ނިމިދިޔަ ސަރުކާރުން ނިންމާނެ ކަމަށް ބުނި އަރަބިއްޔާ ސްކޫލްގެ މަސައްކަތް ފަށާފައިވާ ކަމަށާއި 2027 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފަށާއިރު އެ ސްކޫލްގެ ދަރިވަރުންނަށް ތައުލީމް ހާސިލްކުރަން އެ އިމާރާތަށް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، "ރައްޔިތުންނާ އެކު"ގެ ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގެ މިއަދު ކުރިއަށް ގެންދިޔަ ތިން ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާއިން އުމްރާނީ ގިން މަސައްކަތްތަކެއް ކުރައްވަމުން އަންނަ އިރު އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އަރަބިއްޔާގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ

އެގޮތުން މިހާރު އެ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ފަށާފައިވާ ކަން ހާމަ ކުރައްވަމުން ރައީސް ވިދާޅުވީ، އެ އިމާރާތުގެ މަސައްކަތް އަންނަ އަހަަރުގެ ނިޔަލަށް ނިންމާލުމުގެ އަމާޒެއް ގެންގުޅުއްވާ ކަަމަށެވެ. އެހެންކަމުން 2027 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަންވާ އިރު އެ ސްކޫލް ނިމި ބޭނުން ކުރަން ފެށެނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގައި ހުރި އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ނިމިދިޔަ ސަރުކާރުން އިމާރާތެއް އަޅައި ދޭނެ ކަމަށް ބުނެ، ބާ ޖަމާލުއްދީން ސްކޫލް އިމާރާތް ތަޅާލައި އެ މަސައްކަތް ކުރުމަށް ހަވާލު ކުރީ އަމީން ކޮންސްޓްރަކްޝަން އާއެވެ. ސެޕްޓެމްބަރު 29، 2022 ގައި ހަވާލު ކުރި މި މަސައްކަތް އެވޯޑްކޮށްފައި ވަނީ 168 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް މުއްދަތް ހަމަވި އިރު ވެސް، އެ ތަނުގައި ބާ އިމާރާތް ތަޅާލައި އެތަން ސާފުކުރުން ފިޔަވާ އިތުރު މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަމަލީ ގޮތުން އަރަބިއްޔާ ސްކޫލް އެޅުމުގެ މަސައްކަތް ނުފަށާ ލަސްވަމުން ދިޔަ ސަބަބެއް ވެސް ނިމިދިޔަ ސަރުކާރުން ހާމަ ކޮށްފައި ނުވާ އިރު، އެ ސްކޫލްގެ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ދާ ސްޕީޑް ލަސްކަމަށް ބުނެ އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އެކި ފަހަރު މަތިން ވަނީ އަޑުވެސް އުފުލާފައެވެ.

40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓާއެކު ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއެކު ޖަމާލުއްދީން އެނެކްސް ތަރައްްގީ ކުރާ އިރު އަރަބިއްޔާ ސްކޫލުގައި 34 ކްލާސްރޫމާއި 2 ލިފްޓް އަދި ފާހާނާތައް ހަދާނެ ކަމަށް ކުރީ ސަރުކާރުން ބުނެފައި ވެއެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންދާތީ އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މަޖިލީހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އޭރު ވަނީ 2024 ވަނަ އަހަރު އަރަބިއްޔާ އާ އިމާރާތް ނިމި ދަރިވަރުންނަށް ވަދެވޭނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، އާ އިމާރާތެއް ބިނާ ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން އަރަބިއްޔާ ސްކޫލް އެޅުމަށް ބަޖެޓުގައި ވަނީ 33 މިލިއަން ރުފިޔާ ހިމަނާފައެވެ. އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާަފއި ވަނީ ކުރީގައި ކުނިކޮށި ހުރި ބިން ކަމުގައިވާ 381 ނަންބަރު ކޮށްޓެވެ.