީ އިއްޒުއްދީން ސްކޫލަށެވެ. އެހެންނަމަވެސް ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއެކު އަރަބިއްޔާ ސްކޫލަށް ބާ ޖަމާލުއްދީންގެ ބިން ހަމަޖައްސައި ދެއްވުމަށް ސަރުކާރުން ނިންމެވިއެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކްލާސްތައް ވަނީ މި ސެމިސްޓާއިން ފެށިގެން ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވަނީ މި އަހަރުގެ ތެރޭގައި އެ ބިމުގައި އަރަބިއްޔާ އާ އިމާރާތުގެ މަސައްކަތް ފަށައި އަންނަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.